ބޮލީވުޑް

ކާރްތިކް އާރްޔަންއަށް ފޭނެއްގެ ހުވަފެނީ ޕްރޮޕޯޒަލެއް

ކާރްތިކް އާރްޔަން އަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ގިނަ ފޭނުން ހޯދާފައިވާ އެއް އެކްޓަރެވެ. އޭނާގެ ހިތް ތިރި ކަމާއި މަޖާކަމުން އަދި ސަޕޯޓަރުންނާ ބާއްވާ ގާތްކަމުން ވަރަށް ގިނަ މީހުން އޭނާ ދެކެ ލޯބިވެ އެވެ. ޚާއްސަކޮށް އަންހެންކުދިންގެ ހިތްތައް ކަތިލުމުގައި ކާރްތިކް ވަރެއް ނެތެވެ. އޭނާއަށް މިހާރު ގިނަ ބަޔަކު "ނެޝަނަލް ކްރަޝް"ގެ ގޮތުގައި މުޚާތަބުކުރަނީ އަންހެންކުދިން އޭނާއާ ހެދި މޮޔަވެގެން އުޅޭ ވަރުންނެވެ.

މިދިޔަ މަހު ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯއެއްގައި އަންހެންކުއްޖަކު ކާރްތިކްގެ ކޮލުގައި ހިފާލާ މަންޒަރު ފެނިފައި ވެއެވެ. އަދި މިހާރު ދައުރުވާ ވީޑިއޯއެއްގައި އަންހެންކުއްޖަކު ކަކޫ މައްޗަށް ތިރިވެ ކާރްތިކް އަށް ޕްރޮޕޯސްކުރާ މަންޒަރު ފެނެ އެވެ.

ބޮލީވުޑް ރިޕޯޓްތައް ބުނާ ގޮތުން މި ކުއްޖާ ކާރްތިކް ލޮލުކޮޅަށް ނަމަވެސް ދެކިލާހިތުން ކޮލެޖަށް ނުގޮސް ކާރްތިކްގެ ހުންނަތާ 15 ވަރަކަށް ދުވަސް ވެއްޖެ އެވެ. އަދި އެހާ ދުވަހުން ކާރްތިކް އާ ބައްދަލުވުމުން އެންމެ ވަގުތުކޮޅެއް ވެސް ނަގާނުލާ ޕްރޮޕޯސް ކުރީ އެވެ.

މި ވީޑިއޯގައި އެ ކުއްޖާ ކައިރީ އޭނާ އޯކޭ ތޯ އަދި ތި ކަހަލަ ކަންތައް ނުކުރައްޗޭ ކާރްތިކް ބުނާ އަޑު އިވެ އެވެ.
އޭނާއާއެކު ފޮޓޮއެއް ނަގަން ކުއްޖާ އެދުމުން ކާރްތިކް ވަނީ އެ ފުރުސަތު ދީފަ އެވެ.

ކާރްތިކް އަކީ މިހާރު ބޮލީވުޑްގެ އެންމެ ބިޒީ އަދި އެންމެ ކާމިޔާބު އެއް އެކްޓަރެވެ. އޭނަގެ ފުރަތަމަ ފިލްމު "ސޯނޫ ކީ ޓީޓޫ ކީ ސްވީޓީ" ކާމިޔާބުވިއިރު ދެ ވަނަ ފިލްމު "ލުއްކާ ޗުއްޕީ" ވެސް ވަނީ 100 ކްރޯޑް (1000 މިލިއަން ރުޕީސް) އަށް ވުރެ ގިނައިން ހޯދާފައެވެ.

ކާރްތިކް މިހާރު ކުޅެމުންދަނީ އަނަންޔާ ޕާންޑޭ އާއި ބޫމީ ޕަޑްނޭކަރް އާއެކު ކުޅޭ "ޕަތީ ޕަތުނީ އައުރް ވޯ" އެވެ. އަދި ވަރަށް އަވަހަށް "ބޫލް ބުލައްޔާ 2" ގެ ޝޫޓިން ފަށާނެ އެވެ.

އަދި އޭނާގެ ހަގީގީ ލޯބިވެރިޔާ ކަމަށް ތުންތުންމަތިން ވާހަކަ ދެކެވޭ ސާރާ އަލީ ޚާން އާއެކު ކާރްތިކް ވަނީ "ލަވް އާޖް ކަލް" ގެ ސީކުއަލްގެ ޝޫޓިން ނިންމާފަ އެވެ.