ހަބަރު

ދޮށީ އުމުރުގެ އާބާދީ ދަނީ ހަލުވިކޮށް އިތުރުވަމުން: އެޗްއާރުސީއެމް

ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ދޮށީ އުމުރުގެ މީހުންގެ އާބާދީ ހަލުއި މިނުގައި އިތުރުވަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމްގެ އެ ބަޔާނުގައި ބުނެފައިވަނީ، ރާއްޖޭގެ އާބާދީއަށް އަންނަ އެ ބަދަލާއި ގުޅިގެން ދޮށީ އުމުރުގެ މީހުންނާއި ގުޅޭގޮތުން ރާއްޖޭގައި ގައުމީ ސިޔާސަތެއް އެކުލަވާލެވި، އެފަރާތްތަކަށް އިޖުތިމާއީ ރައްކާތެރިކަމުގެ އިނާޔަތްތަކާއި، ސިއްހީ އަދި އިޖްތިމާއީ ބައެއް ހިދުމަތްތައް ލިބުމުގައި ލުއި ފަސޭހަ ގޮތްތަކެއް ދައުލަތުން އިންތިޒާމުކޮށްފައިވާކަން ފާހަގަ ކުރާ ކަމަށެވެ.

ނަމަވެސް، ދޮށީ އުމުރުގެ މީހުންގެ އިޖްތިމާއީ ރައްކާތެރިކަމާއި ގުޅުންހުރި ޕެންޝަން ސްކީމް ފަދަ ބައެއް ކަންކަން އިތުރަށް ރަނގަޅު ކުރަންޖެހޭ ކަމަށާއި، އެފަރާތްތަކަށް ވަޒީފާއާ ގުޅޭ ގޮތުންނާއި، ބޯހިޔާވަހިކަން ހޯދުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަވާ ކަމަށެވެ.

ދޮށީ އުމުރުގެ މީހުންގެ ހައްގުތަކަށް އުނިކަން ލިބިގެން އެ ކޮމިޝަނަށް ތަފާތު މައްސަލަތައް ހުށަހެޅޭ ކަމަށާއި އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ދޮށީ އުމުރުގެ މީހުންނަށް އެމީހުންގެ ދަރިންނާއި އާއިލާއިން އަޅާނުލާ މައްސަލަތަކާއި ދޮށީ އުމުރުގެ މީހުންނަށް ދައުލަތުން ދޭ މާލީ އިނާޔަތުގެ ބޭނުން އެފަރާތްތަކާއި ހަވާލުވެ ތިބޭ ބައެއް މީހުން ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަތައް ކަމަށް ބަޔާނުގައި ވެއެވެ.