މުއާސަލާތީ ހިދުމަތަކީ ގައުުމީ ތަރައްގީގެ އެންމެ މުހިންމު އެއް ތަނބެވެ. މި ޒަމާނުގައި މި ހިދުމަތާ ނުލާ އިގްތިސޯދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދުމަކީ އުނދަގޫ ކަމެކެވެ.
ދިވެހި ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ މަދު މީސްކޮޅެއް ދިރިއުޅޭ ގައުމެއް ކަމުން މުވާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގަ އާއި މުވާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމު ކުރުމުގައި އެހެން ގައުމުތަކާ ހިލާފަށް ބޮޑެތި ގޮންޖެހުންތަކެއް ހުރެ އެވެ. މި ސަބަބުތަކާހުރެ މިކަމަށް ކުރަންޖެހޭ ހޭދަވެސް ބޮޑުވެ އެވެ. އިންފްރާސްޓަރަކްޗާތައް ބިނާކޮށް، ބޭނުންވާ އިންވެސްޓްމަންޓްތައް ކޮށް ދުނިޔޭގެ ބޮޑެތި ގައުމުތަކާ ރާއްޖެ ގުޅުވާދިނުމުގެ ފަހަތުގައިވަނީ މިއަދު 31 އަހަރު ފާހަގަ ކުރާ ދިރާގެވެ.
ދިރާގު އުފެދުނުތާ މާ ގިނަ އަހަރުތަކެއް ނުވަނީސް، ޓެލެފޯނުގެ ހިދުމަތް މުޅި ރާއްޖެ އަށް ފޯރުކޮށްދިނުމަކީ ދިރާގުގެ ތަރައްގީގެ އެންމެ މުހިންމު ދަތުރެވެ. އަދި އެ މަސައްކަތް ނިމުމާއެކު ރާއްޖޭގެ ހުރިހާ ކަންކޮޅެއް މުއާސަލާތީ ވިއުގައަކުން ގުޅި، މި މަޝްރޫއު ދިރާގުން ކާމިޔާބު ކަމާއެކު ނިންމާލީ ކުރު މުއްދަތެއްގެ ތެރޭގަ އެވެ.
މިކަމުގެ ސަބަބުން ރާއްޖޭގެ އިޖްތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް އިތުރު ހަލުވިކަމެއް އަ އެވެ. އަމިއްލަ ފަރުދުންގެ މުއާސަލާތީ ބޭނުންތައް ފުއްދުމަށާއި ވިޔަފާރިތަކާ ޓޫރިޒަމްގެ ސިނާއަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ އިތުރުން ރާއްޖެ ދުނިޔޭގެ ޗާޓުގައި ފެވުނެވެ.
މުޅި އޭޝިއާ ސަރަހައްދަށް ބެލި ނަމަވެސް ރާއްޖެ އަންނަނީ ކުރިއަރާފައިވާ އެހެން ގައުމުތަކާ އެއް ސަފެއްގައި ވާދަކުރަމުންނެވެ. މިކަމުގެ އެއް ހެއްކަކީ މިހާރު މަދު ގައުމެއްގައި ތައާރަފްކޮށްފައިވާ 5ޖީ ފަދަ އެންމެ ޒަމާނީ ހިދުމަތްތައް ވެސް ދިރާގުން ރާއްޖެއަށް ފޯރުކޮށްދިނުމެވެ.
ރާއްޖޭގެ ޑިޖިޓަލް ލީޑާ
ދިރާގުގެ ހިދުމަތްތަކުގެ ލިސްޓު ވަރަށް ދިގެވެ. ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް 3ޖީ އަދި 4ޖީގެ ހިދުމަތް ފުޅާ ކުރުމާއި އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ފައިބާ ޓު ދަ ހޯމް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނެވެ. މި ހިދުމަތް މިހާރު އާބާދީގެ 75 ޕަސެންޓަށް ލިބެ އެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ އެންމެ ފުރަތަމަ އަދި ހަމައެކަނި އައިޕީ ޓީވީގެ ހިދުމަތްވެސް ދިރާގުން ފެށި އެވެ. މާލެއާ އެއްވެސް ތަފާތު ކުރުމެއްނެތި އާބާދީގެ 72 ޕަސެންޓަށް ދިރާގު ޓީވީގެ ހިދުމަތް މިހާރު އަންނަނީ ފޯރުކޮށްދެމުންނެވެ.
ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސްރީލަންކާ އާއި ރާއްޖެއާ ދެމެދު ސަބްމެރިން ކޭބަލެއް އަޅައި، ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅެއް 1253 ކިލޯމީޓަރުގެ ކޭބަލަކުން އެންމެ ފުރަތަމަ ގުޅައިދިނީ ދިރާގެވެ. މި ކޭބަލް އެޅުމާއެކު މުއާސަލާތީ ހިދުމަތުގެ ފެންވަރު އެތައް ގުނައެއް ރަނގަޅުވި އެވެ.
