(29 ސެޕްޓެމްބަރ 2019 އާ ގުޅޭ)
"ކޮންކަމަކާ؟ ކާކުދެކެ... އަހަންނަށް ހީވަނީ އަލްމާ ވަރަށް ވިސްނަންވެއްޖެހެން، އަހަންނަށް މިހާރު އެނގިއްޖެ ތިވެގެން އުޅޭގޮތެއް، ހުރިހާ އެއްޗެއް އަހަންނަށް ކިޔައިދީ..." ޔުސްރާ ބުންޏެވެ.
"ޔުސް ވެސް ޤަބޫލެއްނޫންހެން އަހަންނަށް ހީވަނީ؟" އަލްމާ ބުންޏެވެ.
"އެހެންވީމަ އަހަންނަށް މި ހީވަނީ ރަނގަޅަށްތާ؟... އަލްމާ، ތިކަމުން އަލްމާއަށް ރަނގަޅު މަގެއް ފެނިދާނޭހެން ހީވޭތަ؟ އަހަރެންގެ ހިތެއް ނުބުނޭ... ފުރަތަމަ ކަމަކީ ދެމެދުގައި ހުރި ފަރަގު... އެއީ މުޅިން އެހެން ފެނަކަށް ދިރިފައިވާ މަހެއް" ޔުސްރާއަށް ހީވެފައިވާ އޮތް އެއްޗަކަށް ބުންޏެވެ.
"ދެން ކިހިނެއްތަ އަހަރެން ހަދަންވީ؟... އެ މަންޒަރުތައް ދުށުން ހާދަ އުނދަގުލޭ... ވަރަށް ފޫހިވޭ..." އަލްމާ ބުންޏެވެ.
"ބޮޑު ކަންތައްގަނޑެއް ފެށޭންތަ ބޭނުންވަނީ... ޝިޔާނު އެއްބަސްވާނެހެނެއް ހިޔެއްނުވޭ، މިކަމާހުރެ އެންމެން މޫނުކެނޑެން ޖެހިދާނެ، އަމިއްލަ ދިރިއުޅުމާމެދު ވެސް ނިކަން ވިސްނާލަބަލަ" އަލްމާ ބުނި އެއްޗަކަށްވުރެ ބާރަށް ޔުސްރާ ބުންޏެވެ.
ހޭޒަލް ލަސްވެއްޖެހެން ހީވެ ލިއަމް ދޮރޯށި ހުޅުވާލިއެވެ. އޭނާ އެތެރެއަށް ދެތިން ފިޔަވަޅު އެޅިތަނާ ހުއްޓުން އަރާފައި ހުރި ހޭޒަލް ފެނިއްޖެއެވެ. ހީވީ ލިއަމްގެ ހިނދުރީގައި ނޭވާ ތާށިވީހެންނެވެ. ދެ ލޯ ބޮޑުކޮށްލެވުނީ އަމިއްލަ އިޚްތިޔާރަކުނޫނެވެ. ހަލުވިކޮށް އެތެރެއަށް އޭނާއަށް އާދެވުނެވެ. ތަންކޮޅެއް ބާރަށް ހޭޒަލްގެ ނަމުން ގޮވާލިއެވެ. އެއާއެކު އަލްމާއާއި ޔުސްރާގެ ވާހަކައަށް ސަމާލުވެ ހުރި ހޭޒަލްއަށް ވެސް ލިބުނީ ސިހުމެކެވެ. އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ކުއްލިއަކަށް ގޭތެރެއިން ޔުސްރާއާއި އަލްމާއާ ދެ މީހުން އެކީ ނުކުތެވެ. އެމީހުން ލިއަމްއަށް ބަލާލައި ހޭޒަލްއަށް ބަލާލީ ހައިރާންކަމާއެކުއެވެ. މިވަނީ ކިހިނެއްކަމާމެދު ސުވާލު ކުރާ ކަހަލައެވެ.
"ޔުސް!، އަލްމާ!... ދަނީ އިނގޭ... އެހެންބުނަން މިއައީ" ހޭޒަލް ބުންޏެވެ. އޭރު ލިއަމް އައިސް ހޭޒަލްގެ ގާތުގައި މަޑުކޮށްލައިފިއެވެ. ބޭރުގައި ހުރި ޝިޔާނު ވެސް އެތެރެއަށް ވަދެ ހުއްޓެވެ. ޔުސްރާއާއި އަލްމާއަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ހޭޒަލް ބުނި އެއްޗަކަށް ޔުސްރާ ހިނިތުންވެލުމާއެކު އޭނާއާއެކު ބޭރަށް ހިނގައިގަތެވެ. ނަމަވެސް އަލްމާ ހުރީ ފާޑަކަށެވެ. ހޭޒަލް އޭނާއަށް ބަލާލާއި ހިނިތުންވުމެއް ދިނުމުން ގަދަކަމުން އަލްމާ ހިނިތުންވެލިއެވެ.
