ޗައިނާގެ ޒީޖިއަންގައި ހުންނަ ސިނާއި ފެކްޓްރީއެއްގައި އަލިފާން ރޯވުމުގެ ސަބަބުން 19 މީހަކު މަރުވެ ތިން މީހަކު ފިހިއްޖެ އެވެ. މި ހާދިސާ ހިގާފައި މިވަނީ ޗައިނާގެ 70 ވަނަ އެނިވާސަރީ ފާހަގަކުރުން މާދަމާއަށް ތައްޔާރުވެފައި ވަނިކޮށެވެ.
ފެކްޓަރީގައި އަލިފާން ރޯވެފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. ރޯވި އަލިފާން ނިއްވާލުމަށް ތިން ގަނޑިއިރު ވަނީ ހޭދަވެފަ އެވެ. އެ ވަގުތު ފެކްޓަރީގައި ތާށިވެފައި ތިބި އަށް މީހަކު ސަލާމަތްކޮށް ތިން މީހަކު ފިހިފައި ވުމުން ވަނީ ހޮސްޕިޓަކަށް ގެންގޮސްފަ އެވެ. ފެކްޓަރީގައި އަލިފާން ރީވާން ދިމާވި ސަބަބު އަދި އެގިފައި ނުވެ އެވެ.
ޗައިނާގެ ސިނާއި ފެކްޓަރީ ތަކުގެ ސަލާމަތީ މިންގަނޑުތަށް ދަށްވުމުގެ ސަބަބުން އާންމުކޮށް އަލިފާނުގެ ހާދިސާ ހިނގަ އެވެ. މީގެ ކުރިން ހިގި އަލިފާނުގެ ހާދިސާތަކުގައި ވެސް ވަނީ ގިނަ ބަޔަކު މަރުވެފަ އެވެ. އެގޮތުން ޖުލައި މަހު ސިނާއި ފެކްޓަރީއެއް ގޮވުމުގެ ސަބަބުން 15 މީހަކު ވަނީ މަރުވެފަ އެވެ. އަދި އަދި މާޗު މަހު ޖިއާންގުސޫގައި ހުރި ފެކްޓަރީ އެއް ރޯވުމުގެ ސަބަބުން ވަނީ 78 މީހަކު މަރުވެ 100އަށް ވުރެ ގިނަ މީހުން ޒަހަމްވެފަ އެވެ.