ހަބަރު

ޓޫރިޒަމް ދާއިރާ ގުޅޭ ގޮތުން ދަރިވަރުން ސުވާލުކޮށްފި

Oct 1, 2019

ޓޫރިޒަމް މިނިސްޓްރީން އާއްމު ގޮތެއްގައި މައުލޫމާތު ދެނީ ނޫސްވެރިން މެދުވެރިކޮށް ނޫސް ކޮންފަރެންސެއް ބާއްވައިގެންވެ. ނަމަވެސް ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިއްޔެ ބޭއްވި "އޯޕަންޑޭ" މުޅިން ތަފާތެވެ. ނޫސްވެރިން ފަހަަތަށް ޖެހި ކުރިން ސަފުން ފުރުސަތު ދިނީ ދަރިވަރުންނަށެވެ. އެއާއެކު ފެނިގެން ދިޔައީ ދަރިވަރުން އެ ދާއިރާއާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުއަށް ސުވާލުތައް ކުރިމަތިކުރި ތަނެވެ.

މިނިސްޓަރުގެ ބްރީފިންގެ ކުރިން މިނިސްޓްރީގެ މަސައްކަތްތައް ދައްކާލި އެވެ. އެހެންވެ ދަރިވަރުން ތިބީ ކޮންފަރެންސަށް ތައްޔާރު ވެގެންކަން ސުވާލުތަކުން އެނގެ އެވެ. ފުރަތަމަ ސުވާލު އައީ ޓޫރިޒަމް ސިނާއަތުގައި އަންހެން މުވައްޒަފުން މަސައްކަތް ކުރުމާ ބެހޭ ގޮތުންނެވެ. ސުވާލު ކުރީވެސް އަންހެން ދަރިވަރެކެވެ.

އެ ސުވާލާއެކު މިނިސްޓަރު އަލީ ވިދާޅުވީ މިނިސްޓްރީގެ 70 ޕަސެންޓުގެ މުވައްޒަފުންނަކީ އަންހެނުން ކަމަށެވެ. ނަމަވެސް ޓޫރިޒަމް ސިނާއަތުގައި އަންހެނުން މަދު ކަމަށް އެއްބަސްވެ ވަޑައިގެންނެވި އެވެ.

"ފުރަތަމަ ސުވާލު ކޮށްލަން ވެސް ކެރުނީ އަންހެން ކުއްޖަކަށް. އެވެސް، ޓޫރިޒަމް ދާއިރާއާ ބެހޭ ގޮތުން. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ޔަގީން ކުރާނަން އަންހެން ކުދިންނަށް ކަމުދާ އެންވަޔަރުމަންޓެއް ޓޫރިޒަމް ދާއިރާއިން ކްރިއޭޓް ކޮށްދޭން،" މިނިސްޓަރު ވިދާޅުވި އެވެ.

ދެން ކުރި ސުވާލަކީ މި ސަރުކާރުގެ ވައުދަކާ ވެސް ގުޅިފައިވާ ކަމެކެވެ. ރިސޯޓުގައި މަސައްކަތް ކޮށްފައި ކޮންމެ ދުވަހަކު ރަށަށް ދާނީ ކިހިނެއް ހެއްޔެވެ؟

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ޓޫރިޒަމް ދާއިރާ އިން މީހުން ތަމްރީން ކުރާނެ ތަންތަން ގާއިމް ކުރުމަކީ ކުރާނެ ކަމެކެވެ. އެ ވައުދު ފުއްދޭނެ އެވެ.

"ވިސްނުން އެބަހުރި އެ ސަރަހައްދެއްގައި ސްކޫލް ހުޅުވާނަމަ އެ ސަރަހައްދެއްގައި ޓްރެއިނިން ހިންގައިގެން، އެ ރަށެއްގެ ކުދިންނަށް އެ ރިސޯޓަކަށް ދެވޭ ގޮތް ހަދަން. އޭރުން ކުރިމަގުގައި އެރަށެއްގެ ކުދިންނަށް ވަޒީފާ ނިންމާފަ ރަށަށް ދެވޭނެ،" އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުންވެސް ޓޫރިޒަމްއާ ގުޅުންހުރި ތިމާވެށީގެ މައްސަލަތަކާ ގުޅުވައިގެން ވެސް ދަރިވަރުން ސުވާލު ކުރި އެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ތެރޭގައި ހިނގާފައިވާ ހިޔާނާތުގެ މައްސަލަތަކާ ބެހޭ ގޮތުން ވެސް ދަރިވަރުން ސުވާލު ކުރި އެވެ.