ބޮލީވުޑް

ދަރިފުޅަށް އަމާޒުވި ފާޑުކިޔުންތަކުން ސަނީ ހިތް ހަލާކު!

ފިލްމެއް ނުވަތަ އެކްޓަރެއް ކަމުނުދިއުމަކީ ވަކި ކަމެކެވެ. ނަމަވެސް ގަދަރުވެރި ފިލްމީ އާއިލާއަކުން އަލަށް ފިލްމީ ދުނިޔެއަށް ނުކުތް އެކްޓަރަކަށް އިންތިހާއަށް މަލާމާތްކޮށް ފާޑު ކިއުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެކެވެ. މަޝްހޫރު އެކްޓަރު ސަނީ ޑެއޯލްގެ ފިރިހެން ދަރިފުޅު ކަރަން ޑެއޯލް އަށް ދިމާވީ މިފަދަ ހިތްދަތި ގޮތެކެވެ. ކަރަން ބޮލީވުޑަށް ތައާރަފު ކުރުމުގެ ގޮތުން ޚުދް ސަނީ ޑައިރެކްޓްކުރި ފިލްމް "ޕަލް ޕަލް ދިލް ކޭ ޕާލް" ރިލީޒް ކުރުމާއެކު އޭނާގެ ދަރިފުޅަށް އަމާޒުވި މަލާމާތުން ސަނީ ވެސް ހިތް ހަލާކުވެފަ އެވެ.

ސަނީގެ ގާތް މީހަކު ބުނި ގޮތުގައި ސަނީ އަކީ އޭނާގެ ދަރިން ވަރަށް ރައްކާތެރިކޮށް ގެންގުޅޭ އަދި އެ ދަރިންނާ މެދު ވަރަށް ފަޚުރުވެރިވާ މީހެކެވެ. ފިލްމު ކުޅެން ދަރިފުޅު ދެކެމުންދިޔަ ހުވަފެން ހަގީގަތަކަށް ހަދައިދިނުމަށްޓަކައި ސަނީ ފިލްމެއް އުފެއްދީ އެހެންވެ އެވެ. ފަހަރެއްގައި "ޕަލް ޕަލް ދިލްކޭ ޕާސް" އަކީ ކްރިޓިކްސް އާއި ބެލުންތެރިން އުންމީދުކުރި ކަހަލަ ފިލްމަކަށް ނުވެދާނެ އެވެ. ނަމަވެސް ޒާތީވެ ފިލްމަށާއި ކަރަން އަށް މަލާމާތްކޮށް ފުރައްސާރައާ ކުރިމަތިވީ ކަމީ ސަނީ އަށް ވަރަށް ހިތްދަތިކަން ލިބުނު ކަމެކެވެ.

ފިލްމަށާއި ކަރަން އަށް ބިނާކުރަނިވި ފާޑުކިޔުންތަކެއް ކީނަމަ ސަނީ އަށް ވެސް މައްސަލައެއް ނޯތީހެވެ. ނަމަވެސް ޒާތީގޮތުން ދިމާކޮށްލާ ގޮތަށް ފާޑުކިއުމަކީ އޭނާއަށް ބަލައިގަންނަން އުނދަގޫ ކަމަކަށް ވީއެވެ.

"ޕަލް ޕަލް ދިލް ކޭ ޕާސް"ގެ ރިވިއުތަކުގައި ކްރިޓިކްސް ބަލާފައި އޮތީ އެމީހަކަށް ވެވުނު އެންމެ ގަދަޔަކަށް ވަކި އަޅާ ފިލްމު ނޮޅާށެވެ. އިންސާނީ ހުރުމަތް ކެނޑޭ މިންވަރަށެވެ.

ފިލްމު ބެލި ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި "ޕަލް ޕަލް ދިލް ކޭ ޕާސް" އަކީ ވަރަށް ހުތުރު ފިލްމެކެވެ. އަދި އުންމީދު ކުރި ވަރާ ގާތަށް ވެސް އެ ފިލްމު ރީއްޗެއް ނޫނެވެ. ބެލުންތެރިންނާއި ކްރިޓިކްސް ހިތްހަމަނުޖެހޭ ފިލްމެއް އުފެއްދުމަކީ ޖަރީމާއަކަށް ނުވެ އެވެ. ރަންބީރު ކަޕޫރުގެ ފުރަތަމަ ފިލްމު "ސާވަރިޔާ" ރިލީޒްވުމުން ވެސް މިގޮތަށް ކްރިޓިކްސް އެ ފިލްމަށް ފާޑުކިއުންތައް އިންތިހާއަށް އަމާޒުކުރި އެވެ. ނަމަވެސް މިހާރު ރަންބީރަކީ ބޮލީވުޑްގައި އެންމެ ގަދަޔަށް ފިޔަޖަހާ އެއް ތަރި އެވެ.

ކަރަން ޑެއޯލް ފެނުނީ ވަރަށް "ލަކުޑިބުރި" އެއް ގޮތަކަށް ކަމަށާއި އެއްވެސް އެކްސްޕްރެޝަނެއް ނެތް ކަމަށް ބުނެ އޭނާ އަށް ފާޑުކިޔުންތައް އަމާޒުވަމުންދާއިރު ސަންޖޭ ދަތު ވެސް ފުރަތަމަ ފިލްމު "ރޮކީ" ގައި ފެނުނީ ހަމަ އެފަދަ ގޮތަކަށެވެ. ނަމަވެސް ފަހުން އޭނާގެ އެކްޓިން ރަނގަޅުކުރަމުން އައިސް މިހާރު އޭނާއަކީ ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އެންމެ މޮޅު އެއް އެކްޓަރެވެ.

ޓައިގާ ޝްރޮފްގެ ފުރަތަމަ ފިލްމު "ހީރޯޕަންތީ" އިން އޭނާއަށް ވެސް މިފަދަ ގޮތަކަށް ފާޑު ކިއެވެ. އަދި "ބީވީ ހޯތޯ އޭސާ" ރިލިޒްވުމުން ސަލްމާން ޚާނަށް ވެސް މިފަދަ މަލާމަތްތައް ރައްދުވި އެވެ. ނަމަވެސް އޭގެ ފަހުން ނުކުތް "މައިނޭ ޕިޔާރް ކިޔާ" ނުކުތުމާއެކު ކުރިން ފާޑުކީ މީހުން ސަލްމާނަށް ތައުރީފު ކުރި އެވެ. އަދި އަކްޝޭ ކުމާރު ވެސް "ސައުގަންދު"ގައި ދައްކާފައިވަނީ ވަރަށް ދަށް އެކްޓިން އެކެވެ.

އެހެންވެ ކަރަން އަށް ވެސް ފުރަތަމަ ފިލްމުގައި މިހެން ދިމާވިޔަސް އިތުރު ފުރުސަތު ލިބެން ޖެހޭނެކަމަށް އޭނާއަށް ތާއީދުކުރާ އަދި ދަރުމެންދުރަގެ އާއިލާގެ އެކްޓަރުންނަށް ސަޕޯޓްކުރާ މީހުން ގަބޫލު ކުރެ އެވެ.