"އަލްމާއަށް ހަޤީޤަތުގަ ވެސް ލިއަމް ކަމުދިޔައީ ކަންނޭނގެ... އެކަމަކު އެހެންވާންވީ ކީއްވެ؟... އޭނާ އުޅެނީ މީހަކާ އިނދެގެން، ދަރިއަކު ވެސް އެބަހުރި، ކުއްލިއަކަށް ފެންނަ މީހަކަށް ހިތްކިޔާފާނެތަ؟... ވީ އާ ނޮޓް ޓީނޭޖާސް އެނީމޯ، އެކަހަލަ ޅަވިސްނުން ގެންގުޅޭކަށް، މެރިއޭޖަކީ ކުޅޭ ކުޅިވަރެއްނޫން، ޚާއްޞަކޮށް ދަރިއަކު އޮއްވަ... އަލްމާގެ ފިރިމީހާއަށް އެނގިއްޖެއްޔާ އޭނާ ކިހާ ހާޓްވާނެ، ރަށުގައި ނެތުމަކީ ބިޓްރޭކުރަންޖެހޭ ވަރުކަމެއްނޫން، ލިއަމްއަށް ހަމަ ނޭނގޭތަ އަލްމާގެ ފީލިންގްސް، އެކަމަކު ކީއްވެތަ އަހަންނަށް އެހެން ހީނުވަނީ... ޔުސްރާ އެދެއްކީ އަލްމާގެ ޑިޒިޝަންތަކުން ނުކުމެދާނެ ނަތީޖާއެއްގެ ވާހަކަކަން ޔަގީން، އޭނާ ގަސްދުއެކުރަނީ އަހަރެމެންގެ ދިރިއުޅުމަށް ވަންނަންތަ؟... އޯ ގޯޑް... ކޮންކަހަލަ ތަނަކަށްތަ މިއާދެވުނީ... ކީއްވެތަ ލިއަމް މިކޮޅަށް އަންނަންޖެހުނީ... މި ހުރިހާކަމެއް މިވަނީ އެހެންވެ..."
ހޭޒަން ނުކުމެގެން އައި ލިއަމްގެ ސައިކަލު ފަހަތަށް އެރިއިރު ވެސް އޭނާ ވިސްނަމުންދިޔައީ އަލްމާއާ މެދުއެވެ. އަލްމާގެ ހަޤީޤީ ބޭނުމާ މެދުއެވެ. ޝިޔާނު ވެސް އައީ ލިއަމްގެ ސައިކަލާ އެއްވަރަށް ކަމަށްވާތީ އޭނާއާށް ހޭޒަލްއާ ސުވާލެއް ކޮށްލާކަށް ނުކެރުނެވެ. މައިގެއަށް ނުވަދެ ހުއްޓުން އަރާފައި ހޭޒަލް ހުރީ ކީއްވެބާއޭ ލިއަމްގެ ހިތަށް އަރަމުންދިޔައެވެ. ޔުސްރާއާއި އަލްމާ ނުކުތްލެއް އަވަސްކަމުން ލިއަމްގެ ސިކުނޑިއަށް ވެސް ވިސްނުނީ އެ ދެމީހުން ދައްކަމުންދިޔަ ވާހަކައެއް އަޑުއަހަން ހޭޒަލް ހުރީ ނޫންބާއެވެ. އެއާއެކު އިތުރަށް ލިއަމްއަށް ހާސްކަމެއް ލިބިގެންދިޔައެވެ.
"އަތިރިމައްޗަށް ފައިބަމާ" ޝިޔާނު ޚިޔާލު ދިނެވެ. ހޭޒަލް އެއްބަސްވުމުން ޝިޔާނުގެ މިސްރާބު އަތިރިމައްޗަށް ބަދަލުކޮށްލިއެވެ. ދުއްވަމުން އައިސް އަތިރިމަތި ފެންނަ ހިސާބުގައި ސައިކަލު މަޑުކޮށްލިއެވެ. އެއްގަމުގައި ސައިކަލު ބަހައްޓާފައި ޝިޔާނު ފޭބީ ގޮނޑުދޮށަށެވެ. ލިއަމް ވެސް ސައިކަލު ހަރު ޖައްސާލީ ޝިޔާނުގެ ސައިކަލު ކައިރީއެވެ. އެއާއެކު ހޭޒަލް ފައިބައިގެން ޝިޔާނާ ދިމާއަށް އައެވެ.
"ޒެއްލު ދާންޖެހޭ ދުވަސް ކައިރިވަނީ ދޯ... ވަރަށް ދެރަ ދަތުރެއް އެއްޗެއް ރާވާ ނުލެވޭތީ، މޫސުން ވެސް މިއޮންނަނީ އޮންނަގޮތް" ޝިޔާނު ވާހަކަދެއްކިއެވެ.
"އޯކޭވާނެ... މިރަށަށް އައީސުރެން މިއުޅެވެނީ ޝިޔާނުމެންނާއެކުއެއްނު، ޝިޔާނު... އެއްޗެއް އަހާލަންތަ؟" ހޭޒަލްގެ ނަޒަރު ޝިޔާނަށް ހުއްޓުނެވެ.
