ހަބަރު

ވިލިމާލޭގައި ލައިފް ރާފްޓް ސެންޓަރެއް ހުޅުވައިފި

Sep 30, 2019
1

ވިލިމާލޭގައި ލައިފް ރާފްޓް ހިދުމަތް ދޭނެ ސެންޓަރެއް އާކްސް މެރިން ސާވިސް ޕްރައިވެޓް ލިމިޓެޑުން މިއަދު ހުޅުވައިފި އެވެ.

އާކްސް މެރިން ސާވިސަސްގެ އެ ސެންޓަރު ހުޅުވަން މިއަދު ވިލިމާލޭގައި ބޭއްވި ރަސްމިއްޔާތުގައި އެ ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު އާދިލާއި އާކްސް ކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ކެޕްޓަން އަހުމަދު ޝަރީފެވެ.

އާކްސް މެރިން ސާވިސްގެ ލައިފް ރާފްޓް ހިދުމަތުގެ ސެންޓަރު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވީ ކުރިން ލައިފް ރާފްޓް ސާވިސް ހޯދަން ފޮނުވަން ޖެހެނީ ބޭރަށް ކަމަށާއި އެހެންވެ އެ ކަމުގައި ދެ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ނަގާ ކަމަށެވެ.

މިއަދު ވިލިމާލޭގައި ހުޅުވި ސެންޓަރާއެކު އެއަށްވުރެ އަވަހަށް ކަސްޓަމަރުންނަށް އެ ހިދުމަތް ލިބިގެން ދާނެ ގޮތް ރާއްޖޭގައި ފަހިވީ އެވެ.

"މި ގައުމުގައި މެރިން ކްރާފްޓްއެއް ސާވިސް ކުރެވެން ނެތޭ ބުނުމުން އެއީ ދިވެހިންނަށް ލިބޭ ވަރަށް ބޮޑު އުނި ކަމެއް، އެހެންވެ އަޅުގަނޑުމެން މި މަސައްކަތް ފެށީ، ސަރުކާރަށް ވަރަށް ބޮޑަށް ޝުކުރިއްޔާ މި ހިދުމަތް ދޭން މި ވިލިމާލެއިން ބިމެއް ދެއްވީތީ،" ޝަރީފު ވިދާޅުވި އެވެ. -- އެ ކުންފުންޏަށް ލައިފް ރާފްޓް ހިދުމަތުގެ ސެންޓަރެއް ގާއިމު ކުރަން ވިލިމާލޭން ބިމެއް ދޫކުރީ 2013 ވަނަ އަަހަރު އެވެ. ސެންޓަރުގެ އިމާރާތްކޮށް ނިމުނީ މިދިޔަ އަހަރު އެވެ.

މީގެ 24 އަހަރު ކުރިން އުފެއްދި މެރިން ލައިފް ސާވިސް ކުންފުންޏަކީ ރާއްޖޭގައި ލައިފް ރާފްޓް ހިދުމަތުގެ އިތުރުން ކަނޑުމަތީގެ ސަލާމަތީ އާލާތްތައް ވިއްކުމުގެ ވިޔަފާރިއާއި ހިދުމަތް ދޭ ކުންފުންޏެކެވެ.

ލައިފް ރާފްޓަކީ ކަނޑުމަތީގެ ހާދިސާތަކުގައި އުޅަނދު ދޫކޮށްލާފައި ދާންޖެހޭ ހާލަތްތެއް މެދުވެރިވެއްޖެ ނަމަ ކަނޑުމަތީގައި ތިބެވޭނެ ގޮތަށް އުޅަނދެއްހެން ތައްޔާރުކޮށްފައިވާ ވަސީލަތަކެވެ.

މިއަދު ހުޅުވި އެ ސެންޓަރަކީ އައިއެސްއޯ ސްޓޭންޑަޑަށް ހިދުމަތް ދޭ ސެންޓަރެއް ކަމަށް އެ ކުންފުނިން ބުންޏެވެ.