ސައިންސް

މާސްގައި ޓޫރިސްޓުން ތިބޭނެ ސަރަހައްދުތައް!

އިރުގެ ނިޒާމުން ދުނިޔެއާ އެންމެ ކައިރީގައިވާ ޕްލެނަޓަކީ މާސް އެވެ. މާސް މަޝްހޫރުވެފައި ވަނީ ރެޑް ޕްލެނެޓުގެ ގޮތުގަ އެވެ. މިއީ ކުރި މަގުގައި މުއްސަދިން އެމީހުންގެ ޗުއްޓީ ހޭދަކުރާނެ މަންޒިލް ކަމަށް ބެލެވެ އެވެ. މާސްއަށް ޓޫރިސްޓުން ފޮނުވުމަކީ ޖައްވީ އިދާރާތަކުގެ އަމާޒެކެވެ. އެކަން ކުރުމަށްޓަކައި ސްޕޭސް އެކްސް އިން ވަނީ ރީޔޫޒަބަލް ރޮކެޓެއް ވެސް ތައްޔާރުކޮށްފަ އެވެ. އަދި އެހެން ޖައްވީ އިދާރާއަކުން ވަނީ ސްޕޭސް ހޮޓަލެއްގެ ޑިޒައިން އާންމުކޮށްފަ އެވެ. މި ހުރިހާ ކަމެއް ވެސް ކުރަނީ 2027 ވަނަ އަހަރުގެ ނިޔަލަށް މާސްއަށް ޓޫރިސްޓުން ފޮނުވާށެވެ.

މާސްގައި ކޮށްފައިވާ ދިރާސާތަކުގެ އަލީގައި ޓޫރިސްޓް ޑެސްޓިނޭޝަންގެ ގޮތުގައި މާކެޓް ކުރާނެ ސަރަހައްދުތައް މިހާރު ވަނީ ދެނެގަނެވިފަ އެވެ. އެއީ މާސްގެ އެންމެ ރީތި ސަރަހައްދު ތަކެވެ. އެކަމަކު މާސްއަށް ޓޫރިސްޓުން ދިޔަ ނަމަވެސް އުޅަނދުން ފައިބައެއް ނޫޅެވޭނެ އެވެ. ސަބަބަކީ މާސްގައި ހުރި ވިހަ ގޭސްތައް ނައްތާލުމުގައި އަދިވެސް ސައިންސްވެރިން ކާމިޔާބަކާ ހަމައަށް ދެވިފައި ނުވާތީ އެވެ. އެހެންކަމުން ޓޫރިސްޓުން ޖެހޭނީ އުޅަނދުގައި ތިބެގެން މާސްގެ މަންޒަރުތައް ބަލާށެވެ.

ޓޫރިސްޓު ޑެސްޓިނޭޝަނެއްގެ ގޮތުގައި މާކެޓް ކުރަން މިހާތަނަށް ފެނިފައިވަނީ ހަތަރު ސަރަހައްދެކެވެ. އެ ސަރަހައްދު ތަކުގައި ގޭހުގެ މިންވަރު މަދުވެ، ތޫފާންތަކުގެ ބާރު ފޯރާ މިންވަރު ކުޑަވުމުން މިއީ ޓޫރިސްޓުންގެ ސަލާމަތަށް އެންމެ އެކަށީގެންވާ ސަރަހައްދުތަކެވެ.

އޮލިމްޕަސް މޫން

މިއީ މާސްގެ ވަރަށް މުހިންމު ސަރަހައްދެކެވެ. މާސްގައި ނާސާއިން އެންމެ ފުރަތަމަ ކުރި ދިރާސާގައި މި ސަރަހައްދުގެ ވީޑިއޯ އެނަލައިސިސްއެއް ވަނީ ހަދާފަ އެވެ. އޮލިމްޕަސް މޫނަކީ މާސްގައިވާ އެންމެ ބޮޑު އަލިފާން ފަރުބަދަ ހުންނަ ސަރަހައްދަ އެވެ. އެ ފަރުބަދައަށް ކިޔަނީ ވެސް އޮލިމްޕަސް މޫނެވެ. މި ސަރަހައްދުގެ ބޮޑު މިނަކީ އެމެރިކާގެ ސްޓޭޓެއް ކަމަށްވާ އެރިޒޯނާގެ ބޮޑު މިނެވެ.

ތާސިސް

ތާސިސް ސަރަހައްދަކީ ވެސް އަލިފާނުގެ ފަރުބަދަ ހިމެނޭ ބޮޑު ސަރަހައްދެކެވެ. އޮލިމްޕަސް މޫން ސަރަހައްދަށް ދާއިރު ދުރުން ތާސިސް ފެންނަން އޮންނާނެ އެވެ. މި ސަރަހައްދުގައި 12 އަލިފާން ފަރުބަދަ ހިމެނެ އެވެ. ތާސިސް ސަރަހައްދުގައި ހުންނަ ފަރުބަދަތައް އެވަރެސްޓް ފަރުބަދައަށް ވުރެ އެތައް ގުނައެއް ބޮޑު ވާނެ އެވެ.

ވަލޭސް މެރިނާސް

މާސްއަކީ ހަމައެކަނި އަލިފާން ފަރުބަދައިން ފުރިގެންވާ ތަނެއް ނޫނެވެ. މާސްގައި އޮންނަ ވަލޭސް މެރިނާސްއަކީ ޓޫރިސްޓުން ގެންދަން އެންމެ ކަމުދާ ސަރަހައްދެވެ. މި ސަރަހައްދަކީ ކުރިން މާސްގައި ފެން ކޯރެއް އޮތް ސަރަހައްދެވެ. އެހެން ކަމުން މި ސަރަހައްދު ފަރުބަދައެއްހާ އުސްވާނެ އެވެ. އަދި ފެން ކޯރު ހެދިފައިވާ ސަރަހައްދު ބަލަން ތިރިއަށް ލޯ އަމާޒު ކުރާއިރު ހީވާނީ ހަނަފަސް ސަރަހައްދެއްގައި މީހަކު ކޮނެފައިވާ ވަޅުގަނޑެއް ހެންނެވެ. ސަބަބަކީ މާސްގައި ހުރި ފެން އެވަޕަރޭޓް ވެފައިވާތާ މިހާރު އެތަކެއް މިލިއަން އަހަރުވެފައިވާނެތީ އެވެ.

އުތުރު އަދި ދެކުނު ތަނޑި

މިއީ މާސްގައި އުފެދިފައިވާ ގަނޑުފެން ހުންނަ ސަރަހައްދެވެ. މި ސަރަހައްދު ސިފަވާނީ އެންޓާޓިކާގެ ސިފައިގަ އެވެ. އެކަމަކު އާދައިގެ ފިނި ކޯޓެއް ލައިގެން މިތަނުގައި ކެތް ނުވާނެ އެވެ. މި ސަރަހައްދަށް ދަތުރު ކުރާ ޓޫރިސްޓުންނަށް ހާއްސަ ފިނި ކޯޓެއް ޖައްވީ އިދާރާއިން ދޭނެ އެވެ. އެކަމަކު ތިބެން ޖެހޭނީ ޖައްވީ އުޅަނދުގެ އެތެރޭގަ އެވެ.