"ކިހިނެއްވީ؟... އަހާލަބަލަ" ހިނިއައިސްފަ ޝިޔާނު މިހެންބުނީ ހޭޒަލްއަށް ބަލަންހުރެއެވެ.
"ކޮބާ ވައިފް؟... ޔުސްއާ ރައްޓެހިވީ ވައިފްދެކެ ފޫހިވީތަ؟" ހޭޒަލް އެއްސެވެ. އެމީހުންގެ ގާތަށް އައި ލިއަމްއަށް ދެވަނަ ފަހަރަށް ޝޮކެއް ލިބުނެވެ. ޝިޔާނު ގާތު އެކަހަލަ ޒާތީ ސުވާލެއް ހޭޒަލް އަހާފާނޭ ލިއަމް ހިޔެއްނުކުރެއެވެ. ޢާންމުކޮށް ވެސް ހޭޒަލްއަކީ މީހުންގެ ދިރިއުޅުމާ ބެހޭގޮތުން ސުވާލުކުރާ އަންހެންކުއްޖެއްނޫނެވެ. ނަމަވެސް މިހާރު ހޭޒަލްގެ ފުށުން ލިއަމްއަށް އިހު ނުފެންނަ ކިތަންމެ ކަމެއް ފެނިއްޖެއެވެ. ތަޙުޤީޤު އޮފިސަރަކަށް ހޭޒަލް ބަދަލުވެފައިވާ ކަހަލައެވެ. އޭނާއަށް އެ ބަދަލު އައީ ކީއްވެކަން ލިއަމްއަށް ރަނގަޅަށް އެނގެއެވެ. ހޭޒަލްގެ އެ ބަދަލު ލިއަމްއަށް އެއްގޮތަކަށް ވެސް ކަމަކުނުދެއެވެ. އެހެންނަމަވެސް ފާޅުގައި އެކަން ހުއްޓުވަން އުޅެފިނަމަ ނަތީޖާ ވަރަށް ގޯސްވާނޭކަން ލިއަމްގެ ސިކުނޑިއާއި ޟަމީރު އެއްބަސްވިއެވެ. އޭރުން އޮންނާނީ މެހެމުން އަންނަ މަޅި ބާރުވުމުގެ ކުރީން ބޯދަމައިނުގަނެވިފަކަން އެނގެއެވެ. އެއްބާރުލުން ދިނުމަކީ އެންމެ ފަސޭހައިން އެމަރުހަލާ ނިމިގެންދާނޭ ގޮތެވެ. އޭރުން ޔަގީނުވިޔަސް ޝައްކާއި ވަހުމްތަކަށް ފުރުޞަތެއް ނޯންނާނޭއެވެ. ދެން ޖެހޭނީ ހަޤީޤަތް ނުހޯދުނު ކަންކަމުގެ ތެރެއަށް އެ ފައިލު ލާ ބަންދުކުރާށެވެ. މަޑުމަޑުން ފާއިތުވާ ދުވަސްތަކާއެކު އެކަމުގެ މައްޗަށް ފަސްއަޅައި ފޮރުވިދާނެއެވެ.
"ވައިފްދެކެ ލޯބިނުވާތީއެއްނޫން... ބައިވަރު ރީޒަން ހުރެދާނެ ދޯ އެހެން ބައިވެރިއަކު ބޭނުންވާންޖެހިދާނެ، އަހަރެންގެ އަންހެނުންނާއި ކުދީންދެކެ ވެސް ވަރަށް ލޯބިވޭ، އަނތްބެއްގެ ފަރާތުން ބޭނުންވާނޭ ކަންތައްތައް ހުންނާނެ ކޮންމެ ފިރިއަކުވެސް، އަހަރެންގެ ވައިފް މިހާރު ބަލި، އެކަމަކު އޭނާ އެކަން ޤަބޫލުކުރަން ބޭނުންނުވާ ކަހަލަ... އޭނާއަށް ވެސް އެހީތެރިކަމެއް ފޯރުކޮށްދޭނެ މީހަކު ހުރިއްޔާ ފަސޭހަވާނެތާ، އަހަރެންގެ މަސައްކަތްތައް ހުއްޓާލައިފައި އަބަދު ގޭގަ ހުރީމަ ކިހިނެއް ފައިސާ ލިބޭނީ، އަހަރެން ވަރަށް ވާހަކަދައްކައިފިން، މައްސަލައަކީ އޭނާގެ ޢާއިލާ މީހުން، އެމީހުން އޭނާއަށް ނުފޫޒުފޯރުވަނީ... އަހަރެން އަމިއްލަ ގެއެއް ނަގައި، ވަކިން ދިރިއުޅެން ފެށީ ވެސް އެހެންވެ، އަހަރެން މިއުޅެނީ އޭނާ ވަރިކުރާނޭ ރީޒަންއެއް ނުފެނިގެންނެއްނޫން، އަހަރެންގެ އަންހެނުންނާއި ދަރީން އަހަރެން ބޭނުން، އެމީހުން އުޅެފި އަހަރެން ދެއަނތްބަށް އިންނަ ހިތްވަންޏާ އަންހެނަކު ވެސް ހޯދައިދޭން... އަހަރެން މިއުޅެނީ ދެއަނތްބަށް މީހަކާ އިންނަހިތް ވެގެންތަ؟... އެހެންނޫނަސް އަހަންނަށް ކަމުދާ ކަހަލަ ކޮންމެވެސް ކަމެއް ސިފައެއް ހުންނަން ޖެހޭނެ ދޯ... ޒެއްލު!... އައި ހޭވް މެނީ ރީޒަންސް އަހަރެން އަންހެނަކު ބޭނުންވާ، ޔުސްއަކީ ވަރަށް ރަނގަޅު އަންހެނެއް، އޭނާއަށް އަންޑަސްޓޭންޑްވޭ، އޭނާއަށް އެނގޭ އަހަންނަށް އަހަރެންގެ އަނބިމީހާއާ ދަރީން ވަރަށް މުހިންމުކަން، އެކަމަކު އަހަރެންގެ ކަންކަމާއި ގޭތެރެ ބަލަހައްޓައިދޭނެ ރަނގަޅު އުޅުންހުރި އަންހެނަކު އަހަރެން ބޭނުންވޭ، އަހަންނަށް އެނގޭ ޔުސްއަކީ ވެސް ދަރިއަކު ހުރި އަންހެނެއްކަން، އޭނާ ވެސް ފިރިއެއްގެ ލޯބި ބޭނުންވޭ... އަހަރެން ޔުސް ގޮވައިގެން ރަށުތެރޭގަ ނޫޅުނަސް އޭނާއާ ބައްދަލުކުރަން އަންނަކަން ވައިފްއަށް އެނގޭނެ، އޭނާއަށް ވެސް އޭނާގެ ހާލު ވިސްނޭ، އޭނާއަށް އެނގޭ އަހަރެންގެ ކަންކަން ނުކޮށްދެވޭކަން، އެހެންނަމަވެސް ޢާއިލާމީހުންގެ ބަސް ޤަބޫލުކޮށްގެން އެ ހުންނަނީ، އަހަރެން ބޭނުންނަމަ ޔުސްއާ އިނދެވޭނެ އެކަމަކު އަދިވެސް މިމަޑުކުރަނީ ވައިފްއަށް ވަގުތުދީ އޭނާ އާނބަސް ބުނޭތޯ، މިހެން ޔުސް ގާތަށް އައިސް އުޅުމަކީ ރީތި އުޅުމެއްނޫން ދޯ... އަހަންނަށް ހީވަނީ ޒެއްލުއަށް ވެސް އެކަހަލަ އެއްޗެއް ހީވެގެން ކަންނޭނގެ ތި އެހީ" ޝިޔާނުގެ މޫނުމަތިން ފާޅުވި އަސަރުތަކުން އޭނާގެ ވާހަކަތަކުގައި އޮޅުވައިލުމެއް ނުވެޔޭ ހޭޒަލްގެ ޟަމީރު ދެނެގަތެވެ.
"ޔުސް މެރީކުރަން ބޭނުންވާކަން އެނގޭ... ޝިޔާނު މަޑުކުރަނީ ކީއްވެބާއޭ ހިތަށް އެރީ" ހޭޒަލް ބުންޏެވެ. އެމީހުންގެ ވާހަކަތައް އަޑުއެހުމުގެ ބަދަލުގައި ލިއަމް ހުރީ ރާޅުފަށުގައެވެ. ފޯނު ދެއަތުން ހިފަހައްޓާލައިގެން އެއަށް ނަޒަރު ހުއްޓާލައިގެންނެވެ. ލިއަމްއަށް ބަލާލައިފަ ވެސް ހޭޒަލްގެ ސަމާލުކަން އަލުން ޝިޔާނަށް ދެވުނެވެ.
"ޔުސްގެ ބެސްޓްފްރެންޑް ދޯ އަލްމާއަކީ... ކޮބާތަ އޭނަ ހަޒްބަންޑް" ހޭޒަލް އެއްސެވެ.
"ރައްޒާގު ދޮންބޭބެއާއެކު ކަންނެއްޔަށް ދާނީ، އެ ގޯތި އޮޑި ބަލަހައްޓާނީ ވެސް އޭނަ... މިދުވަސްކޮޅުވީ ރަށުގައި ނެތީ އެހެންވެ، އޭނާ ހުއްޓަސް އެހާ އަނގަތަޅާ ސަކަރާތްޖަހާ ނޫޅޭނެ، އަހަރެން އެގެއަށް ދިޔަޔަސް އޭނާ ނުކުމެ ވަރަށް ނޫޅޭނެ، އަލްމާ އެއީ އޭގެ އިދިކޮޅު... ފިސާރި އަނގަގަދަވާނެ، ވަރަށް ސަމާސާ ކުރާނެ..." ޝިޔާނުގެ ވާހަކައިން އޭނާ އަލްމާއާ މެދު މާބޮޑު އެއްޗެއް ހީނުކުރާކަން ހޭޒަލްއަށް އެނގުނެވެ.
