ހަބަރު

ފިހުނު މީހުނަށް އަދިވެސް ފަރުވާ ދެނީ

މާލޭގެ ޓީޖެޓީ ސަރަހައްދުގައި އޮތް ތެޔޮ ބައުޒަރެއްގައި ރޯވެ ހިނގައިދިޔަ އަލިފާނުގެ ބޮޑު ހާދިސާގައި ފިހުނު ހަތް މީހުން އަދިވެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް އިސްމާއީލް އަހުމަދު ވިދާޅުވީ ޓީޖެޓީގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވެގެން އެ ހޮސްޕިޓަލަށް ގެންދިޔަ ނުވަ މީހުންގެ ތެރެއިން ފިހިގެން ގެންދިޔަ ހަތް މީހުންނަށް އަދިވެސް އެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަމަށެވެ.

އިސްމާއިލް ވިދާޅުވީ، އޭގެ ތެރެއިން ހަ މީހެއްގެ ހަށިގަނޑު ފިހިފައި ވަނީ 20 ޕަސެންޓާއި 45 ޕަސެންޓުގެ މިންވަރަށް ކަމަށެވެ. އެކެއްގެ ހަށިގަނޑު 50 ޕަސެންޓަށް ފިހިފައިވާ ކަމަށް އޭނާ މައުލޫމާތު ދެއްވި އެވެ. އެއިން އެއްވެސް މީހެއްގެ ހާލު އެހާ ސީރިއަސް ނޫން ކަމަށާއި ނަމަވެސް ގެއަށް ފޮނުވާލެވޭ ވަރު ވާނެ އިރެއް އަދި ނޭނގޭ ކަމަށެވެ.

އެ ހާދިސާގައި އަނިޔާވި ދެ މީހަކަށް ފަރުވާ ދިނުމަށް ފަހު އިއްޔެ ވަނީ ދޫކޮށްލައިފަ އެވެ. ދެން ތިބި މީހުންގެ ތެރެއިން އެކަކު އެމަޖެންސީގައި ފަރުވާ ދެމުންދާއިރު، އެކަކަށް ފަރުވާ ދެމުން ދަނީ އައިސީޔޫގަ އެވެ. ދެން ތިބި މީހުނަށް ފަރުވާ ދެމުން ދަނީ ވޯޑުގަ އެވެ.

އިއްޔެ ހަވީރު ހިނގި އެ ހާދިސާގައި އަލިފާންގަނޑު އެންމެ ފުރަތަމަ ރޯވީ ލޯންޗެއްގަ އެވެ. އޭރު ބައުޒަރަކުން އެ ލޯންޗަށް ތެޔޮ އެޅުމަށް ހޮޅި ގުޅާފައި ވެއެވެ. ލޯންޗުގައި ރޯވި އަލިފާންގަނޑު ހޮޅީގައި ހިފައި ބައުޒަރާ ހަމައަށް ފެތުތުމާއެކު ބައުޒަރު ގޮވައި އަލިފާން ފެތުރުނީ އެވެ.