ލައިފްސްޓައިލް

ޓީޗަރެއްގެ ފުރާނަ ސަލާމަތްކޮށްދިނީ ހަ އަހަރު ކުއްޖެއް

މެކްސް މެޒާ އަކީ ހަ އަހަރުގެ ކުޑަ ފިރިހެން ކުއްޖެކެވެ. އޭނާގެ ޓީޗަރަކަށް އެހީތެރިއަކަށް އެންމެ ބޮޑަށް ބޭނުންވީ ވަގުތު މެކްސް ވަނީ ވަރަށް އަވަހަށް އެހާމެ ވިސްނުންތެރި ކަމާއެކު ހަރަކާތްކޮށް ޓީޗަރަށް އެހީވެދީފަ އެވެ. އޭނާގެ މި ހީރޯއެއް ފަދަ އަމަލުގެ ސަބަބުން މިހާރު އޭނާ މަޝްހޫރުވެފައި ވަނީ "މެކްސް ދަ ޓައިނީ ހީރޯ" (މެކްސް – ކުޑަކުޑަ ހީރޯ) ގެ ނަމުންނެވެ. މެކްސްގެ ވާހަކައަކީ ވަރަށް ރަނގަޅު އިބުރަތްތެރި ވާހަކަ އެކެވެ.

ކޮންމެ އާ އަހަރެއްގެ ފެށޭ ދުވަހަކީ ދަރިވަރުންނާއި ޓީޗަރުންނަށް ވެސް ވަރަށް ޚާއްސަ ދުވަހެކެވެ. މުޅިން އާ ތަޖުރިބާތަކެއްގެ ފެށުމެކެވެ. އާ އެކުވެރިންނާއި އާ ޓީޗަރުންނެވެ. އެ ދުވަހު ކުލާހުގެ ހުރިހާ ކުދިން ވެސް ތިބޭނީ ވަރަށް އުފަލުންނެވެ. މުޅި އަހަރު ދުވަހު ކުރެވޭނެ ތަޖުރިބާތަކާއި ކުރާނެ މަޖާ ކަންތައްތަކުގެ ހުވަފެން އެ ދުވަހު ދެކެން ފަށަ އެވެ. ނަމަވެސް މިފަހަރު މެކްސްގެ ކްލާހަށް ދިމާވީ ވަރަށް ހިތާމަވެރި ކަމެކެވެ. އެ ދުވަހު މެކްސްގެ ދުރުވިސްނުމާއި އަވަސް ހަރަކާތް ވަރަށް ބޮޑު އެހީތެރިކަމަކަށް ވިއެވެ.

އެމެރިކާގެ ފްލޮރިޑާގެ ފްރޮސްޓްޕްރޫފް އެލެމެންޓަރީ ސްކޫލްގެ ކިޔެވުން މިދިޔަ އޮގަސްޓްމަހު ފެށުނު ދުވަހެވެ. އެހެން ކުދިންނެކޭ އެއްފަދައިން މެކްސް ވެސް މުޅިން އާ އަހަރެއްގެ ކިޔެވުން ފެށޭތީ ހުރީ ވަރަށް އުފަލުންނެވެ. ކުލާހަށް ގޮސް އިށީނދެ މެކްސް ވެސް އެހެން ކުދިންނާއެކު ކިޔަވަން ފެށި އެވެ. ނަމަވެސް ކުއްލިއަކަށް ވަރަށް ހިތާމަވެރި ހާދިސާއެއް ހިނގި އެވެ. އެ ކުލާހުގައި ކިޔަވައިދޭން ހުރި ޓީޗަރު ޖޯއީސް ޑާރް ކުއްލިއަކަށް ވެއްޓުނީ އެވެ.

