ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ، ފަރުވާކުޑަ މުވައްޒަފުންނާ ހަރުކަށިކޮށް މުހާތަބު ކުރައްވާ އަޑު އިވޭ އޯޑިއޯއެއް ރޭ ސަންގް ޓީވީއިން ލީކްކޮށްލާފައިވާއިރު އެ އޯޑިއޯއާއެކު މިނިސްޓަރަށް ތައުރީފް ކުރަން ގިނަ ބަޔަކު ފަށައިފި އެވެ.
ސަންގުޓީވީން މިރޭ އާންމު ކުރި އެ އޯޑިއޯއަކީ ޓްރާންސްޕޯޓް މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ރެކޯޑް ކޮށްފައިވާ އޯޑިއޯ އެކެވެ. އެ އޯޑިއޯގައި އެ މިނިސްޓްރީގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންނަކީ "ވަރަށް ހިތާމަވެރިކޮށް، ވަރަށް ހިތްދަތިކޮށް އަދި ވަރަށް ދެރަވަރު" ގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށް މިނިސްޓަރު ނަހުލާ ސިފަ ކުރައްވަ އެވެ.
ތިން މިނެޓްގެ އެ އޯޑިއޯގައި އެކަމަނާ ވިދާޅުވެފައި ވަނީ އެއްވެސް މީހަކަށް މިނިސްޓްރީގައި މަސައްކަތް ކުރަންޖެހޭ ގަޑި އޮޅިފައި ނޯންނާނެ ކަމަށާއި، މިނިސްޓަރު ފިޔަވާ އެހެން އެއްވެސް މުވައްޒިފަކަށް ބޭނުން ގަޑިއަކު އޮފީހުން ބޭރަށް ގޮސް އައިސް ވަނުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. ކޮފީ ތަކުގައި ކިތަންމެ ވަރަކަށް އެކަމަނާއާ މެދު ހިތްހަމަ ނުޖެހިގެން އެއްޗެހި ކިޔަސް އަދި އެހިސާބުން ނުނިމެނޭ ކަމަށް ވެސް ވިދާޅުވެ އެވެ.
އެ އޯޑިއޯ ލީކްކޮށްލާފައިވަނީ މިނިސްޓަރު ބަދުނާމު ކުރުމަށް ކަމަށްވީ ނަމަވެސް ސޯޝަލް މީޑިއާގައި ގިނަ މީހުން ވަނީ މިނިސްޓަރުގެ ކޮޅަށް އަރާފަ އެވެ. އެގޮތުން އެކަމަނާއަށް ތައުރީފް ކޮށް ބައެއް މީހުން ބުނެފައިވާ ގޮތުގައި ފަރުވާކުޑަކޮށް މަސައްކަތް ކުރާނަމަ އެ ބަޔަކާމެދު ފިޔަވަޅު އަޅަން ޖެހޭނެ އެވެ. ސަރުކާރުގެ ވަޒީފާތަކުގައި ތިބެންޖެހޭނީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ފަރުވާކުޑަކަން ނުގެންގުޅޭ މީހުން ކަމަށް ވެސް ބުނެފައިވެ އެވެ.
"މިތަނުގައި މިނިސްޓަރު ގޯހެއް ނޫން، ފިޔަވަޅު އަޅަން ޖެހޭނެ، ސަރުކާރު ވުޒާރާތަކުގައި މަސައްކަތް ކުރުމުގެ ވައްޓަފާޅި ބަދަލު ކުރަން ޖެހޭ، އެ ހިތްވަރު މިނިސްޓަރު ނަހުލާ ނެރުމުން އުފާވޭ،" މީހަކު ބުނެފައިވެ އެވެ.
ސަރުކާރުގެ ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ނަހުލާ ދިފާއު ކުރައްވާފައިވެ އެވެ. ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ މިނިސްޓަރުގެ ވާހަކަތަކުން ދޭހަވަނީ މިނިސްޓަރުގެ ޒިންމާަދާރުކަމާއި ތެދުވެރިކަން ކަމަަށެވެ. އަދި މަސްއޫލިއްޔަތު އަދާ ކުރުމުގައި ޖެހިލުން ކުޑަކަން ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މޫސާ އަލީ މަނިކު ވިދާޅުވީ މިނިސްޓަރު އޯޑިއޯގައި ވިދާޅުވާ ވާހަކައަކީ ބަރާބަރު ވާހަކައެއް ކަމަށެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ ހާލަތު އެތަނުން ހިދުމަތް ހޯދަން ދާ ދިވެހިންނަށް އެނގޭ ކަމަށާއި އަމުދުން އެ އޯޑިއޯ ލީކުކޮށް މިނިސްޓަރު ބޭޒާރު ކުރާނަމޭ ހިތާ އުޅޭ އުޅުމުން މިނިސްޓަރުގެ ޒިންމާ އަދާކުރެއްވުމުގަ ހުރި ހިތްވަރު ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން ވެސް ގިނަ ބަޔަކު ވަނީ ޓްރާންސްޕޯޓް މިނިސްޓްރީއަކީ ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހިފައިވާ ތަނެއް ކަމާއި އެ ތަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ދަށްވެފައި ލަސްކަން ފާހަގަކޮށްފަ އެވެ.
ޓްރާސްޕޯޓް މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ގަޑި ޖެހޭ ކަމަށް ބުނެ އެމީހުން ވަޒީފާއިން ވަކި ކުރަން މިނިސްޓަރު ނިންމަވާފައިވާ ކަމަށް ވިދާޅުވާ މައްސަލަ ވަނީ ހޫނުވެފަ އެވެ. އެ މައްސަލާގައި މުވައްޒަފުންތަކެއް ސިޓީއެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ކުރުމަށް އިންޒާރު ދީފައިނުވާނެ ކަމަށާއި ނަމަވެސް ގަޑި ޖެހޭ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.