ހަބަރު

ފުރަތަމަ ޓޫރިސްޓް ވިޒިޓާ ސެންޓަރު އަނގޮޅިތީމުގައި

ރ. އަނގޮޅިތީމު: އަލީ އަފާފް
Oct 1, 2019

ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް ވިޒިޓާ ސެންޓަރުގެ ބިންގާ ރ. އަނގޮޅިތީމުގައި އިއްޔެ އަޅައިފި އެވެ.

އަނގޮޅިތީމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ސެންޓަރުގެ ބިންގާ އަޅުއްވައި ދެއްވީ 2015 ވަނަ އަހަރު ބޭއްވި މޭޑޭ ބޮޑު މުޒާހަރާގައި ފުލުހަކަށް ހަމަލާދިން ކަމަށް ބުނެ ޖަލަށްލާފައި ހުއްޓާ މަރުވި އަބްދުﷲ ރަޝީދުގެ އަންހެނުންނާއި އޭނާގެ އަންހެން ދަރިފުޅާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.

އަލީ ވަހީދު ވިދާޅުވީ އެ ސެންޓަރު ބިނާ ކުރަން ޓޫރިޒަމް ދާއިރާގެ އިންވެސްޓަރުން ބައި މިލިއަން ރުފިޔާ ސީއެސްއާރްގެ ގޮތުގައި ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެތަނަކީ ފަތުރުވެރިންދާ ތަނަކަށް ހަދާނެ ކަަމަށެވެ.

"މި ވިޒިޓާސް ސެންޓާ އަޅުގަނޑުމެން ގާއިމްކޮށް ނިންމާއިރު ރާއްޖެއަށް އަލަށް އަންނަ ފަތުރުވެރިއަކަށް ރާއްޖެ ޑިމޮކްރަސީއަށް ކުރީ ކޮން ދަތުރެއްތޯ އަހައިފިއްޔާ އަނގޮޅިތީމަށޭ ދާންވީ، އޭނާ ކައިރީގައި ހުންނަ ކޮންމެ ޓްއާ ގައިޑެއް ބުނާ ވަރު ތަނަކަށް މިތަން އަޅުގަނޑުމެން ހަދައި ދޭނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

ރަސްމިއްޔާތުގައި މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރާއިދު ވިދާޅުވީ އެ ސެންޓަރުގައި ދެ ގެލަރީއެއް ގާއިމް ކުރާނެ ކަމަށާއި އެއް ގެލަރީއަކީ ރާއްޖެ ޑިމޮކްރަސީއަށް ކުރި ދަތުރުގައި ކުރިމަތިވި ކަންތައްތަކާއި މިހާރު ފެންނަން ހުރި ތާރީހީ ފޮޓޯތައް ހިމެނޭ ގެލަރީ ކަމަށެވެ. އަދި އަނެއް ގެލަރީން އެރަށާއި އެ އަތޮޅުގެ ތާރީހީ ތަކެއްޗާއި ކަންކަމުގެ ފޮޓޯ ފެންނަން ހުންނާނެ ކަމަށެވެ.

މީގެ އިތުރުން ކެފޭ އާއި ޒިޔާރަތްކުރާ ފަރާތްތައް މަޑުކޮށްލާނެ ލޮއުންޖަކާއި ފާހަނާ ވެސް އެސެންޓަރުގައި ގާއިމް ކުރާނެ އެވެ.