ރައްޔިތުންގެ މަޖިލިސް

ތަންފީޒީ އިދާރާތަކަށް ބޮޑެތި ބާރުތައް ލިބޭ ޓެރަރިޒަމްގެ ބިލު ފާސްކޮށްފި

ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި ވަނިކޮށް، ދައުރުން ބޭރުގައި ބޭއްވި މިއަދުގެ ޖަލްސާގައި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހުގެ ތަޅުމުން ފާސްކޮށްފި އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ޝަހީމް) ހުށަހެޅުއްވި ބިލު ފާސްކުރީ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެންބަރުންގެ އިއްތިފާގުންނެވެ.

ރާއްޖޭގައި ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކުގެ ހަރަކާތްތައް ހުއްޓުވުމުގެ ގޮތުން ޓެރަރިޒަމްގެ ގާނޫނަށާއި ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވަނީ ވަރަށް ފަހުން ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވެފަ އެވެ.

އެ މަސައްކަތް ކުރުމަށް ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް އެކުލަވާލައި މަޖިލީހަށް ފޮނުވި އެވެ. އަދި އެ ބިލުގެ މަސައްކަތް އަވަސްކޮށް ފާސްކުރުމަށް މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުމަށް އެމްޑީޕީގެ 29 މެންބަރުން އެދި ހުށަހެޅުމުން އެ ކަމަށް ދައުރުން ބޭރު ދެ ޖަލްސާއެއް ބޭއްވި އެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އެންމެ ފުރަތަމަ އޮތް ގޮތުން ގިނަ ބައެއްގެ ކަންބޮޑުވުން އޮތެވެ. އެ ގޮތުން ބިލުގައި ބައެއް އަސަސީ ހައްގުތައް ހިފަހައްޓާފައިވާތީ އާއި ފުލުހުންނަށް އިތުރު ބާރުތަކެއް ލިބޭ ގޮތަށް އޮތީތީވެ، ބައެއް ގާނޫނީ ވަކީލުންނާއި އިދިކޮޅު ފަރާތްތަކުގެ އިތުރަށް މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންގެ ކަންބޮޑުވުން އޮތެވެ.

ކޮމިޓީ މަރުހަލާގައި ބިލަށް ބަދަލުތަކެއް

އެ ބިލު ދިރާސާ ކުރި ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ ބިލު ދިރާސާ ކުރުމުގެ މަރުހަލާގައި 10 އިސްލާހެއް ބިލަށް ގެނެސްފަ އެވެ. އެ ގޮތުން ބިލަށް ގެނައި އެއް ބަދަލަކީ ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުގައި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރުކޮށް 48 ގަޑިއިރު ބެހެއްޓޭ ގޮތަށް އޮތް މާއްދާއަށް ގެނައި ބަދަލެވެ. އެ ގޮތުން ގެނައި ބަދަލަކީ 24 ގަޑިއިރު ބަންދުގައި ބެހެއްޓުމަށްފަހު ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކުރަން ޖެހޭނެ ކަމަށެވެ. އެއީ ގާނޫނު އަސާސީގައިވާ ގޮތެވެ.

ކޮމިޓީ މަރުހަލާގައި ބިލު ދިރާސާ ކުރުމަށް ފަހު، ހަނގުރާމައަށް މީހަކު ފޮނުވަން މަސައްކަތް ކުރުމާއި އެކަމަށް ހިތްވަރު ދިނުމަކީ ކުށެއްގެ ގޮތުގައި ހަދައި އެފަދަ މީހުންނަށް ބޮޑެތި އަދަބުތަކެއް ދިނުމަށް ބިލުގައި ވަނީ ހިމަނައިފަ އެވެ. ބިލަށް އިތުރު ކުރި އެ މާއްދާގައިވާ ގޮތުން، އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ.

ބިލުގައި ޓެރަރިޒަމްގެ ކުށްތަކުގެ އަދަބުގެ ގޮތުގައި އެންމެ ފުރަތަމަ ކަނޑައަޅާފައިވާ ބައެއް އަދަބުތައް ވެސް ވަނީ ކޮމިޓީ މަރުހަލާގައި ކުޑަކޮށްފަ އެވެ. އެ ގޮތުން ކުރިން ހަނގުރާމައަށް ދާ މީހެއްގެ އަދަބަކަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް އޮތް އިރު، ފަހުން ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާ ގޮތަށް ބަދަލު ކޮށްފަ އެވެ.