"ޔުސްއާ ހާދަ ތަފާތޭ އަލްމާ..." ހޭޒަލް ބުނެލިއެވެ. އެއާއެކު ޝިޔާނު ޖަހާލީ ހިނިގަނޑެކެވެ.
"އާނ! އަހަންނާ ޔުސް ބައްދަލުވިއިރު ވެސް އަލްމާއަކީ އޭނާގެ ބެސްޓްފްރެންޑް، އަސްލު މިހާރު މަށާ ޖެހިފަ އޭނާ ވެސް ސަކަރާތުގެ ބައި ކުޑަވެފަ އެ ހުރީ... އަލްމާއަށް ވެސް އެހެން ސަކަރާތްގަނެގަނެފަ އުޅޭކަށް ނުކެރޭނެ ރައްޒާގު ރަށުގަ ހުރިއްޔާ، އޭނާ އެހާ ގަޔާނުވާނެ އަންހެނުން ރަކިހިނިހީނ ސަމާސާކޮށް ގަޔަށް އަތްލާ އުޅޭތަން ފެނިއްޖެނަމަ، އަލްމާއަކީ ނިކަން ލާނެތްކަން ހުންނަ އަންހެނެއް... އެ ދެމީހުންގެ އުމުރުގެ ފަރަގު ބޮޑުވެފަ މިޒާޖު ވެސް އެއްގޮތްނޫންވީމަ ކަންނޭނގަ، ރައްޒާގު ހުރިއްޔާ އަލްމާ ފެންނާނީ މުޅިން އެހެން މީހެއްހެން" ޝިޔާނު ބުންޏެވެ. ނަމަވެސް އެ ވާހަކަތަކުން ހޭޒަލްއަށް ހިތްހަމަޖެހުމެއް ނުލިބުނެވެ.
"ހިތަށް އަރާ ރައްޒާގު އަންނާނެނަމައޭ... އޭރުން އޭނަ ވެސް ފެންނާނެއެއްނު މާލެ ދިއުމުގެކުރީން" ހޭޒަލް ބުންޏެވެ.
"ލިއަމް ވަރަށް ދައްކާނެ ޒެއްލުގެ ވާހަކަ، ތީ ވަރަށް އަންޑަސްޓޭންޑިން ވައިފްއެކޯ... އޭނާ އަސްލު ވަރަށް ލޯބިވޭ ޒެއްލުދެކެ، އަހަންނަށް އެނގޭ އެކަން... ތި ދެމީހުން ވެސް ތީ ވަރަށް ގުޅޭ ދެ މީހުން، ޒެއްލު ދެން މާލެ ދިޔައިމަ ނުވެސް ފެންނާނެ ދޯ، ލިއަމްގެ ޓާމް ވެސް ހަމަވާނެއެއްނު، ތިމީހުންގެ ދިރިއުޅުން އޮތީ މާލެގަ ވިއްޔަ... އެކަމަކު ވާނެ އިނގޭ އަދި އަންނަން މިރަށަށް، ފަހަރެއްގަ އޭރުން އަހަރެން ހުންނާނީ ޔުސްއާ އިނދެގެން ކަންނޭނގެ" ޝިޔާނު ހިނިތުންވެލިއެވެ.
ޝިޔާނާ މެދު ހޭޒަލްއަށް ދެކެވުނު ގޮތް ކޮންމެވެސް ވަރަކަށް ބަދަލުވެއްޖެއެވެ. ހަމައެއާއެކު ޔުސްރާއާއި އަލްމާއާ ދެމެދު ވާހަކަތަކުން ވެސް ޔުސްރާ ކުށެއް އޮތްކަމަކަށް ހޭޒަލްއަށް ޤަބޫލެއްނުކުރެވުނެވެ. އެހެންނަމަވެސް އޭނާ ހުރީ ޝިޔާނުގެ އަނބިމީހާއާ ބައްދަލުކޮށްލަން ބޭނުންވެފައެވެ. އޭނާގެ ފުށުން އިވޭ ވާހަކައަކުން ހޭޒަލްގެ އޮޅުންބޮޅުވެފައިވާ ޚިޔާލުތައް ކޮންމެވެސް ގޮތަކަށް ތަރުތީބުކުރުމަށް އެހީތެރިއަކަށް ވެދާނޭ ހީވެގެންނެވެ. އެހެންވިޔަސް އެކަމަށް ޝިޔާނުގެ ގާތުން އެދޭކަށް ނުކެރުނެވެ. ވަރަށް ގިނަ ގޮތްގޮތަށް ހޭޒަލް ވިސްނިއެވެ. އަލްމާގެ ފުށުން ހޭޒަލް ދުށް ކަންތައްތަކުގައި ޝިޔާނާއި ޔުސްރާގެ އަތެއް އޮވެދާނޭކަމަށް ހީކޮށް އެމީހުން ކުށްވެރިކުރި ކުރުން އެއީ އަދި އެންމެ ރަނގަޅު ނިންމުމެއްނޫންކަން ހޭޒަލްއަށް ވިސްނިއްޖެއެވެ. އަލްމާ އެހެން އެއުޅެނީ އޭނާގެ އަމިއްލަ އެދުމެއް އޮތީއެވެ.
