ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލާފައިވާތީ އެކަމާމެދު އަޖައިބުވެފައި ހުންނެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވަނީ ޖިންސީ ކުށުގެ ގާނޫނުގެ ގެ 16 ވަނަ މާއްދާގެ ދަށުން ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ އާއި އެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 132 ވަނަ މާއްދާގެ ދަށުން ބޭ އަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އާއި ޖިންސީ ކުށުގެ ގާނޫނުގެ 18 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ އާއި އެ ގާނޫނުގެ 19 ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ގާނޫނުލްއުގޫބާތުގެ 412 ވަނަ މާއްދާ އާއި އެ ގާނޫނުގެ 81 ވަނަ މާއްދާގެ ދަށުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ އެކެވެ.
އެކަމާއި ގުޅޭގޮތުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގުރޫޕަށް ރައީސް ނަޝީދު ދޫކޮށްލެވި މެސެޖެއްގައި ވިދާޅުވީ އަލީ ވަހީދުގެ މައްސަލައާ ގުޅޭ ބަޔާންތައް ބެއްލެވި ކަމަށާ އެ ބަޔާންތަކާމެދު އަޖައިބުވެފައި ހުންނެވި ކަމަށެވެ. އަލީ ވަހީދުގެ ދިފާއުގައި ވާހަކަ ދައްކަވާ ނަޝީދު ވިދާޅުވީ އަލި ވަހީދުގެ މައްޗަށް ބޮޑު ދައުވާއެއް ކުރައްވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި އެކި މީހުންނަށް އެކި ގޮތް ހަދަމުންދާ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
"ތިނަދޫގައި ޖިންސީ ގޯނާކޮށް އަންހެން މީހާ މަރާލި މީހާ އަށް ވެސް ކޮށްފައިވަނީ ދެ ދައުވާ. އެހެން ކިތަންމެ މީހުންނަށް އެއްވެސް ދައުވާއެއް ނުކޮށް އެބަ ދޫކޮށްލާ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެކި ދުވަސް މަތިން މުވައްޒަފުންނަށް އަލީ ވަހީދު ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ޓޫރިޒަމްގެ ބައެއް މުވައްޒަފުން ބުނެ އެވެ. އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުމުން އަލީ ވަހީދު ވަނީ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ފަހުން އަލީ ވަހީދު ދިރިއުޅޭ ގެ ފާސްކޮށް އޭނާގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވެ އެވެ. އަދި އޭގެ ފަހުން ފުލުހުންގެ ތަހުގީގަށް ޖުލައި މަހުގެ 19 ވަނަ ދުވަހު އަލީ ވަހީދު ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.
އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް
- ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދައުވާ
- ރޭޕްކުރަން އުޅުމުގެ ކުށުގެ ދައުވާ
- ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
- ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާ
- ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ
ފުލުހުންގެ އިދާރާއަށް ހާޒިރުވެވަޑައިގެންނެވި ރޭ ނޫސްވެރިންނާއި ބައްދަލްކުރައްވާ އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ބަޔަކު ރާވައިގެން ފަތުރާފައިވާ ތުހުމަތުތަކެއް ކަމަށެވެ. އެއީ އޭނާއާ ދެކޮޅަށް ހިންގި ބޮޑު ޖަރީމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭގޮތުގައި މިއީ ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް އަޅުގަނޑާ ދެކޮޅަށް. އެހެންވީމަ އަޅުގަނޑު ދަންނަވާފައި އޮންނާނެ އަޅުގަނޑުގެ މައްޗަށް ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށް،"
އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތު ތަކުގައި އެއްވެސް އަސާސެއް ނެތް ކަމަށާ އެ ވާހަކަތައް ފެންމަތިކޮށް އޭނާ މަގާމުން ވަކި ކޮށްފައި ވަނީ ސިޔާސީ ނުފޫޒުން ކަމަށެވެ. އެހެން ނަމަވެސް އެކަން ކަމުގެ އަޑީގައި ތިބީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވިއެވެ. ހަމައެކަނި ވިދާޅުވީ މި މައްސަލާގައި ހަނު ނުހުންނަވާނެ ކަމަށާ ކުރިމަތި ލައްވާނެ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ބަޔަކު ރާވައިގެން ފަތުރާފައިވާ ތުހުމަތުތަކެއް ކަމަށެވެ. އެއީ އޭނާއާ ދެކޮޅަށް ހިންގި ބޮޑު ޖަރީމާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު ދެކޭގޮތުގައި މިއީ ބަޔަކު ރާވައިގެން ހިންގާ ޖަރީމާއެއް އަޅުގަނޑާ ދެކޮޅަށް. އެހެންވީމަ އަޅުގަނޑު ދަންނަވާފައި އޮންނާނެ އަޅުގަނޑުގެ މައްޗަށް ކުރާ ހުރިހާ ތުހުމަތުތަކަށް އިންކާރުކުރާ ކަމަށް،" އަލީ ވަހީދު ވިދާޅުވިއެވެ.