އޭނާ ވެއްޓުނު ގަޑީގައި މޭޒުގައި ބޯޖެހި ހޭނެތުނީ އެވެ. ހަ އަހަރުގެ ކުދިންތަކެއް ތިބި ކުލާހެއްގައި ހުރި ހަމައެކަނި ބޮޑުމީހާ ހޭނެތުނީމަ އެ ކްލާސް ކުދިންނަށް ވާނެ ގޮތް ވިސްނާލާށެވެ. ހުރިހާ ކުދިން ހަދާނެ ގޮތެއް ނޭނގިފައި ތިބިއިރު މެކްސް އަށް އޭނާ ކުރަންވީ ކަންތައް ނޯޅެ އެވެ. ހިނދުކޮޅަކަށް ވެސް މަޑުކޮށްލުމެއް ނެތި މެކްސް އޭނާ އިން ގޮނޑިން ފުންމާލައިގެން ކުލާހުން ބޭރަށް ދުއްވައިގަތެވެ. ކައިރީގައި ހުރި އެހެން ކުލާހަކަށް މެކްސް ދުވެފައި ގޮސް ވަދެ އެ ކުލާޙުގައި ހުރި ޓީޗަރު ކައިރީގައި އަވަހަށް 911 އަށް ގުޅަން އެދުނެވެ.

ޓީޗަރު 911 އަށް ގުޅުމުން ޕަރަމެޑިކްސް ވަގުތުން އައެވެ. އެމީހުން ބުނި ގޮތުގައި ޓީޗަރުގެ ފުރާނަ ސަލާމަތްވީ މެކްސް މި ހާލަތުގައި ހަރަކާތްކުރިލެއް އަވަސް ކަމުންނެވެ. ނޫންނަމަ އެ ޓީޗަރުގެ ފުރާނަ ސަލާމަތް ނުކުރެވުމަކީ އެކަށީގެންވާ ކަމެކެވެ.

މެކްސްގެ މަންމަ މޮނިކާ އެގުލިއާއަށް މި ޚަބަރަކީ ޝޮކެއް ލިބުނު ޚަބަރަކަށް ވިޔަސް ދަރިފުޅަށްޓަކައި ވަރަށް ފަޚުރުވެރިވި އެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ޓީޗަރު ޑާރްގެ ދަރިފުޅު ބުނި ގޮތުގައި އޭނާގެ މަންމަގެ ފުރާނަ ސަލާމަތް ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރީ މެކްސް ކަމަށެވެ.

ޑާރް އަކީ ބަދަލު ޓީޗަރެއްގެ ގޮތުގައި އެ ސްކޫލްގައި 30 އަށްވުރެ ގިނަ އަހަރު މަސައްކަތް ކޮށްފައިވާ ޓީޗަރެކެވެ. ޑާރް އަށް ވެސް އަދި އޭނާގެ ދަރިފުޅަށް ވެސް މިފަދަ ޚަބަރެއް ދުވަހަކު އަޑުއަހާފައެއް ވެސް ނުވެ އެވެ.

އޭނާގެ މަންމަގެ ފުރާނަ ސަލާމަތް ކުރުމުގައި މެކްސް އަދާކުރި ރޯލަށް ޝުކުރު އަދާކުރުމުގެ ގޮތުން ޑެރެކް ވަނީ އެއާ ޖޯޑަންސް ބޫޓެއް މެކްސްއަށް ހަދިޔާކޮށްފަ އެވެ. މި ހަދިޔާ މެކްސް އަށް ވަރަށް ކަމުދިޔަ އެވެ. އެއީ ދުވަހަކު ވެސް މިކަހަލަ ބޫޓެއް އޭނާއަށް ލިބިފައި ނުވާތީ އެވެ. އޭނާ ޑެރެކް ގައި ވިއްސަކަށް ފަހަރު ބައްދާ 100 އަށް ވުރެ ގިނަ ފަހަރު ޝުކުރު އަދާކުރި އެވެ.

އެ ހިސާބުގެ ފުލުހުންނަށް ވެސް މެކްސް ފާހަގަކުރެވި އޭނާގެ ހިތްވަރުގަދަކަން ފާހަގަކުރުމުގެ ގޮތުން ބައިސްކަލަކާއި ސިޓިޒަންސް ސެޓްފިކެޓެއް މެކްސް އަށް ވަނީ ދީފަ އެވެ. ޑާރް ކްލާސްތެރެއަށް ވެއްޓި ޑެސްކްގައި ބޯ ޖެހުމުން ވަރަށް ބޮޑެތި އަނިޔާތައް ލިބި ހޮސްޕިޓަލުގައި އޮވެގެން ވަރަށް ގިނަ ދުވަހު ފަރުވާ ހޯދަން ޖެހުނެވެ.