މާލެ-ހުޅުމާލެ އަދި ހުޅުލެ އެއް ނެޓްވޯކަކުން ގުޅާލަން މާލޭގައި ޓްރާންސްފޯމަރު ބަހައްޓަން ހަދާ އިމާރާތުގެ މަސައްކަތް ފަށައިފި އެވެ.
ސްޓެލްކޯ ގޯތިތެރޭގައި ހަދާ މި އިމާރާތުގެ މަަސައްކަތް އިއްޔެ ފައްޓައި ދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުޣުނީ އެވެ.
މުޣުނީ ވިދާޅުވީ ބްރިޖު މެދުވެރިކޮށް މާލެ އަށް ގުޅާލާ ކަރަންޓު ވިއުގަ ގުޅައި ލުމުގެ މަސައްކަތް ހުޅުމާލޭގައި ނިންމަމުންދާ ކަމަށެވެ.
"ހުޅުމާލޭގައި އަޅުގަނޑުމެން ޓްރާންސްފޯމަރު ނިންމުމުގެ މަސައްކަތް ކުރި އަށް އެބަދޭ. މި މަސައްކަތް ނިމުމުން މާލެ ވަރަށް ބޮޑަށް ރައްކާތެރިވެ ކަރަންޓް މައްސަލަ ހައްލު ވެގެން ދާނެ. ދެން ގްރޭޓާ މާލެ ސަރަހައްދުގައި ކަރަންޓް ކެނޑުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ،" މުޣުނީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ފަށާފައިވާ މަަސައްކަތް އަންނަ އަހަރު ތެރޭގައި ނިމޭނެ ކަމަށެވެ.
"މި ޓްރާންސްފޯމަރުތައް މި ބޭނުން ކުރަނީ ހުޅުމާލޭގައި އަޅުގަނޑުމެން އެންމެ ފަހުން އެޅި 50 މެގަވޯޓުގެ ޕަވާޕްލާންޓުން ޕަވާ ކެރީ ކުރުމަށްޓަކައި،" މުޣުނީ ވިދާޅުވި އެވެ.
އެމްޑީ ވިދާޅުވި ގޮތުގައި މާލޭގައި ބަހައްޓާ ޓްރާންސްފޯމާ ސްޓޭޝަންގައި 50 މެގަވޯޓުގެ ދެ ޓްރާންސްފޯމާ ބަހައްޓާނެ ކަމަށެވެ.
"މާނައަކީ ގާތްގަނޑަކަށް 100 މެގަވޯޓުގެ ކަރަންޓް ކެރީ ކުރެވޭނެއާ މާލެއާ ހުޅުމާލެއާ ދޭތެރޭ،" މުޣުނީ ވިދާޅުވި އެވެ.
މާލެ - ހުޅުމާލެ ކަރަންޓު ވިއުގައިން ގުޅައިލުމުގެ މަޝްރޫއު ފަށާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. މި މަަޝްރޫއު ހަވާލުކޮށްފައި ވަނީ 567 މިލިއަން ރުފިޔާއަށް ޗައިނާގެ ޑޮންފެން އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަނާ އެވެ. މި މަޝްރޫއުގެ ދަށުން 50 މެގަވޮޓްގެ ކަރަންޓް އުފައްދާ ޕަވާ ޕްލާންޓުން މާލެއާ ދެމެދު އެޅުމަށް ހަމަޖެހިފައި ވަނީ 132 ކިލޯވޮޓްގެ ހައި ވޮލްޓޭޖް ކޭބަލެކެވެ. މި ކޭބަލް އަޅާނީ ބުރިޖު މެދުވެރިކޮށެވެ.
ހުޅުމާލޭގައި ސްޓެލްކޯއިން ކުރިއަށް ގެންދާ ފަސްވަނަ ޕަވާ ޕްރޮޖެކްޓްގެ 1.2 ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. މި މަޝްރޫއުގެ ދަށުން 8.9 މެގަވޮޓްގެ ހަ ޖަނަރޭޓަރުގެ އިތުރުން ފިއުލް ފާމަކާއި ވޯޓާ ޑީސެލިނޭޝަން ފެސިލިޓީ އެއް ގާއިމް ކުރާނެ އެވެ.
ސްޓެލްކޯ އިން އެންމެ ފަހުން އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުގައި އެ ކުންފުނިން މިދިޔަ އަހަރު އެއް ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ވަނީ އެކި މަޝްރޫއުތަކަށް އިންވެސްޓްކޮށްފަ އެވެ.