"ލިއަމް ކީއްތަމިކުރަނީ..." ޝިޔާނު މިހެން ބުނެ ލިއަމްއަށް ގޮވާލިއެވެ. ހޭޒަލް ވެސް ޚިޔާލުތައް އެއްފަރާތްކޮށްލާ ލިއަމްއަށް ބަލާލިއެވެ. އޭނާ މިހާރު ހުރީ ކަންފަތުގައި ފޯނު ޖައްސާލައިގެން މީހަކާ ވާހަކަދައްކާށެވެ. ޝިޔާނު ގޮވާލުމުން ލިއަމް ދެ އިނގިލި ދައްކާލިއެވެ. ހީވީ ދެ މިނިޓުވަރު އޭނާއަށް ދޭށޭ ބުނީހެންނެވެ.
"ސްޓޭޝަން ބޮޑުމީހާ ގުޅީ..." ޝިޔާނާއި ހޭޒަލްގެ ގާތަށް އައިސް ހުއްޓިލި ލިއަމް ބުންޏެވެ.
"ހިނގާބަލަ އަހަރެމެން އެންމެން އެއްކޮށް ފޮޓޯއެއް ނަގަން، ޒެއްލު ދާއިރު އަހަރެމެން ބައްދަލުވި ކަމުގެ ހަނދާނެއް އޮންނަންވާނެއެއްނު" ޝިޔާނު ބުންޏެވެ. ލިއަމް ހީނލާފައި ބޯޖަހާލިއެވެ. ހޭޒަލް އަޅުވައިގެން ހުރި ދަބަހުގެ ތެރެއިން އޭނާގެ ފޯނު ނެގިއެވެ. އޭރު އިރުއޮއްސެން އުޅޭކަމުގެ ރަންގުކުލަ އުދަރެހުން ފާޅުވޭވޭ ހުއްޓެވެ. ހޭޒަލްގެ ފޯނުން އޭނާއާއި ޝިޔާނުގެ ފޮޓޯއެއް ލިއަމް ނަގައިދިނެވެ. އަދި ތިންމީހުން އެކުގައި ނަފްސީއެއް ނެގިއެވެ. އުދަރެސް އޮތްގޮތް ފެނި ޤުދުރަތުގެ ރީތިކަމުގެ އަވައިގަ ހޭޒަލް ޖެހުނެވެ. އޭނާ އެ ރީތިކަން ފޯނުގައި ގައިދުކުރިއެވެ.
އިރުއޮއްސި އަނދިރިވުމުގެ ކުރީން ހޭޒަލް އެނބުރި ގެއަށް އަންނަން ބޭނުންވުމުން ލިއަމްއާއި ޝިޔާނު ވެސް ތިބިތަނުން ހިނގައިގަތެވެ. ލިއަމްއާއި ހޭޒަލްއާއެކު ޝިޔާނު ވެސް އައެވެ. އޭނާ ގާތު އެޕާޓްމެންޓުގައި މަޑުކޮށްލަން އަންނާށޭ ލިއަމް ބުނުމުން އެކަމާ ދެކޮޅެއް ނުހެދިއެވެ.
ސިޓިންރޫމު ސޯފާގައި ލިއަމްއާއި ވާހަކަދައްކަން ޝިޔާނު އިނެވެ. ހުޅުވާފައި ހުރި ޓީވީގެ އަޑު މަޑުކޮށްފައި ހުރުމުން އޭގެ އަޑު އިވެނީ ކިރިޔާއެވެ. ހޭޒަލް ތެދުވެގެން އައިސްވަނީ ކޮޓަރިއަށެވެ. އޭނާ މަޣްރިބު ނަމާދުން ފައިބާ ފޯނު ހިފައިގެން ކޮޓަރިން ނުކުންނަމުން ޑޭޓާ ޖައްސާލިއެވެ. އެއާއެކު މެސެންޖަރއިން މެސެޖުތަކެއް އައެވެ. ދާރިއަން ފޮނުވާފައި ހުރި މެސެޖުކަން އެނގުމުން ހޭޒަލް ވަގުތުން ހުޅުވާލިއެވެ. ސިޓިންރޫމަށް ނުކުމެ ވަކި ހުރި ގޮނޑީގައި ހޭޒަލް އިށީނދެގެން އިނެވެ. ޝިޔާނާއި ލިއަމް ރަށާ ގުޅޭ ވާހަކައެއް ދައްކަން ތިއްބެވެ. އެމީހުންގެ ވާހަކައަށް ހޭޒަލްގެ ފަރުވާލެއް ނެތެވެ.
