ހަބަރު

ފިޔަވަޅު އަޅާނަން، ވާނެ ކަމެއް ނޯންނާނެ: ނަހުލާ

ޓްރާންސްޕޯޓް މިނިސްޓްރީގައި ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންނަށްވުރެ ގިނައީ ފެންވަރު ދަށް، ދެރަވަރުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށާއި، އެކަން ހައްލު ކުރަން ކިތަންމެ ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ޖެހުނަސް ފަސް ޖެހިވަޑައި ނުގަންނަވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެ އިންޒާރު ދެއްވާ އޯޑިއޯއެއް މިރޭ ސަންގު ޓީވީން އާއްމުކޮށްފި އެވެ.

ސަންގުޓީވީން މިރޭ އާންމު ކުރި އެ އޯޑިއޯއަކީ ޓްރާންސްޕޯޓް މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ރެކޯޑް ކޮށްފައިވާ އޯޑިއޯ އެކެވެ. އެ އޯޑިއޯގައި އެ މިނިސްޓްރީގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންނަކީ "ވަރަށް ހިތާމަވެރިކޮށް، ވަރަށް ހިތްދަތިކޮށް އަދި ވަރަށް ދެރަވަރު" ގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށް މިނިސްޓަރު ނަހުލާ ސިފަ ކުރައްވަ އެވެ.

ތިން މިނެޓްގެ އެ އޯޑިއޯގައި އެކަމަނާ ވިދާޅުވެފައި ވަނީ އެއްވެސް މީހަކަށް މިނިސްޓްރީގައި މަސައްކަތް ކުރަންޖެހޭ ގަޑި އޮޅިފައި ނޯންނާނެ ކަމަށާއި، މިނިސްޓަރު ފިޔަވާ އެހެން އެއްވެސް މުވައްޒިފަކަށް ބޭނުން ގަޑިއަކު އޮފީހުން ބޭރަށް ގޮސް އައިސް ވަނުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. ކޮފީ ތަކުގައި ކިތަންމެ ވަރަކަށް އެކަމަނާއާ މެދު ހިތްހަމަ ނުޖެހިގެން އެއްޗެހި ކިޔަސް އަދި އެހިސާބުން ނުނިމެނޭ ކަމަށް ވެސް ވިދާޅުވެ އެވެ.

ކިތަންމެ ވަރަކަށް ހިތް ހަމަ ނުޖެހިގެން ވާހަކަ ދެއްކިޔަސް "ވާނެ ކަމެއް ނޯންނާނެ" ކަމަށާއި، އެއް މަސައްކަތެއް ކުރަން އެއްބޯޓަކަށް އަރައިގެން ފަލި ޖަހާއިރު، ދެކޮޅަށް ދެ ފަލި ޖަހާނަމަ ވާނީ ކިހިނެތްތޯ ވެސް އެ އޯޑިއޯގައި އެކަމަނާ ސުވާލުކުރައްވާފަ އެވެ.

"ކިތަންމެ ގިނަ ބޭފުޅުންނެެއް ވިޔަސް އަޅުގަނޑު ފިޔަވަޅު އަޅަން ޖެހެންޏާ ފިޔަވަޅު އަޅާނަން. އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް މާދަމާ ގޮސް ގޭގައި އިންނާކަށް
އައިޝަތު ނަހުލާ | މިނިސްޓަރު

"ކިތަންމެ ގިނަ ބޭފުޅުންނެެއް ވިޔަސް އަޅުގަނޑު ފިޔަވަޅު އަޅަން ޖެހެންޏާ ފިޔަވަޅު އަޅާނަން. އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް މާދަމާ ގޮސްވެސް ގޭގައި އިންނާކަށް. އަޅުގަނޑުގެ ކުޑަ ކުޑަ ހަ ބެއިން ތިބޭ. އަޅުގަނޑު ހަ ބެއިން ގޭގައި މަންމަ ކައިރީ ބައިންދާފައި ވަޒީރު ކަމާއި ހަވާލުވީ، ހަގީގަތުގައި ވެސް ﷲ އަށްޓަކައި ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށްދޭން އެކަން ނުވާކަމަށްވަންޏާ އެއްވެސް ބޭނުމެއް ނެތް މިތާ އިނުމުގެ،" ނަހުލާ ވިދާޅުވެ އެވެ.

ކޮންމެ ހައިސިއްޔަތެއް އަދި ކޮންމެ ފެންވަރެއްގެ ބޭފުޅަކަށް ވިޔަސް މައްސަލައެއް އުޅެންޏާ ޖެހޭނީ އެ މީހަކު ބަދަލު ކުރަން ކަމަށާއި، ބަދަލު ކުރަން ޖެހޭ މީހަކު އެތަނަކުން ބަދަލު ކުރާނެ ކަމަށް ނަހުލާ ވިދާޅުވެ އެވެ.

މި އޯޑިއޯ އާންމުވި އިރު ޓްރާންސްޕޯޓްގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރަން އުޅޭ ކަމަށްބުނެ ގިނަ މުވައްޒަފުންތަކެއް ސޮއިކޮށް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފަ އެވެ. އެ ޕެޓިޝަންގައި މުވައްޒަފުންތައް ކަނޑާލާނެ ކަމަށް އިންޒާރު ދިން ކަމަށް ބުނެފައި ވެއެވެ. އެއާ ގުޅިގެން މުވައްޒަފުންނަށް އިންޒާރު ނުދޭ ކަމަށް ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވެއެވެ.