އޮފްބީޓް

ކައިވެނީ މާބޮނޑި ފުއްލާއެއް ކާލައިފި

ކައިވެނި ޕާޓީތަކަށް ދައުވަތު ނުދޭ މީހުން ވަނުމަކީ ކައިވެނިކުރި ދެ މީހުންނަށާއި މެހެމާނުންނަށް ވެސް މާ ހިތްހަމަޖެހޭ ކަމަކަށް ނުވެ އެވެ. ނަމަވެސް އެމެރިކާގެ މިޗިގަންގައި އަލަށް ކައިވެނިކުރި ދެ ޒުވާނެއްގެ ކައިވެނީގެ ފޮޓޯތައް ވައިރަލް ވުމުން އެމީހުންނަށް ވެސް ވަރަށް މަޖާ ކަމަކަށް ވިއެވެ.

މޯގަން އާއި މޫކް މެކްލޭ ބޭނުންވީ އެމިހުންގެ ހަޔާތުގައި އައި އެންމެ ޚާއްސަ ދުވަހުގެ ހަނދާންތައް ގިނަ ޒަމާންތަކަކަށް ދެމި ހުންނާނެ ގޮތަކަށް ރައްކާ ކުރާށެވެ. އެހެންވެ ކައިވެނީގެ ރަސްމިއްޔާތުތައް ހިނގަމުންދިޔަ ވަގުތުގެ ރީތި އަދި ރޮމެންޓިކް ފޮޓޯތައް އެމީހުން ދިޔައީ ނަގަމުންނެވެ. ފޮޓޯ ނަގަމުން ގޮސް ހާމައަށް އޮތް ތަނުގައި ފޮޓޯ ނެގުމުގެ ޚިޔާލު އެމީހުންގެ ފޮޓޯގްރާފަރު ދިނެވެ. ބޭރަށް ނުކުތުމުން ފޮޓޯތަކަށް "ބޮން" އަޅާފާނެ ކަމަކަށް އޭރު އެމީހުންނެއް ހިޔެއް ނުކުރެ އެވެ. އެ ފޮޓޯތަކަށް "ބޮން އެޅީ" އިންސާނެއް ނޫނެވެ. އެހިސާބުގައި އުޅުނު ފުއްލާ އެކެވެ.

މި މީހުންގެ ކައިވެނީގައި ބައިވެރިވުމުގެ އިތުރުން އަންހެންމީހާގެ އަތުގައި އޮތް މާބޮނޑިއަކަށް މީރު ކާއެއްޗެއް ކަމަށް ހިތައި އެ ވެސް މި ފުއްލާ ވަނީ ކާލާފަ އެވެ. މިވަގުތު ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ފުއްލާ އެއްގޮތަކަށް ވެސް އެތާ ތިބި މީހުން ދެކެ ބިރެއް ނުގަނެ އެވެ. އޭގެ ބަދަލުގައި އޭތި ހަމަޖެހިލައިގެން ގޮސް މާބޮނޑި ވެސް ކާލަން މަސައްކަތް ފެށީ އެވެ.

ކައިވެނީގެ އިންތިޒާމްތައް ހަމަޖައްސާފައިވާ ތަނުގައި އޮންނަނީ ވަރަށް ބޮޑު ދަނޑެކެވެ. ފުއްލާ އުޅުނީ އެ ދަނޑުގަ އެވެ. މޯގަން އާއި ލޫކް އެ ދަނޑަށް ދިޔައީ އައުޓްޑޯގައި ރީތި ފޮޓޯތަކެއް ނެގުމަށެވެ.

އާއްމުކޮށް މިފަދަ ކައިވެނި ތަކުގައި ކައިވެނިކުރާ އަންހެންމީހާ ގެންގުޅޭ މާބޮނޑި އެންމެ ފަހު ވަގުތު ވައިގެ ތެރެއަށް ހޫރާލަ އެވެ. އަދި އެ މާބޮނޑި ހިފޭ މީހާއަކީ ދެން އެންމެ އަވަހަށް ކައިވެނި ކުރާ މީހާ ކަމުގައި ގަބޫލުކުރެ އެވެ.
ނަމަވެސް މިފަހަރު އެގޮތަށް މާބޮނޑި އެއްލޭ ގޮތެއް ނުވި އެވެ. މާބޮނޑި ވައިގައި އޮއްވާ ފުއްލާ ގޮސް އޭތި އަތުލައިގެން ނޮޅާ ހުސްކޮށްލީ އެވެ.

"އަހަރެމެންނަށް ކުރެވުނުހާ ވެސް ކަމަކީ މާބޮނޑި ފުއްލާ އަށް ކާލަން ދިނުން،" މޯގަން ބުންޏެވެ.

މިއީ މި ފުއްލާ މިގޮތަށް ލޯބީގެ ޖޯޑުތަކެއް އުނދަގޫކުރި ފުރަތަމަ ފަހަރެއް ނޫނެވެ. ދަނޑު ތެރޭގައި އާއްމުކޮށް ދިރިއުޅޭ މި ފުއްލާ މީގެ ކުރިން ވަނީ އެހިސާބުގަނޑުގައި އެންގޭޖްމަންޓް ރަސްމިއްޔާތެއް ބޭއްވި ދެ ލޯބިވެރިއެއްގެ ފޮޓޯތައް ކާލާފަ އެވެ. އަދި ބީޗްގައި އޮތް ޕްރޮޕޯސްކުރުމުގެ ވަގުތުކޮޅަކަށް ވެސް މީތީގެ އުނދަގޫ ފޯރި އެވެ.