ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓިފައިއޮތް ދިވެހި ފުޓުބޯޅަ އަލުން ދިރުވޭނީ މާލޭން ބޭރަށް ވިސްނުން ފުޅާކޮށް އަތޮޅުތަކުގެ ތެރޭގައި މުބާރާތްތައް ބާއްވައިގެން ކަމަށް ކުޅިވަރާބެހޭ މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ވިދާޅުވެއްޖެ އެވެ.
ތިން ރަށެއްގައި ފުޓްސަލް ދަނޑުގެ ބޭސް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރަން އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަހުލޫފް މިއަދު ވިދާޅުވީ ދިވެހި ފުޓުބޯޅައިގެ މުސްތަގުބަލު އޮތީ އަތޮޅުތަކުގައި ކަމަށެވެ.
"މި މާލޭން ފުޓުބޯޅަ އެބަޖެހޭ ނުކުންނަން. ގަލޮޅު ދަނޑަކީ އަޅުގަނޑުމެންގެ ފޯކަސްއަކަށް ވެފަ އޮތް އޮތުން ނިމުމަކަށް އަންނަން ޖެހެނީ. އެކަން ހިނގަންވީ ވިލިގިނލީގައި... އެކަން ހިނގަން ވީ ދުވާފަރުގައި... ހުޅުދޫގަ. އެރަށްރަށުގަ މިއަދުވެސް ހޯމް އެންޑް އަވޭ ކުޅެން އެރީމަ ދަނޑު ވެސް ފުރޭނެ. އެ ފޯރިވެސް ހުންނާނެ،" މަހުލޫފު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދިވެހި ފުޓުބޯޅައަށް މިހާރު އޮތް ހައްލަކީ ގަލޮޅު ދަނޑާއި އެއްވަނަ ޑިވިޝަން ޓީމުތަކުގެ ވިސްނުން ދޫކޮށް އަތޮޅުތަކުގެ ތެރޭގައި ރަށްރަށުގެ މެދުގައި އޮތް ވާދަވެރިކަމުގެ ފައިދާ ނެގުން ކަމަށެވެ.
"ފުޓުބޯޅަ ރަނގަޅު ކުރަން ވިސްނާނަމަ އަޅުގަނޑުމެން ބޮލުގަ މިހާރު ބާއްވަންވީ ރަށްރަށުގަ ހޯމް އެންޑް އަވޭ މެޗުތައް ފޯރީގަ ކުޅެން އޭގެ ތެރެއިން ގައުމީ ޓީމަށްވެސް މޮޅު ކުއްޖާ ނަގަން އިތުރު ފުރުސަތު އެބަ ލިބޭ،" އޭނާ ފާހަގަ ކުރެއްވި އެވެ.
މަހުލޫފް ވިދާޅުވި ގޮތުގައި އަތޮޅުތަކުގެ ތެރޭގައި ކުޅޭ ހޯމް އެންޑް އަވޭ މުބާރާތުގެ ތަފްސީލް އަންނަ ހަފުތާގެ ތެރޭގައި އިއުލާނު ކުރައްވާނެ ކަމަށެވެ.
މަހްލޫފްގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހިމަނައިގެން އެފްއޭއެމްގެ ނެޝަނަލް ޓީމު ކޮމިޓީ އެކުލަވައުލުމުން އަމާޒުވެފައިވާ ފާޑިކިޔުންތަކަށް ވެސް އޭނާ މިއަދު ވަނީ ޖަވާބު ދެއްވައިފަ އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތާ ހަވާލުވެވަޑައިގެންނެވީ ފުޓުބޯޅައަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލު ކުރުމަށް ރަނގަޅު ނިޔަތެއްގައި ކަމަށާއި، ނަމަވެސް ގިނަ ބައެއްގެ ކަންބޮޑުވުމާއެކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާއެކު އިތުރަށް މަޝްވަރާ ކުރައްވުމަށްފަހު ގޮތެއް ނިންމަވާނެ ކަމަށެވެ.
ގިނަ ކުލަބްތަކަށް ކުރިމަތިވެފައިވާ މާލީ ބޮޑެތި ދަތިތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ، މީގެ ކުރިން ވެސް ކްލަބްތައް ހިންގީ ދައުލަތުން އަހަރަކު ތިން މިލިއަން ރުފިޔާ ދީގެން ނޫން ކަމަށާއި، ކުރީ ސަރުކާރުން ހަމަޖެއްސި އެ އުސޫލަކީ މިހާރުގެ ވިސްނުމެއް ނޫން ކަމަށެވެ.
""އަޅުގަނޑު ބޭނުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ސަލާމަތް ކުރެވޭނެ ގޮތެއް އޮތްތޯ ބަލަން. އެކަމު އެއީ ބަޔަކު ހިންގާފައި އޮތް ޖަރީމާއެއް. އަޅުގަނޑަށް އަޑުއިވޭ ގޮތުގަ އެއީ މިހާރު ފަސް މިލިއަން ރުފިޔާ. އެ ޒިންމާ ކިހިނެއްތޯ ސަރުކާރުން ނަގާނީ. ކިހިނެތްތޯ އެއިން އެ ކްލަބް ސަލާމަތް ކުރަން ހަދާނީ؟،"