އުމުރާގެ އަޅުކަން އަދާ ކުރުމަށާއި ސީރިއާ ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވާން ޓްރޭނިން ކޭމްޕްގައި ގައުމީ ޓީމު ސައުދީ އަރަބިއާއަށް ފުރައިފި އެވެ.
ޖިއްދާގައި ޓްރޭނިން ކޭމްޕް ކުރިއަށް ގެންދާއިރު، ޓްރޭނިން ކޭމްޕްގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިން މައްކާއަށް ގޮސް އުމުރާގެ އަޅުކަން އަދާ ކުރާނެ އެވެ. ޖިއްދާގައި ޓްރޭނިނިން ކޭމްޕް ފަށާނީ މައްކާގެ ދަތުރުން އެނބުރި ދިއުމަށް ފަހު އެވެ.
މިއީ މިއަހަރު ސައުދީއަށް ގޮސް އުމުރާގެ އަޅުކަން އަދާ ކުރާ ރާއްޖޭގެ ތިން ވަނަ ޓީމެވެ. ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުން ވަނީ މި އަހަރު މާޗް މަހު ސައުދީގައި ބޭއްވި ކޮލިފިކޭޝަން މުބާރާތަށް ފަހު އުމްރާގެ އަޅުކަން އަދާކޮށްފަ އެވެ. އޭގެ ފަހުން ޖޫން އަދި ޖުލައިގައި މާޒިޔާ އާއި ޓީސީން ވަނީ އެފްއޭއެމުން ތަނަވަސް ކޮށްދިން ޓްރޭނިން ކޭމްޕަށް ގޮސް އުމުރާއެއް ކޮށްފަ އެވެ.
ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް ބުނީ، އުމުރާގެ އަޅުކަން އަދާ ކުރަން ފުރުސަތު ލިބުމަކީ ކުޅުންތެރިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
"ފުޓްބޯޅައަކީ ހަމައެކަނި ކާމިޔާބު ހޯދުމެއް ނޫން، ޓީމެއްގެ ގޮތުގައި މިކަހަލަ [ދީނީ] ސަގާފަތް ނުވަތަ އަހްލާގް ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް،" ޝެގަޓް ބުންޏެވެ. "އަހަރެން ޝުކުރު އަދާ ކުރަން އެފްއޭއެމްއަށް ކުޅުންތެރިންނަށް ހޯދައިދިން މި ފުރުސަތަށް."
އަންނަ މަހު 10 ވަނަ ދުވަހު ސީރިއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ ޔުނައިޓެޑް އަރަބި އެމިރޭޓްސްގަ އެވެ. ހަނގުރާމަ އާއި ދާހިލީ ހަމަނުޖެހުންތަކުގެ ސަބަބުން ސީރިއާގެ ހޯމް މެޗްތައް މިދިޔަ ފަސް އަހަރު ކުޅެފައި ވަނީ ނިއުޓްރަލް ސްޓޭޑިއަމްގަ އެވެ.
މެޗަށް ރާއްޖެ ނުކުންނައިރު އަނިޔާ އާއި ސަސްޕެންޝަންގެ ސަބަބުން ރާއްޖޭގެ މުހިންމު ތިން ކުޅުންތެރިންނަށް ނުކުޅެވޭނެ އެވެ. ކެޕްޓަން އަކުރަމް އަބްދުލް ގަނީ އާއި އިބްރާހިމް މަހްދީ ހުސައިން (ހަބޭސް) އިއްބެ އަށް ސަސްޕެންޝަންގެ ސަބަބުން ނުކުޅެވޭނެ އެވެ. އަދި މިޑްފީލްޑް އިބްރާހިމް ވަހީދު ހަސަން (އިއްބެ) އަށް ވެސް ނުކުޅެވޭނެ އެވެ.
ޝެގަޓް ބުނީ، އެ ކުޅުންތެރިންނަށް ނުކުޅެވުމަކީ ޓީމަށް ކުރިމަތި ވާނެ އުނދަގޫ މައްސަލައެއް ކަމަށާއި އެހެން ނަމަވެސް ބާކީ ތިބި ކުޅުންތެރިންނާއެކު ބުރަކޮށް މަސައްކަތް ކުރާނެ ކަމަށެވެ. ޓީމު އެމިރޭޓްއަށް އަށް ދާނީ ސައުދީގައި ހަތް ދުވަސް ވަންދެން ޕްރެކްޓިސް ކުރުމަށް ފަހު އެވެ.