ރޯސް ވޯޓާ ނުވަތަ ފިނިފެނަކީ ޒީނަތްތެރިވުމުގެ ގޮތުން ބޭނުންކުރާ ހަންގަނޑަށް ވަރަށް ފައިދާހުރި އެއްޗެކެވެ. މި ފެނުން މޫނު ސާފުކޮށް މޭކަޕް ސާފުކޮށް ހަދާލުމުން މޫނުމަތީގެ ރީތި ކަމާއި އުޖާލާކަން އިތުރުވެ އެވެ.
މިއީ ކާބައިންގެ ޒަމާނުއްސުރެ ވެސް އަންހެނުން ޒީނަތްތެރިވުމަށް ބޭނުން ކުރަމުން އައިސްފައިވާ އެއްޗެކެވެ. ރޮސް ވޯޓާ ބޭނުން ކުރަނީ ހަމައެކަނި ޒީނަތްތެރި ވުމަކަށް ނޫނެވެ. ކެއްކުމުގައި ވެސް މި ފެން ބޭނުން ކުރެވެ އެވެ. ތަފާތު ފޮނި ކާނާގައި މީރު ރަހަ ލެއްވުމަށެވެ.
ރޯސް ވޯޓާ އަކީ ޑިޓޮކްސިފިކޭޝަން އަށް ވެސް ބޭނުންކުރާ އެއްޗެކެވެ. ހަށިގަނޑުގައިވާ ވިހަތައް ބޭރުކޮށްލާ ޖަރާސީމުން ސަލާމަތްކޮށްދޭ ވެސް އެއްޗެކެވެ. މިކަންތައްތަކަށް އެންމެ ރަނގަޅުވާނީ ގޭގައި ތައްޔާރުކޮށްލާ ރޯޒްވޯޓާ އެވެ. ސަބަބަކީ އަމިއްލައަށް ތައްޔާޜުކޮށްލުމުން އޭގައި އިތުރު އެއްވެސް ކެމިކަލެއް ފާޑު އެއްޗެއް ނުހިމެނޭނެތީ އެވެ.
ގޭގައި ވަރަށް ފަސޭހައިން މި ފެން ތައްޔާރު ކޮށްލެވިދާނެ އެވެ. މިކަމަށް ބޭނުންވާނީ ވަރަށް މީރު ވަސް ދުވާ ފިނިފެންމަލެވެ. އެއްވެސް ޕަނިފަކުސާ މަރާ ބޭހެއް އަދި ކެމިކަލެއް ނުޖަހާ ހުރި ގަސްގަހުގެ މަލެވެ.
ތައްޔާރުކުރާނެ ގޮތް
ފިނިފެންމާތަކުގެ ފިޔަ ނައްޓާށެވެ. ޖޯޑެއްގެ ދެ ބައިކުޅަ އެއްބައި ނުވަތަ އެއް ޖޯޑުހާ ފިޔަ ރަނގަޅުވާނެ އެވެ. ކުރީބައިގައި ފިޔަތައް ހިއްކާފައި ހުރިނަމަ ޖޯޑެއްގެ ހަތަރުބައިކުޅަ އެއްބައި ފިޔައިން ވެސް ފުދޭނެ އެވެ. ޖޯޑެއްގެ ފިޔައަކީ ގާތްގަނޑަކަށް ދޭއް ނޫނީ ތިން މަލެވެ. މި ފިޔަތައް އާދައިގެ ފެނުން ވަރަށް ރީތިކޮށް ދޮވެ އޭގައި ހުރިނަމަ ހުރި ކިލައެއް ފިލުވާލާށެވެ.
ތަންކޮޅެއް ފުންކޮށް ހުރި ތެއްޔަކަށް ފިޔަތައް އަޅާފައި ޑިސްޓިލްޑް ނުވަތަ ފިލްޓަރު ކޮށްފައިވާ ލިޓަރެއްހާ ފެން އަޅާށެވެ. މެދު ގިނީގައި ކެކެން ފަށަން ދެން ބަހައްޓާފައި ފެންގަނޑުން ބޮކި ޖަހަން ފެށީމަ ގިނި އެންމެ މަޑުކޮށްލާފަ މައްޗެއް ޖަހާށެވެ. އަދި 15 އައި 30 މިނިޓް ވަންދެން ކައްކާށެވެ. ނުވަތަ ފިޔަތަކުގެ ކުލަ ފަނޑުވެގެން ދަންދެން ކައްކާށެވެ. ދެން އުނދުން މަތިން ބާލާފައި މަތި ނަގާފައި އެއްކޮށް ހިހޫވަންދެން ބަހައްޓާށެވެ.
ހިހޫވުމުން ތުނި މަލްމަލް ފޮތިކޮޅަކުން ފުރާނާލާށެވެ. ރަނގަޅަށް ހިހޫވެއްޖެކަން ޔަގީން ކުރުމަށްފަހު ވަރަށް މަތި ފިޓްވާ ބިއްލޫރި ފުޅިއަކަށް އަޅާށެވެ. ސްޕްރޭ ކުރެވޭ ފުޅިއަކަށް ބޭނުންކުރާ ވަރަށް މި ފެން އަޅައިގެން ބޭނުންކުރުން ރަނގަޅުވާނެ އެވެ. މިއީ މުޅިން ގުދުރަތީ އެއްޗަކަށް ވާތީ އައިސްއަލަމާރިއަށް ނުލާ ހަފުތާއެއްހާ ދުވަހު ބޭނުން ކުރެވިދާނެ އެވެ. އަދި އައިސްއަލަމަރީގައި ނަމަ މަހެއްހާ ދުވަހު ވެސް މި ސޮލިއުޝަން ބޭނުން ކުރެވިދާނެ އެވެ.
ރޯސް ވޯޓާ އިން ޓޯނާ ތައްޔާރުކުރާނެ ގޮތް
ރޯސްވޯޓާގެ 300 އެމްއެލް އަށް ސަމުސަލެއްގެ ދެބައިކުޅަ އެއްބައި ލުނބޯހުތް އަޅާށެވެ. ބޭނުންނަމަ ގްލިސަރިން ކޮޅެއް ވެސް އެޅިދާނެ އެވެ. ކަފަކޮޅަކުން މޫނުގައި މި ފެން އުނގުޅާފައި 20 ވަރަކަށް މިނިޓް ބަހައްޓާފައި އާދައިގެ ފެނުން މޫނު ދޮވެލާށެވެ.
ފޮނިކާއެއްޗެއް ހެދުމުގައި ވެސް މި ރޯސްވޯޓާ ބޭނުން ކުރެވޭނެ އެވެ. އެގޮތުން ކަޕްކޭޕް، ފަލޫދާ، އެކި ކަހަލަ ބޮނޑިބަތް، ހަލުވިދާ ފަދަ ތަކެތީގައި ފިނިފެންމާ ރަހަ ލައްވަން ބޭނުންނަމަ މި ފެން ބޭނުން ކުރާށެވެ.