ހަބަރު

ނަހުލާގެ ދިފާއުގައި ފިރިކަލުން ގާސިމް

ޓްރާންސްޕޯޓް މިނިސްޓްރީގައި ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންނަށްވުރެ ގިނައީ ފެންވަރު ދަށް، ދެރަވަރުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށާއި، އެކަން ހައްލު ކުރަން ކިތަންމެ ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ޖެހުނަސް ފަސް ޖެހިވަޑައި ނުގަންނަވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވުމުން، އެކަމާ ގިނަ ބަޔަކު ފާޑު ވިދާޅުވެ ވާހަކަ ދައްކަމުންދާތީ އެކަމަނާގެ ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފާޑު ކިޔުންތަކަށް ރައްދު ދެއްވައިފި އެވެ.

މިރޭ ޖޭޕީގެ ހެޑްކުއާޓާ ކުނުޒޫގައި އެ ޕާޓީއަށް އަލަށް ގުޅުނު މެންބަރުން ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، އޭނާއަކީ ސިޔާސީ، އިޖްތިމާއި އަދި އިގްތިސޯދީ ދާއިރާގައި މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި މަސައްކަތް ކުރެއްވި ދުވަސްވަރު މުވައްޒިފުންގެ ގާތުގަިއި ގަޑިއަށް އޮފީހަށް ދާން އެދުމުން ރުޅި އައިސް އަގު ވައްޓާލަން މަސައްކަތް ކުރާ ކަމަށެވެ.

ގާސިމް ވިދާޅުވީ، ޓްރާންސްޕޯޓުގައި މަސައްކަތް ކުރަނީ ސިވިލް ސާވިސްގެ މުވައްޒިފުންގެ ކަމަށް ވުމުން ދައުލަތް ހިންގަން ތިބީ އެ މުވައްޒިފުން ކަމަށެވެ. އަދި އެމުވައްޒިފުން އޮފީހުގައި ކުރަން ޖެހޭ މަސައްކަތަށް ފަރުވާ ކުޑަކޮށް ގަޑިއަށް އޮފީހަށް ނުދާ ކަމަށްވާނަމަ އެކަންތައް ބަލަހައްޓައި މުވައްޒިފުން ރަނގަޅު ކުރަން މަސައްކަތް ކުރައްވާނީ މިނިސްޓަރު ކަމަށެވެ. މުވައްޒިފުންގެ ކަންކަން ރަނގަޅު ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަޑައި ނުގަންނަވާނެ ކަމަށެވެ.

ސިވިލް ސާވިސްގެ މުވައްޒިފުންގެ ވަޒީފާއިން ވަކި ނުކުރެވޭނެ ކަމަށް ބައެއް ވައްޒިފުން ދެކޭ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ، ސިވިލް ސާވިސް މުވައްޒިފުންނަކީ ދައުލަތް ހިންގާ މީހުނަށް ވާއިރު "އަމާ ބުނީތީ ފަރަށް ދާ" އުސޫލުން ވަޒީފާ އަދާކޮށްގެން ނުވާނެ ކަމަށެވެ.

ގާސިމް ވިދާޅުވީ "ޓްރާންސްޕޯޓް މިނިސްޓްރީގެ ގިނަ މުވައްޒިފުންގެ ދުވަހުގެ މަސައްކަތަކީ ފިންގާ ޖަހާފައި އޮފީހުން ބޭރުގައި އުޅުން" ކަމަށާއި އާއިލާ އާއި އަމިއްލަ މީހާގެ ކަންތައް ބަލަހައްޓަން ހޯދާ މުސާރައަކީ އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތައް އަދާކޮށްގެން ހޯދާ ފައިސާއަށް ހަދަން ޖެހޭނެ ކަމަށެވެ.

އޮފީހުގެ މަސައްކަތަށް ފަރުވާ ކުޑ ކުރާތީ މާލިމީ ވެރިޔާ އެކަން ރަނގަޅު ކުރަން އެންގުމުން ރައީސް ސޯލިހުގެ ގާތަށް ވަޑައިގެން ޝަކުވާ ކުރިއަސް ކުރެވޭނެ ކަމަށް ނޯންނާނެ ކަމަށް ގާސިމްވިދާޅުވި އެވެ.

ގާސިމް ވިދާޅުބީ ޓްރާންސްޕޯޓް މިނިސްޓްރީގެ ތެރޭގައި އަށަގެނެފައިވާ ކޮރަޕްޝަންގެ ވާހަކަ ކޮންމެ ހަތަރު އަނގޮޅިއަކާއި މަގެއްމަތީން ދާ މީހުން ދައްކާ ކަމަށާއި އެ މިނިސްޓްރީ ކޮރަޕްޓް ވެފައިވަނީ އަނބިކަބަލުން ނަހުލާ މަގާމަށް ހަވާލުވުމުގެ ކުރިން ކަމަށެވެ. އަދި ނަހުލާ އަނިޔާވެރިވެ ވަޑައި ނުގަންނަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.