ހަނގުރާމަވެރި ސަރަހައްދަކަށް ދިޔުން ނުވަތަ ހުރުމުގެ އަދަބަކަށް ކުރިން 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާން އޮތްއިރު، ފަހުން ކޮމިޓީން ބަދަލު ކުރީ އެފަދަ ކުށެއްގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކަމަށެވެ.

ހަނގުރާމަ އަށް ދާން އުޅުމާއި އެ ކުށް ކުރުމަށް އެހީތެރިވުމާއި އެ ކުށް ކުރުމުގައި އެއްވެސް ސިފައެއްގައި ބައިވެރިވެއްޖެ ނަމަ ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލާން ފުރަތަމަ އޮތްއިރު، ކޮމިޓީ މަރުހަލާގައި އެ ކުށުގެ އަބަދުގެ ގޮތުގައި ކަނޑައެޅީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތުގެ ޖަލު ހުކުމެކެވެ.

ފިޔަވަޅުތަކުގެ ރިޕޯޓެއް ހަ މަހުން ރައީސާއި މަޖިލީހަށް ހިއްސާ ކުރުން ލާޒިމު

ޓެރަރިޒަމްގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގެ ގޮތުން ކަމާ ބެހޭ މުއައައްސަސާތަކުން ކުރާ މަސައްކަތްތަކާއި އަޅާ ފިޔަވަޅުތަކުގެ މައްޗަށް އެކުލެވޭ ސިއްރު ރިޕޯޓެއް ކޮންމެ ހަ މަހަކުން އެއް ފަހަރު ރައީސުލްޖުމްހޫރިއްޔާއަށާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ގޮތަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.

ޓެރަރިޒަމްގެ އާ ބިލުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށްތަކުގެ ތުހުމަތުގައި ކޯޓު އަމުރެއް ނެތި މީހުން ހައްޔަރު ކުރުމާއި މީހުނާއި ތަންތަން ބަލައި ފާސްކުރުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. އަދި ގާނޫނީ ވަކީލާ އެކަހެރިކޮށް ބައްދަލުކުރުމުގެ ހައްގު ހިފެހެއްޓުމުގެ ބާރު ވެސް ތަންފީޒީ އިދާރާތަކަށް ލިބެގެން ވެ އެވެ. އެ ގޮތަށް މީހަކު ހައްޔަރު ކުރަން ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް ރޭންކުން ފެށީގެން މަތީގެ ރޭންކްގެ އޮފިސަރެއްގެ ހުއްދައެއް ނަގަން ޖެހެ އެވެ.

އޭގެ އިތުރުން ރާއްޖޭން ބޭރަށް ގޮސް ހަނގުރާތަކުގައި ބައިވެރިވެ އަނބުރާ އަންނަ މީހުން ބަންދު ކުރުމަށް ވަގުތީ މަރުކަޒެއް ހަދަން އިސްލާހުގައި ވަނީ ލާޒިމްކޮށްފަ އެވެ. ހަނގުރާމައިން އަންނަ މީހުންނާއެކު ތިބޭ ކުޑަކުދިން ވެސް ގެންދާނީ އެ މަރުކަޒަށެވެ. އެކަމަކު ހައްޔަރު ކުރުމަކާ ނުލަ އެވެ. އެ މީހުން މަރުކަޒުގައި ބަންދުކޮށްފައި ބައިތިއްބާނީ ރިސްކް އެސެސްމެންޓް ހަދައި އެމީހުންނާ މެދު ގޮތެއް ކަނޑައެޅެންދެނެވެ.

އާ ބިލުގައިވާ ކުރުމަށް ކަނޑައަޅާފައިވާ ކަންކަމާއި ފިޔަވަޅުތަކުގެ މައުލޫމާތުތައް ރައީސަށާއި މަޖިލީހަށް ހުށަހަޅައި ސިއްރު ރިޕޯޓުގައި ހިމަނަން ޖެހެ އެވެ. އެ ގޮތުން ކޯޓު އަމުރެއް ނެތި ހައްޔަރު ކުރާ މީހުންގެ އަދަދާއި އެ މީހުންގެ ތަފުސީލުތަކާއި ތުހުމަތު ކުރެވުނު ކުށުގެ ހުލާސާއެއް ރިޕޯޓުގައި ހިމަނަން ޖެހެ އެވެ. އަދި ކޯޓު އަމުރެއް ނެތި ބަލައި ފާސްކުރި މީހުނާއި ތަންތަނާއި އެ ކަމަށް ހުއްދަ ދިން ފުލުސް އޮފިސަރުގެ ނަން ވެސް އެ ރިޕޯޓްގައި ހިމަނަން ޖެހެ އެވެ.