މޯލްޑިވްސް ކަސްޓަމްސް ސާވިސް

އޭޕްރީލްގެ އިމްޕޯޓް އިތުރުވިއިރު އެކްސްޕޯޓް ދަށަށް

ރާއްޖެއަށް މި އަހަރުގެ އެޕްރީލް މަހު މުދާ އިމްޕޯޓްކުރި މިންވަރު އިތުރުވިއިރު އެކްސްޕޯޓް ދަށަށް ހިނގައްޖެ އެވެ.

ކަސްޓަމްސް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު މި އަހަރުގެ އެޕްރީލް މަހު ރާއްޖެއަށް މުދާ އިމްޕޯޓްކުރި މިންވަރު ވަނީ ހަ ޕަސެންޓް އިތުރުވެފަ އެވެ.

ރާއްޖެއަށް މި އަހަރުގެ އެޕްރީލް މަހު 4.7 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މިދިޔަ އަހަރުގެ އެޕްރީލް މަހު އިމްޕޯޓްކުރީ 4.5 ބިލިއަން ރުފިޔާގެ މުދަލެވެ.

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާނުންނެވެ. އެ ގައުމުން 777 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ. ދެވަނައަށް އެންމެ ގިނައިން މުދާ އިމްޕޯޓްކުރި އިންޑިއާއިން 761 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެ އެވެ.

ޗައިނާއިން މިދިޔަ އެޕްރީލް މަހު 722 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ސިންގަޕޫރުން 537 މިލިއަން ރުފިޔާގެ މުދާ އަދި ޔޫއޭއީ އިން 467 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ.

ރާއްޖެއިން މި އަހަރުގެ އެޕްރީލް މަހު އެކްސްޕޯޓްކޮށްފައިވަނީ 151 މިލިއަން ރުފިޔާގެ މުދަލެވެ. މިއީ މިދިޔަ އަހަރުގެ އެޕްރީލް މަހު ރާއްޖެއިން ބޭރުކުރި 193 މިލިއަން ރުފިޔާގެ މުދަލާ އަޅާބަލާއިރު 22 ޕަސެންޓް ދަށްވުމެކެވެ.

އެކްސްޕޯޓްގެ 45 ޕަސެންޓް ބޭރުކޮށްފައިވަނީ ތައިލެންޑަށެވެ. އެކްސްޕޯޓްގެ 15 ޕަސެންޓް އިނގިރޭސިވިލާތަށް ބޭރުކޮށްފައިވާއިރު 12 ޕަސެންޓް ބޭރުކުރީ ޖަރުމަނުވިލާތަށެވެ.

ކަސްޓަމްސް އިން ހާމަކުރި ގޮތުގައި ކަސްޓަމްސް މެދުވެރިކޮށް މި އަހަރުގެ އެޕްރީލް މަހު ދައުލަތަށް 310 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިއީ މިދިޔަ އަހަރުގެ އެޕްރީލް މަހު ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް ލިބުނު 308 މިލިއަން ރުފިޔާއާ އަޅާބަލާއިރު 0.5 ޕަސެންޓް އިތުރު މިންވަރެކެވެ.