އިރާގު

މުޒާހަރާ ރޫޅާލުމުން އިރާގުގެ ރައީސް ކޯފާވެއްޖެ

އިރާގުގެ ވެރިރަށް ބަޣުދާދުގެ މެދުތެރޭގައި އިއްޔެ ހަވީރު ކުރަން ފެށި މުޒާހަރާތައް ރޫޅާލަން ފުލުހުން ބާރުގެ ބޭނުން ކުރުމުން އިރާގުގެ ރައީސް ބަރްހަމް ސާލިހު އެކަމާ ހިތްޕުޅު ހަމަޖެހި ވަޑައިނުގެންފި އެވެ.

މުޒާހަރާކުރި މީހުނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުން ކުރުމުން، ހިތްޕުޅު ހަމަޖެހިވަޑައިނުގެން ބްރަހަމް ސާލިހު ވިދާޅުވީ، މުޒާހަރާގެ ބައިވެރިންނަށް އަނިޔާވެރިވުމުގެ ބަދަލުގައި ސަރުކާރުން ކުރަން ޖެހޭ ކަމަކީ އެމީހުންގެ ގޮވާލުންތަކަށް އިޖާބަ ދިނުން ކަމަށެވެ. އަދި ސަރުކާރެއްގެ މައިގަނޑު އެއް އަމާޒަކީ ރައްޔިތުން ހާސިލް ކުރަން ބޭނުންވާ ކަންތައް ހާސިލް ކުރުމަށް މަގު ފަހި ކޮށްދިނުން ކަމަށެވެ.

އިރާގުގެ ޔުނިވާސީޓިގެ ދަރިވަރުން އިއްޔެ މުޒާހަރާކުރަން ފެށީ، ވަޒީފާ ނުލިބުމުގެ މައްސަލަ އެ ގައުމުގައި އިންތިހާ ދަރަޖައަށް ބޮޑުވެފައި ވުމުން އެކަމަށް އަވަސް ހައްލެ ގެނައުމަށް އެދި އެވެ. ނަމަވެސް މުޒާހަރާ ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ފުލުހުންނާ މުޒާހަރާގެ ބައިވެރިންގެ މެދުގައި ވަނީ ހަމަނުޖެހުން ހިނގާ އެވެ. މުޒާހަރާގެ ތެރޭ ފުލުހުންގެ ހަމަލާއެއްގައި ދެ މީހަކު މަރުވެފައިވާއިރު 100 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައި ވެއެވެ. އަދި މުޒާހަރާގެ ބައިވެރިންގެ އަމަލުތަކުގެ ސަބަބުން 40 ފުލުހަކު ޒަހަމްވި އެވެ.

މުޒާހަރާ ރޫޅާލުމުގައި ބާރުގެ ބޭނުން ކުރަން ޖެހުނީ، މުޒާހަރާގެ ބައިވެރިން އިސްވެ ފުލުހުންނަށް ހަމަލާދީ އާންމު ތަންތަނަށް ގެއްލުންދޭނެ ފެށުމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.