ހޭޒަލްގެ ހާލު ކިހިނެއްތޯ އަހާލުމަށްފަހު ދާރިއަން އޮތީ ހޭޒަލްއާ ހަވާލުކުރެވުނު މަސައްކަތުގެ ވާހަކަ އަހާފައެވެ. ހޭޒަލްގެ ޚަބަރެއް ނުވަނީ ކީއްވެތޯ އަހާފައެވެ. ރަށުން ބޭރުގައި ލިއަމްއާއެކުކަން ހޭޒަލް ހާމަކޮށް ދާރިއަށް ޖަވާބުދިނެވެ. މާލެ ދެވުމުން މަސައްކަތް ފަށާނޭކަން ކުރިން ވެސް ބުނިކަން ހޭޒަލް ހަނދާންކޮށްދިނެވެ. އޭނާއަށް ނުވިސްނެނީ ދާރިއަންގެ އެމެސެޖަކީ މަސައްކަތް ބަހަނާއަކަށް ދައްކައިގެން ހޭޒަލްގެ ޚަބަރެއް ބެލުންކަމެވެ. މާލެ ދެވުމުން ދެމީހުން ޢާންމުކޮށް ބައްދަލުވާ ރެސްޓޯރެންޓަށް ކޮފީއަކަށް އަރަން ހޭޒަލް ބުންޏެވެ.
* * * * *
ނިދިފައި އޮތް ދާރިއަން ލޯ ހުޅުވާލީ މީހަކު އޭނާއަށް ގޮވާހެން ހީވެގެންނެވެ. ރަނގަޅަށް ބަލާލެވުނުއިރު އެނދުކައިރީ ޒުކަން ހުއްޓެވެ.
"ބައްޕަ..." މޫނުގައި އަތްތިލަ ހިންގާލައި ހޭވިފައި އޮތް އިސްތަށިގަނޑުން ނިތްކުރި މައްޗަށް ވެއްޓިފައި އޮތް ބައި ދާރިއަން ފަހަތަށް އަތްފުނާ އަޅާލިއެވެ.
"ނަމާދަށް ދާން ނުނިކުތީމަ ބައްޕަ މިއައީ؟ އިނގޭ ވަރަށް ވަރުބަލިވެފަކަން ތިއޮތީ، އެކަމަކު ވެސް ދެން ތެދުވޭ... ގޮވާނުލީމަ ދާރިއަން އެކަމުގެ ޝަކުވާކުރާނެކަން ބައްޕައަށް އެނގޭ" ޒުކަން ބުންޏެވެ.
"ބަންގި ގޮވީތަ؟... ނިދާކަށްނޫން ހުރީ، މި ތެދުވީ... ތޭންކްސް ބައްޕާ" ނިދިބަރުކަމާއެކު ދާރިއަން ބުންޏެވެ. އޭނާ ގައިމަތީ އޮތް ޑުވެޓް ހިއްލާލައި އެނދުން ތެދުވިއެވެ.
"ފޯނު ކޮންތާކު ބާއްވައިގެން އެނގޭތަ ތިއުޅެނީ" ފަރުވާތެރިކަމާއެކު ދާރިއަންއަށް ބަލަން ހުރެފައި ޒުކަން އަހާލިއެވެ. އެއާއެކު ވަގުތުން ދާރިއަންގެ ލޮލުން ނިދި ފިލާ ދިޔަ ކަހަލައެވެ. އޭނާ އަވަސް އަވަހަށް ސައިޑް ކަބަޑު މަތި ބަލާލުމަށްފަހު ބާލީސް ދަށް ބެލިއެވެ.
"ހިއާ..." ޒުކަން މިހެންބުނެ އޭނާގެ ޖީބުން ނެގި ފޯނު ދަރިފުޅަށް ދިއްކޮށްލިއެވެ.
"ކޮފީމެޝިން ކައިރީ އޮތީ، އައިކު ފޯނު ހިފައިގެން ދަނިކޮށް ބައްޕައަށް ފެނުނީ... ހޭޒަލްގެ ނޮޓިފިކޭޝަންތަކެއް އެބަހުރި" ޒުކަން ބުނި އެއްޗަކުން ދާރިއަން އިތުރަށް ސިހުނެވެ. ފޯނުގައި ހިފުމަށްފަހު ސުވާލުގެ ނަޒަރަކުން ބައްޕައަށް ބަލާލިއެވެ. އެއާއެކު ސަމާސާ ހިނިތުންވުމެއް ޒުކަންގެ މޫނުން ފާޅުވެލިއެވެ.
"އައި ސޯ ދި ނޭމް... ފޯނުގެ އިސްކުރީނަށް އެރީމަ" ދީމާކޮށްލާފަދަ ހިނިތުންވުމެއް ޒުކަންގެ ވިއެވެ.
