އަމިއްލަ ދަނޑުގައި ފިއޮރެންޓީނާ އަތުން 3-1 ން ބަލިވެ އޭސީ މިލާން އުނދަގޫ ހާލަތަކަށް ވެއްޓިއްޖެ އެވެ.
މި ސީޒަނަށް މާކޯ ޖަމްޕައޮލޯ އާ ކޯޗްކަން ހަވާލުކޮށް، ސީޒަނާ ކުރިމަތިލި ނަމަވެސް، އޭނާއަށް މިލާން ހަމައަކަށް އަޅުވާލެވޭ ގޮތެއް ނުވެ އެވެ. ރޭ ފިއޮރެންޓީނާ އަތުން ވީ ބައްޔާއެކު، ޖަމްޕައޮލޯ ވެފައި ވަނީ 1982 ވަނަ އަހަރުގެ ފަހުން ސީޒަންގެ ފުރަތަމަ ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވި ފުރަތަމަ ކޯޗަށެވެ. މީގެ ކުރިން މި ނަތީޖާ ނިސްބަތްވެފައި އޮތް މިލާންގެ ކޯޗަކީ 1982 ވަނަ އަހަރު އެ ޓީމަށް ކޯޗް ކޮށްދިން އިޓަލޯ ގަލްބިއާޓީ އެވެ. އޭނާވެސް ވަނީ އެ އަހަރު ފުރަތަމަ ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވެފަ އެވެ.
ޔޫރަޕްގެ ކުލަބު މުބާރާތުން މިއަހަރު ޑިސްކޮލިފައި ކޮށްފައިވާ މިލާން ރޭ ވީ ބައްޔާއެކު، މިއީ 1938 ފަހުން އިޓާލިއަން ލީގްގެ ފުރަތަމަ ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.
މެޗުގެ 14 ވަނަ މިނެޓްގައި ފިއޮރެންޓީނާއަށް ލިބުނު ޕެނަލްޓީ އަކުން އެރިކް ޕުލްގާ ވަނީ އެ ޓީމަށް ލީޑް ނަގައިދީފަ އެވެ. ދެ ވަނަ ލަނޑު 66 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ގައިޓާނޯ ކޮސްޓްރޮވޮލީ އެވެ. އޭރު ދެ ވަނަ ހާފުގެ 10 ވަނަ މިނެޓް ފެށިގެން މިލާން ކުޅެމުން ދިޔައީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ އެ ޓީމުގެ ޑިފެންޑަރު މަޓެއޯ މުސަޗިއޯ އަށް ރަތް ކާޑު ދެއްކުމުންނެވެ.
މެޗުގެ 70 ވަނަ މިނެޓްގައިވެސް ފިއޮރެންޓީނާ އަށް ޕެނަލްޓީ އެއް ލިބުނެވެ. އެ ޓީމުގެ ފެޑްރީކޯ ކިއެސާ ފޮނުވާލި ޕެނަލްޓީ މިލާންގެ ކީޕަރު ޖިއާންލުއީޖީ ޑޮނަރުންމާ ވަނީ ދިފާއު ކޮށްފަ އެވެ. ފިއޮރެންޓީނާގެ ތިން ވަނަ ލަނޑު 78 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ފްރޭންކް ރިބެރީ އެވެ. އޭގެ ދެ މިނެޓް ފަހުން މިލާންގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ރަފޭލް ލިއޯ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޖަމްޕައޮލޯ ބުނީ، މެޗުގައި މިލާންގެ ފަރާތުން ރަނގަޅު އެއްވެސް ކަމެއް ފެނިގެން ނުދާ ކަމަށެވެ. އަދި ރޭ ޓީމު ކުޅުނީ ބުރާސްފަތި ދުވަހު ޓޮރިނޯ އަތުން ވީ ބަލިން އަރައި ގަތުމަށް މެޗު ކާމިޔާބު ކުރަން ކަމަށެވެ. އެހެންނަމަވެސް މެޗަކުން މޮޅުވުމަށްޓަކައި ކުރަން ކުރަން ޖެހޭ އެއްވެސް މިލާންގެ ޓީމުން ކޮށްފައި ނުވާ ކަމަށެވެ.