މުއާސަލާތީ ހިދުމަތުގެ އެންމެ ކުރީ ސަފުގައި ދިރާގު ދެމިއޮތީ އެތައް ސަބަބަކާ ހެދި އެވެ. މިހާރު ރާއްޖޭގެ އެންމެ ބޮޑު އެލަވަންސް އަދި އެންމެ ހަލުވި އިންޓަނެޓް ސްޕީޑް ލިބޭ ޕެކޭޖްވެސް ފޯރުކޮށްދެނީ ދިރާގުންނެވެ. މީގެ އިތުރުން މުޅި ދެކުނު އޭޝިއާގައި ވެސް އަލަށް 5ޖީ ޓެކްނޮލޮޖީ ތައާރަފްކުރީ ދިރާގު ކަމަށް ވާއިރު 5ޖީ ހިދުމަތް މިހާރު ލިބެނީ ދުނިޔޭގެ ވަރަށް މަދު ގައުމެއްގަ އެވެ. މިއީ ރާއްޖެއަށް ވެސް ޓެކްނޮލޮޖީގެ ދާއިރާއިން ލިބުނު ކުރިއެރުމެކެވެ.
ދިރާގުގެ ހިދުމަތަށް މިއަދު 31 އަހަރު ފުރޭއިރު އެ ކުންފުނިން ވަނީ ދިވެހިންގެ ދިރިއުޅުމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފަ އެވެ. "އެންރިޗިން ލައިވްސް" ނުވަތަ ދިރިއުޅުންމަށް ފާގަތިކަން ގެނެސްދިނުން އެއީ އެ ކުންފުނީގެ ތަސައްވުރަށް ވުމާއެކު، އެކަން ދިރާގުން ދަނީ ސާބިތުކޮށްދެމުންނެވެ.
މިއީ ދިވެހިންގެ ކުންފުނި
ދިރާގަކީ އުފެދުނީއްސުރެ ދިވެހިންގެ ކުންފުންޏެކެވެ. 99 ޕަސެންޓް ދިވެހި މުވައްޒަފުންނާއެކު ހިންގާ މިފަދަ ކުންފުންޏެއް ރާއްޖޭގައި މަދެވެ. ދިރާގަކީ ކަސްޓަމަރުންނާ ގާތް ގުޅުމެއް އޮންނަ ދިވެހިން އިތުބާރުކުރާ އަދި ލޯބިވާ ކުންފުންޏެކެވެ. މީގެ ހެއްކަކީ ވާދަވެރިކަން އައުމުން ވެސް ގިނަ ކަސްޓަމަރުން ދިރާގު އިހްތިޔާރުކޮށް ދިރާގާ އެކު ދެމި ތިބުމުންނެވެ.
އިޖުތިމާއީ ރޮނގުގައި ދިރާގު
ދިރާގަކީ ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ކުންފުނިތަކުގެ ތެރެއިން އިޖުތިމާއީ ކަންކަމަށް އެންމެ ބޮޑު އިސްކަމެއްދޭ އެއް ކުންފުންޏެވެ. އެގޮތުން، ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ހިމެނޭ މައިގަނޑު އެއް ކަމެވެ. ބައިނަލް އަގުވާމީ ފެންވަރުގައި ބޭއްވޭ ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީވެސް ފާއިތުވި އަށް އަހަރު ދުވަހު ކުޑަކުދިން ރައްކާތެރިކުރުމުގެ ޝިޔާރުގައި ބާއްވަމުން އަންނަ ރޭހެކެވެ. އަދި މި ޕްލެޓްފޯމް މެދުވެރިކޮށް މި ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް މާލީގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެވެ އެވެ.
މީގެ އިތުރުން ދިރާގުން ވަނީ 2012 ވަނަ އަހަރުން ފެށިގެން ތަފާތު ނުކުޅެދުންތެރިކަން ހުންނަށް ކުދިންނަށް އަމާޒުކޮށްގެން ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ނަމުގައި ކުޅިވަރުގެ ހަރަކާތަތްވެސް ބާއްވާފަ އެވެ. މިއީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ބާރުވެރިކުރުވައި، ކުޅިވަރުގެ މައިދާނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިދުމަށް ރާއްޖޭގައި ހިންގާ ހަމައެކަނި ހަރަކާތެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގައި ދެން އެންމެ އިސްކަމެއްދެނީ ޒުވާނުންނަށެވެ. އެގޮތުން ދިރާގުން ވަނީ ޒުވާނުން ބާރުވެރި ކުރުމުގެ ޕްރޮގުރާމްތައް ހިންގައެވެ. މިގޮތުން، ދިވެހި ޒުވާނުން މަސައްކަތުގެ ވެއްޓަށް އަހުލުވެރިކުރުވައި ފަންނީ ހުނަރު ދަސްކޮށްދިނުމުގެ މަގްސަދުގައި، 2008 ވަނަ އަހަރުން ފެށިގެން ހިންގާ ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފާހަގަކޮށްލެވެ އެވެ.
މިދިޔަ 31 އަހަރު ރާއްޖެ ވަނީ މުއާސަލާތީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ދިރާގުން ހާސިލް ކުރި އެވެ. ރާއްޖެއަށް މިކުރިއެރުންތައް ގެނެސްދިނުމުގައި ދިރާގުން އަދާކޮށްފައި ވަނީ މުހިންމު މަސްއޫލިއްޔަތެކެވެ. އަދިވެސް އެ ކުންފުނި ދެމިއޮތީ އެގޮތުގަ އެވެ.