"އޯކޭ..." ދާރިއަން އަވަސްއަވަހަށް ތެދުވެގެން ފާޚާނާއަށް ވަންނަން ހިނގައިގަތެވެ. ހީނލެވުމާއެކު ދެފަރާތަށް ބޯހޫރުވާލާފައި ޒުކަން އެކޮޓަރިން ނުކުތެވެ.
"ކޮބާ؟..." ކޮޓަރިއަށް ވަން ޒުކަން ފެނި އިބާ ނިކަން އަވަހަށް އެއްސެވެ.
"ތެދުވެއްޖެ... އޭނާ ގޮވައިގެން މިސްކިތަށް ދާނީ" ޒުކަން ބުންޏެވެ.
"ތި ދާއިރު އެ އައިކު އުޅެންޏާ އޭނާގެ ކަންފަތުގައި ހިފައިގެން ވިޔަސް ގޮވައިގެން ދާތި... ރޭގަ ގެއަށް އައި އިރެއް ވެސް ނޭނގެ، އެއީ ހެނދުނު ކޮންމެވެސް ރިސޯޓަކަށް ދިޔަ މީހާ، ބޯ ފަޅައިގެންދާވަރުވޭ... އައިކުގެ ދަރިއެކޭ ކިޔާ ދަރިފުޅުގެ ހައްޤު ހޯދަން އަންހެން ކުއްޖަކު މިގެއަށް ނައިސްފިއްޔާ ރަނގަޅު" އިބާގެ ކަންބޮޑުވުން ފާޅުކުރިއެވެ. ޒުކަން ޖަހާލީ ހިނިގަނޑެކެވެ.
"އިބާ ތިވިސްނަނީ މާބޮޑަށް..." ޒުކަން ބުންޏެވެ.
"ދެ ދަރީން އުޑާ ބިމާހާ ތަފާތު، ދާރިއަން އުމުރު ހުސްވާއިރު ވެސް އިންނާނޭ އަންހެނަކު ހޯދާނޭހެން ހިޔެއްނުވޭ، އައިކު އުޅޭ ގޮތް އެހުރީ... ކިހިނެއް އެހެން އުޅޭއިރު ރަނގަޅު އަންހެންކުއްޖަކު އޭނާއާ ގުޅޭނީ، ހީޒް ލައިކް އަ ޕްލޭ ބޯއީ... މިހާރު ދެން ރަނގަޅު ރިލޭޝަންޝިޕެއް ކުއްޖަކާއެކު ފަށަންވެއްޖެހެން އަހަންނަށް ހީވަނީ" އިބާގެ ޚިޔާލު ދުލުން ބޭރުކޮށްލިއެވެ.
"ވަގުތު ޖެހުނީމަ ތިކަން ވެސް ވާނެ... އަހަރެން ހިތަށް އަރަނީ ގެއަށް އަންނަ އަންހެންކުއްޖާ އިބާއަށް ކަމުދާނެބާއޭ، މަންމައާއި އިބާ ތިބޭނީ ފާޑުކިޔަން... އަހަންނަށް އޯކޭ އެކުދީންނަށް ކަމުދާ ކޮންމެ ކުއްޖެއްވެސް، ވިޔާނުދާ ކުދީންނެއް އެމީހުން ވެސް ނުހޯދާނެ ދިރިއުޅުމެއް ފަށާކަށް" ޒުކަންގެ ވިސްނުން އަނބިމީހާއާ ޚިއްޞާކުރިއެވެ.
ފޯނަށް ބަލަން ދާރިއަންއަށް އިދެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގެއެވެ. ހޭޒަލް ފޮނުވި މެސެޖުގައި ޚާއްޞަ އެއްޗެއް ބުނެފައެއް ވެސް ނެތެވެ. އެހެންނަމަވެސް ތަކުރާރުކޮށް އެ މެސެޖުތައް ދާރިއަން ކިޔެވެ. އޭނާ އެ އިނީ ހޭޒަލްގެ އަޑު އަހާލަން ވަރަށް ބޮޑަށް ބޭނުންވެފައެވެ. އެހެންނަމަވެސް އިސްވެ ގުޅާނޭ ހިތްވަރެއް ނެތިފައެވެ. އަމިއްލަ ޟަމީރު ދެކޮޅު ހަދަނީ ހޭޒަލްއަކީ މީހެއްގެ އަނތްބަކަށް ވާތީއެވެ. ލިބެންނެތް އުފަލަކަށް އިންތިޒާރު ކުރެވެންވީ ސަބަބެއް އެއްގޮތަކަށް ވެސް ދާރިއަންއަކަށް ނުވިސްނެއެވެ. ޟަމީރު ކޮންމެ ގޮތަކަށް ވިސްނިޔަސް އޭނާގެ ހިތަށް އެކަންކަން ވިސްނައެއް ނުދެވުނެވެ.
(ނުނިމޭ)