މި މަހަކީ ޖެނިފާ އެނިސްޓަން އަށް ނަސީބުން ފުރިގެންވާ މަހެކެވެ. ހަތަރު އަހަރު ވަންދެން ލޯބީގެގޮތުން ގުޅިގެން އުޅުނު ޖަސްޓިން ޕެރޮކްސް އާއި ކައިވެނި ކުރުމުގެ އިތުރުން މިހާރު އެނގިފައިވާ ގޮތުގައި އެނިސްޓަން ވަނީ އެމިރޭޓްސް އެއާލައިންގެ އިޝްތިހާރު ކުޅުމަށް ފަސް މިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ހަބަރު ފެތުރިފައިވާ ގޮތުގައި އެނިސްޓަން ވަނީ މިހާރު އެއްބަސްވުމުގައި ސޮއިކޮށް އިޝްތިހާރު ކުޅެ ނިންމައިފަ އެވެ. އެމިރޭޓްސްއަކީ މުޅި ދުނިޔެއަށް މަޝްހޫރު އެއާލައިނަކަށް ވުމުން އޭގެ ފިޔަގަނޑާ އެކު ޖެނިފާ އެނިސްޓަންގެ މޫނު އަނެއްކާވެސް ދުނިޔޭގެ ހަތަރު ބިތުގައި ދިއްލިގެން ދާނެ ކަމުގެ އެއްވެސް ޝައްކެއްނެތެެވެ.
އެމިރޭޓްސްގެ އިތުރުން އެނިސްޓަންއަކީ އެވީނޯ ސްކިންކެއާ ޕްރޮޑަކްޓްސްގެ ވެސް ސްޕޯކްސްޕާސަން އެވެ. އެނިސްޓަންގެ މި ނިންމުން ނިންމާފައި ވަނީ ދާދި ފަހުން ހޮލީވުޑްގެ ތަރިއެއް ކަމުގައިވާ ނިކޯލް ކިޑްމަން އިއްތިހާދް އެއާވޭސްގެ މޫނަކަށް ވުމަށް ސޮއިކުރި ފަހުންނެވެ. އިއްތިހާދަކީ ޔޫއޭއީ ހިސާބުގައި އެންމެ ބޮޑު ދެ ވަނަ އެއާލައިނެވެ. ލިސްޓުގެ އެންމެ ކުރީ މަގާމު ކާމިޔާބު ކޮށްފައިވަނީ އެމިރޭޓްސްއިންނެވެ.
މިދިޔަ ހަފްތާގައި ވަރަށް ސިއްރުން ކައިވެނިކޮށްފައިވާ ޖެނިފާ އާއި އޭނާގެ ފިރިމީހާ ޖަސްޓިން ވަނީ މިހާރު ހަނީމޫނަށް ފޯ ސީޒަންސްގެ ބޯރާ ބޯރާއަށް ގޮސްފައެވެ.