އެފްއޭއެމްގެ ގައުމީ ޓީމު ކޮމިޓީގެ މެންބަރުކަން ގަބޫލު ކުރުމުން، ކުރިމަތިވި ފާޑުކިޔުންތަކާ ހެދި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް އެ ކޮމިޓީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ސްޕޯޓްސް މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަމުން މިނިސްޓަރު މަހުލޫފް ވިދާޅުވީ، އެފްއޭއެމް ކޮމިޓީގެ މެންބަރުކަން ގަބޫލު ކުރުމުން އެހެން އެސޯސިއޭޝަން ތަކުންވެސް އެކަމާ ކަންބޮޑުވުން ފާޅު ކުރާތީ އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށެވެ.
މިނިސްޓަރު އަދު ވިދާޅުވީ ކޮމިޓީގައި ބައިވެރިވެ ވަޑައިގެންނެވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެދިވަޑައިގަތުމަށް އަދި ގައުމީ ޓީމުގެ މެނޭޖަރެއްގެ ގޮތުގައި ކުރިން ވެސް މަސައްކަތް ކުރެއްވިފައިވުމުން އެ ކޮމީޓީގައި ވެސް މަސައްކަތްތަކެއް ކުރެއްވޭނެ ކަމަށް ގަބޫލުފުޅު ކުރެއްވިގެން ކަމަށެވެ.
"ބައްސާމް އަޅުގަނޑާ ބައްދަލުކޮށްފަ އެދުނީ ތިމަންނަމެން [އެފްއޭއެމް] ގެ ގައުމީ ޓީމަށް ލަފާދޭން ކޮމިޓީއެއް އެބަހަދަމޭ، އޭގައި [ޓުއަރިޒަމް] މިނިސްޓަރާއި އަލީ ވަހީދާ ދެ މީހުން ތިބެ ދޭންވީ ނޫންހޭ،" ބައްސާމާއެކު މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަމުން މަހްލޫފް ވިދާޅުވި އެވެ. "ދެން އަޅުގަނޑު ހިތަށް އެރީ ވަރަށް ރަނގަޅޭ... މިނިސްޓަރުގެ ހައިސިއްޔަތަކުން ނޫން، އަޅުގަނޑުގެ ވިސްނުމަކަށްވީ ކުރިން ގައުމީ ޓީމުގެ މެނޭޖަރުކަން ކުރީމަޔާއި ބޯޅަ ކުޅެން އުޅުނީމައާ އެއްކޮށް މީ ވަރަށް ރަނގަޅު ކަމަކަށް ވާނެއޭ."
މިނިސްޓަރު ވިދާޅުވީ، އެ ކޮމިޓީގެ މެންބަރުކަން ގަބޫލު ކުރުމުން އެކަން އެހާބޮޑު ކަމަކަށް ވާނެ ކަމަކަށް ހީނުކުރާ ކަމަށެވެ. އެހެން އެސޯސިއޭޝަން ތަކުންވެސް އެވާހަކަ ދައްކައި އެކަމުގެ މައްސަލަ ފާހަގަ ކުރި ކަމަށް މަހްލޫފް ވިދާޅުވި އެވެ. އެގޮތުން މިނިސްޓަރު އެފްއޭއެމްގެ ކޮމިޓީއަށް ވަޑައިގަތުމުން ފުޓްބޯޅައަށް ފޭވާ ކުރާ ކަމަށް ބެލެވިދާނެ ކަން އެސޯސިއޭޝަންތަކުގެ ބައެއް ބޭފުޅުން ފާހަގަ ކޮށްފައިއިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
"އެހެންވެ އަޅުގަނޑު ބައްތު [ބައްސާމް] އަށް ދަންނަވައިފިން އެ ކޮމިޓީގައި އަޅުގަނޑު ނީންނާނީއޭ،" މަހްލޫފް ވިދާޅުވި އެވެ. "ދެން އަޅުގަނޑުމެންގެ ފަރާތުން އަޅުގަނޑު ރިޕްރެޒެންޓް ކުރަން ކޮންމެވެސް މީހެއް މިނިސްޓްރީގެ ފަރާތުންވިޔަސް ހުންނާނެ."
އޭނާ ވިދާޅުވީ ފުޓްބޯޅައިގެ ކޮމިޓީއަކަށް ވަޑައިގަތުމުން އެހެން އެސޯސިއޭޝަންތަކުގެ ކަންބޮޑުވުންތައް ހުންނާނެކަން ގަބޫލު ކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން [ބައްސާމް އާއި މަހްލޫފް] ވާހަކަ ދައްކާފައި އަޅުގަނޑު މިހާރު ނިންމީ އަޅުގަނޑު އެ ކޮމީޓީގައި ނުހިމެނެން،" މިނިސްޓަރު ވިދާޅުވި އެވެ. "އެކަމަކު އަޅުގަނޑު އެދެން (މިނިސްޓަރު) އަލީ ވަހީދު އެކޮމިޓީގައި އިންނަން."
އެ ކޮމީޓިގެ ޗެއާމަންއަކީ ބައްސާމް އެވެ. ދެން ތިއްބަވަނީ މިނިސްޓަރު އަލީ ވަހީދު އާއި އޮލިމްޕިކް ކޮމިޓީގެ މުހައްމަދު ޝަވީދާއި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މުސާ ނާޝިދެވެ.
މި އަހަރު ކުރީ ކޮޅު އެފްއޭއެމް ބަދަލު ކުރަން ޖެހޭ ކަމަށް ފާޅުގައި ވިދާޅުވި މަހްލޫފް މިއަދު ވިދާޅުވީ އެފްއޭއެމް ތަޅާފޮލުން ނިމުނީ ކަމަށާއި މިހާރު އެފްއޭއެމްއަށް އެއްބާރުލުން ނުދިނުމަކީ ޒިންމާދާރު މަގާމެއްގައި ހުންނަން ޖެހޭ މީހަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.