ޔުނައިޓެޑް އެއާލައިންސްގެ ފްލައިޓެއްގެ ފާޚާނާގައި ފަސިންޖަރަކު ތާށިވެގެން އެ ފްލައިޓް އަނބުރާލަން ޖެހިއްޖެ އެވެ. ވޮޝިންޓަން ޑީސީ އިން ސެން ފްރެންސިސްކޯ އަށް ދަތުރުކުރި މި ފްލައިޓް ޑައިވާޓްކޮށް ޖައްސާފައިވަނީ ޑެންވާގެ ބައިނަލްއަގުވާމީ އެއާޕޯޓަށެވެ.
ސީއެންއެން އިން ބުނި ގޮތުގައި މި ފްލައިޓުން ދަތުރުކުރި ގިނަ ބަޔަކު ވަނީ މި މީހާ ފާޚާނާއިން ސަލާމަތްކުރަން ކުރި މަސައްކަތް ވީޑިއޯ ކޮށް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފަ އެވެ.
އެއާލައިނުން ބުނި ގޮތުގައި އަންހެނަކު ފްލައިޓްގެ ފާޚާނާގައި ހުއްޓާ ފާޚާނާގެ ދޮރުގައި މައްސަލައެއް ޖެހި ހުޅުވޭގޮތް ނުވީ އެވެ. މި އަންހެންމީހާއަށް ގެއްލުމެއް ނުލިބި ސަލާމަތްވިޔަސް މި ކަމުގެ ސަބަބުން ފްލައިޓް ގިނަ އިރު ތަކަކަށް ލަސްވި އެވެ.
މި މީހުންނަށް ގެއްލުމުގެ ބަދަލެއް ދޭނެކަމެއް އެއާލައިންގެ ސްޓޭޓްމަންޓްގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް މައާފަށް އެދުމަށްޓަކައި ފްލައިޓުން ދަތުރުކުރި މީހުން ހޯދަމުންދާ ކަމަށް ބުނެފައި ވެއެވެ.