ލައިފްސްޓައިލް

މުސްކުޅިން އިތުރަށް ދަތްތަކަށް ފަރުވާތެރިވާންޖެހޭ!

ދަތުގެ އަދި ސިއްހީ ތަޖުރިބާކާރުން އިރުޝާދު ދޭ ގޮތުގައި އުމުރުން ދުވަސްވުމުން ސިއްހަތާ މެދު ވަރަށް ފަރުވާތެރިވާން ޖެހެ އެވެ. ޚާއްސަކޮށް އަނގައިގެ ސިއްހަތަށެވެ. ސަބަބަކީ އަނގައިގެ ސިއްހަތަކީ އާއްމު ސިއްހަތު ސަލާމަތުން ބެހެއްޓުމަށް މުހިއްމު ދައުރެއް ކުޅޭ އެއްޗަކަށް ވާތީ އެވެ.

ވަރަށް ފަހުން އެމެރިކާގައި ކުރި ދިރާސާއެއްގެ ރިޕޯޓުގައިވާ ގޮތުން އަނގައިގެ ސިއްހަތު ގޯސްވެގެން ސިއްހީ ގޮތުން ދިމާވާ މައްސަލަތައް ގިނަ އެވެ. ޖެހިފައިވާ ސިއްހީ މައްސަލަތައް އިތުރަށް ގޯސްވުމުގައި ވެސް އަނގައިގެ ސިއްހަތުގެ ދައުރެއް ވެއެވެ.

ސިއްހީ ތަޖުރިބާކާރުން ވިދާޅުވަނީ ގަވާއިދުން ޗެކްއަޕް ހަދަން އަންނަ މުސްކުޅިންގެ ވެސް އަނގައިގެ ސިއްހަތު ބަލަން ޖެހޭނެ ކަމަށެވެ. ޚާއްސަކޮށް ގަވާއިދުން ދަތުގެ ފަރުވާ ނުހޯދާ މީހުންގެ އެވެ.

އެމެރިކާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ހިރުގަނޑު ގިރޭ މައްސަލަ ވެސް ޒުވާނުންނަށް ވުރެ ގިނައިން މެދުވެރިވަނީ މުސްކުޅިންނަށެވެ. މިފަދަ މީހުންނަށް ހިރުގަނޑުގެ އިންފެކްޝަންތައް ޖެހި ސޮފްޓް ޓިޝޫތައް ހަލާކުވެ ދަތުގެ ސަޕޯޓަށް ހުންނަ ކަށިގަނޑު ގިރި ހަލާކުވާގޮތް ދިމާވެ އެވެ. އެމެރިކާގެ މުސްކުޅިންގެ ތެރެއިން ހިރުގަނޑު ގިރުމުގެ މައްސަލަ 64 ޕަސެންޓް މީހުންނަށް ވަނީ ދިމާވެފަ އެވެ.

ދަތްތަކަށާއި ދަތްތަކުގެ ސަޕޯޓަށް ހުންނަ ބައިތަކަށް ދިމާވާ މައްސަލަތަކުން އަނގައިގައި އުފެދޭ ބެކްޓީރިއާތައް ލޭ ދައުރުވާ ނިޒާމަށް ވާސިލުވެ އެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގެ މާ ދުރުގައި ހުންނަ ބައިތަކަށް އިންފެކްޝަންތައް ޖެހެން މެދުވެރިވެ އެވެ.

އަނގައިގެ ތެރެ ރަނގަޅަށް ސާފުނުކޮށް، ފްލޮރައިޑް ހުންނަ ދަތްއުނގުޅާ ބޭސް ފަދަ ތަކެތި ބޭނުން ނުކޮށް އަދި ގަވާއިދުން ދަތުގެ ފަރުވާ ނުހޯދަ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް އިންފެކްޝަންތައް ޖެހި އެކަމުގެ ސަބަބުން ފުރާނައަށް ނުރައްކާވާ ގޮތް ވެސް ދިމާވެ އެވެ.