ހަބަރު

މިދިޔަ މަހު އިމްޕޯޓާއި އެކްސްޕޯޓު ވެސް ދަށަށް!

Oct 1, 2019
5

މިދިޔަ އަހަރުގެ އޯގަސްޓު މަހާ އަޅާ ބަލާއިރު މި އަހަރު އޯގަސްޓުގައި ރާއްޖެއަށް މުދާ އެތެރެ ކުރި އަދަދާއި ބޭރު ކުރި މިންވަރު ވެސް ދަށް ވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސްގެ ހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސް އިން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ އޯގަސްޓް މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޯގަސްޓް މަހު އެ އަދަދުވަނީ 3.3 ބިލިއަން ރުފިޔާއަށް ވަނީ ވެއްޓިފަ އެވެ. އެއީ 22 ޕަސަންޓު ދަށް އަދަދެކެވެ.

އެކަމާ ގުޅިގެން ދައުލަތަށް ލިބުނު އާމްދަނީގެ އަދަދު ވެސް ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރު އޮގަސްޓު މަހު 301 މިލިއަން ރުފިޔާ ލިބުނު ނަމަވެސް މިދިޔަ މަހު ދައުލަތަށް ލިބުނީ 262 މިލިއަން ރުފިޔާ އެވެ.

ރާއްޖެއިން މުދާ އެކްސްޕޯޓު ކުރި މިންވަރު ވެސް ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރު އޮގަސްޓު މަހު އެކްސްޕޯޓް ކުރެވުނު މުދަލުގެ އެފްއޯބީ އަގު 258 މިލިއަން އަށް އެރި ނަމަވެސް މިދިޔަ މަހު އެކްސްޕޯޓު ކުރީ 255 މިލިއަން ރުފިޔާގެ މުދަލެވެ. އެއީ އެއް ޕަސަންޓުގެ ދަށް ވުމެކެވެ.

ކަސްޓަމްސް އިން ބުނީ ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ ސިންގަޕޫރާއި، ޔޫއޭއީ އަދި ޗައިނާ އިންނެވެ. ސިންގަޕޫރުން 465 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޔޫއޭއީ އިން 460 މިލިއަން ރުފިޔާގެ މުދާ އެތެރެ ކުރި އެވެ. އަދި ޗައިނާއިން 453 މިލިއަން ރުފިޔާގެ މުދާ މިދިޔަ މަހު އެތެރެ ކުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.