އެމެރިކާގެ ނިއުޔޯކުގައި ބޭއްވި އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެ ވަޑައިގެން މާލޭގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ބައްލަވާލައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު އެމަނިކުފާނު މާލެ ވަޑައިގެންފައިވާ ކަމަށާއި އެއަށް ފަހު ފުރަތަމަ ޒިޔާރަތް ކުރެއްވީ އަބަދަށް ފެހިމަގުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ކަމަށެވެ.
އަބަދަށް ފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެގެން އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ މި މަހު 20 ވަނަ ދުވަހުގެ ރޭގަ އެވެ. ރައީސް ސޯލިހު އދ. ގައި ތަގުރީރު ކުރެއްވުމަށް އެމެރިކާއަށް ފުރައިވަޑައިގަތީ އޭގެ އަނެއް ދުވަހު ހެނދުނުގެ ވަގުތެއްގަ އެވެ.