ޕްރިޔާންކާ ޗޯޕްރާ

ރާއްޖެއާ ގުޅުވައި ޕްރިޔަންކާ ކުރި ސުވާލަށް ކަޕިލް ދިން ޖަވާބު

ޕްރިޔަންކާ ޗޯޕްޅާ މިހާރު އުޅެނީ އޭނާ އާއި ފަރްހާން އަޚްތަރު އެކުގައި ކުޅެފައިވާ "ދަ ސްކައި އިޒް ޕިންކް" ގެ ޕްރޮމޯޝަން މަސައްކަތުގަ އެވެ. އެގޮތުން އޭނާ މިދިޔަ ހަފުތާގައި ވަނީ ސޮނީ ޗެނަލްގެ މަޝްހޫރު ކޮމެޑީ ޝޯ "ދަ ކަޕިލް ޝަރުމާ ޝޯ" ގައި ބައިވެރިވެފަ އެވެ.

މި ޝޯގައި މަޖާ ވާހަކަތައް ދެއްކުމުގެ ތެރެއިން ކަޕިލް އާ ޕްރިޔަންކާ ވަރަށް މަޖާ ސުވާލެއް ކުރި އެވެ. އެއީ ދިވެހިރާއްޖެ އާ ގުޅުވައި އޭނާ ކުރި ސުވާލެކެވެ. މި ސުވާލު ކުރި މަންޒަރު ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލް ވެފަ އެވެ. މި މަންޒަރުތައް ލާފައިވަނީ ކަޕިލް އެވެ.

ޕްރިޔަންކާ ކަޕިލް ކައިރި އެހީ ރީތި ހަ އަންހެންކުދިންނާއެކު ދިވެހިރާއްޖެއަށް ޗުއްޓީ ހޭދަކޮށްލަން ދިއުމާއި ދެ ކްރޯޑު ރުޕީސް ގެ ތެރެއިން އޭނާ ޚިޔާރު ކުރާނީ ކޯޗެއްތޯ އެވެ.

މި ސުވާލުގެ ޖަވާބު ކަޕިލް ދިނީ އެއްވެސް މަޑުޖެހިލުމެއް ނެތި އެވެ. އޭނާ ބޭނުންވީ ދެ ކްރޯޑެވެ. ކަޕިލް ބުނީ އެ ފައިސާގެ ތެރެއިން ވަރަށް ކުޑަ މިންވަރަކުން އޭނާއަށް ހަ އަންހެންކުދިން ގޮވައިގެން ދިވެހިރާއްޖެއަށް ދެވިދާނެ ކަމަށާއި ފައިސާ ޚިޔާރު ކުރީ އެސަބަބާ ހެދި ކަމަށެވެ.