ޗައިނާގައި މިހާރު ވެރިކަން ކުރަމުންދާ ކޮމިއުނިސްޓް ނިޒާމު ކުށްވެރިކޮށް ޓައިވާނުން ޗައިނާއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފި އެވެ.
ޓައިވާންގެ މެއިންލޭންޑް އެފެއާޒް ކައުންސިލުން ބުނީ، މިއަދު ޗައިނާއިން ފާހަގަ ކުރަމުންދަނީ ޗައިނާގައި އުފެދުނު ހުދު މުހުތާރު ވެރިކަމާއި ކޮމިއުނިސްޓް ނިޒާމްގެ 70 ވަނަ އަހަރީ ދުވަސް ކަމަށެވެ. އަދި 70 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދާ އަސްކަރީ ޕެރޭޑަކީ ދުނިޔެއަށް ބިރު ދައްކުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށެވެ.
ޗައިނާގައި ވެރިރަށް ބެއިޖިންގައި މިހާރު ކުރިއަށްދާ އަސްކަރީ ޕެރޭޑުގައި ޗައިނާއިން ވަނީ ގިނަ އަދަދެއްގެ ބަލެސްޓިކް މިސައިލް އާއި ނިއުކްލިއާގެ އިތުރުން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ މިސައިލްތައް ވެސް ބޭނުންކޮށްފަ އެވެ.
ޗައިނާއިން މި ހަތިޔާރުތައް ބޭނުން ކޮށްގެން ޕެރޭޑް ކުރިއަށް ގެންދަނީ، އެއްވެސް ގައުމަކުން އެމީހުންގެ މައްޗަށް ބާރު ނުފޯރުވޭނެކަން ދެއްކުމުގެ ގޮތުންނެވެ.
މެއިންލޭންޑް އެފެއާޒް ކައުންސިލުން އިތުރަށް ބުނީ، ޗައިނާގައި މިހާރު ޕްރެކްޓިސް ކުރަމުންދަނީ އެއް ނިޒާމެއްގެ ތެރޭ އޮންނަ ދެ ނިޒާމެއް ކަމަށެވެ. އޭގެ ސަބަބުން އަވައްޓެރި އެހެން ގައުމުތައް ބިރުވެރިކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. މިސާލަކަށް ދެއްކީ ހޮންގްކޮންގް އެވެ.
ކައުންސިލުން އިތުރަށް ބުނީ، ޕެރޭޑުގައި ނުރައްކާތެރި މިސައިލްތަކެއް ބޭނުންކުރީ ޗައިނާގެ ނުފޫޒުން މިންޖުވާން މަސައްކަތްކުރާ ހޮންގްކޮންގާއި ޓައިވާން ފަދަ ގައުމުތަކަށް ބިރު ދައްކަން ކަމަށެވެ.
މިހާރު އޮތް ވެރިކަމުގެ ނިޒާމުގެ ތެރޭ ޗައިނާގެ ރައްޔިތުން އިންސާނީ ހައްގުތަކުން މަހުރޫވް ވެފައިވާ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި ބުނީ ޗައިނާއިން ގެންދަނީ ތަރުކާރުކޮށް އެހެން ގައުމުތަކުގެ ރައްޔިތުންގެ މިނިވަން ކަމަށް އަރައި އިންސާނީ ހައްގުތައް ފޭރިގަންނަމުން ކަމަށެވެ.
ޓައިވާނުގެ ރައީސާ ސާއީ އިންގްވެން މަސައްކަތް ކުރައްވަނީ ޗައިނާއިން އެ ގައުމަށް ފޯރުވާ ނުފޫޒު ނިމުމަކަށް ގެންނާށެވެ. ޓައިވާނުގެ ބައެއް ސަރަހައްދުތަކުގައި މިހާރު ވެސް ހިނގަނީ ޗައިނާގެ ގާނޫނެވެ. ސާއީ އަކީ އެކަމާ އެންމެ ދެކޮޅު ހައްދަވާ ޓައިވާނުގެ ސިޔާސީ ލީޑަރެވެ. ޓައިވާނަކީ މިނިވަން ދައުލަތެއް ކަމަށް މިހާތަނަށް ގަބޫލު ކޮށްފައި ވަނީ 20 ގައުމަކުންނެވެ.
ހޮންގްކޮންގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ޓިކެޓް ޗައިނާގެ ރައީސް ޝީ ޖިންޕިންގުގެ ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ ހަންކޯ ޔޫ ވަނީ ކާމިޔާބު ކުރައްވާފަ އެވެ. ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ހަންކޯޔޫ ވަނީ ޓައިވާންގެ ބައެއް ސަރަހައްދުތަކަށް ޗައިނާގެ ބާރު ހިނގަންޖެހޭ ކަމަށް ފާޅުގައި ވިދާޅުވެފަ އެވެ. އަދި އެގޮތަށް އަމަލު ނުކުރާނަމަ ޓައިވާނުގެ މިނިވަންކަން އެއްކޮށް ނެތި ހިނގައިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ގައުމީ ސަލާމަތަށް ކަމަށްބުނެ ޓައިވާނުން އެމެރިކާއިން ހަތިޔާރު ގަތް މައްސަލައިގައި ޗައިނާ ވަނީ ވަރަށް ބޮޑަށް ރުޅި ގަދަވެ، ޓައިވާންގެ އިގްތިސޯދީ ސަރަހައްދުގައި އަސްކަރީ ތަމްރީނުތަކެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. އަންނަ ޖެނުއަރީ މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޗައިނާގެ އެހީގައި ހަންކޯއަށް އިންތިހާބު ކާމިޔާބު ކުރެއްވޭނެ ކަމަށް ބެލެވެ އެވެ.
ޗައިނާގެ ގިނަ ރައްޔިތުން ބޭނުންވަނީ ޗައިނާގެ އަޅުވެތިކަމުން މިންޖުވެފައިވާ ފުރިހަމަ ޑިމޮކްރަޓިކް މިނިވަން ގައުމެކެވެ.