މާލެ ސަރަހައްދުގެ ނަރުދަމާގެ ނިޒާމުގެ ބެލެހެއްޓުން ހަރުދަނާ ކުރުމުގެ ގޮތުން ނަރުދަމާގެ ނިޒާމާ ގުޅޭ ގޮތުން ސާވޭއެއް ކުރަން ހަމަޖައްސާފައިވާ ކަމަށް މާލެ ސަރަހައްދުގައި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދޭ އެމްޑަބްލިއުއެސްސީން މިއަދު ބުނެފި އެވެ.
އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނަނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދުގެ ނަރުދަމާގެ ނިޒާމާ ގުޅޭ ގޮތުން ސާވޭއެއް ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ.
ދެ މަސް ދުވަހަށް ކުރިއަށްދާ އެ ސާވޭގައި ކޮމާޝަލް ބަދިގެތަކުގައި އޮއިލް ޓްރެޕް ހުރިތޯ ބަލައި ފާސް ކުރުމާއި ވިޔަފާރީގެ ކަންކަމަށް ބޭނުން ކުރާ ބަދިގެތައް ދެނެގަތުމުގެ އިތުރުން އިމާރާތްތަކުގެ ދިޔަދޮވިތައް ގުޅާފައިވާ ގޮތް ބަލާނެ އެވެ. އަދި ދޮރުން ދޮރަށް ހިނގައި ގޭގެ ނަރުދަމާގެ ނިޒާމަށް މައްސަލަތައް ދިމާވުމަށް މެދުވެރިވާ ސަބަބުތަކާ މެދުގައި ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރާނެ އެވެ.
އެމްޑަބްލިއުއެސްސީން ކުރިއަށް ގެންދާ އެ ސާވޭގައި ބައިވެރިވާނީ އެ ކުންފުނީގެ މުވައްޒަފުން ކަމަށާއި ސާވޭ ކުރާ މުވައްޒަފުން އަބަދު ވެސް ތިބޭނީ އެ ކުންފުނީގެ މުވައްޒަފެއްކަން އަންގައިދޭ ކާޑެއް އަޅައިގެން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ސާވޭ ކުރާ ފަރާތެއްކަން އިނގޭނެ ގޮތަށް ކުންފުނީގެ ނިޝާން ޖަހާފައިވާ ފާހެއް އަޅައިގެންނެވެ.
އެމްޑަބްލިއުއެސްސީން ބުނީ ކަސްޓަމަރުންނަށް ދެމުންގެންދާ ހިދުމަތްތައް ފުޅާކޮށް އުތުރަށް ތަރައްގީކޮށް ވީހާވެސް ގާތުން ލުއިފަސޭހަ ކަމާއެކު ހިދުމަތްތައް ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒެވެ.