މި އަންނަ ބުރާސްފަތި ދުވަހު ސީރިއާ ދެކޮޅަށް ކުޅޭ މެޗަށް އެކުލަވައިލި ގައުމީ ޓީމުން އީގަލްސްގެ ދެ ފޯވަޑުން ކަމަށްވާ އަލީ ފާސިރު (ސެންޓޭ) އާއި އަހްމަދު ރިޒްވާން (ރިޒޭ) އަށް ފުރުސަތު ނުދީ ގައުމީ ޓީމު ސައުދީ އަރަބިއާއަށް ހިނގައްޖެ އެވެ.
މިދިޔަ މަހު ގުއާމް އާއި ޗައިނާ އާ ދެކޮޅަށް ކުޅެން ނެގި ޓީމުގައި ސެންޓޭ އާއި ރިޒޭ ހިމެނުމުންވެސް، ޓީމާއެކު އެ ކުޅުންތެރިން ގޮސްފައެއް ނުވެ އެވެ. ގައުމީ ޓީމުގައި އެ ކުޅުންތެރިން ހިމެނުމުން މަގުބޫލު ސަބަބެއް ނެތި ގައުމީ ޓީމާއެކު ނުދިއުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އެފްއޭއެމުން ބުނެފައި ވެއެވެ. އަދި އެކަމުގެ އަދަބެއްގެ ގޮތުން އެފްއޭއެމުން ވަނީ އެ ދެ ކުޅުންތެރިން 100،000 ރުފިޔާއިން ޖޫރިމަނާ ކޮށްފަ އެވެ. އެއީ ކޮންމެ ކުޅުންތެރިޔަކު 50،000 ރުފިޔާ އެވެ.
ލަންކާގައި ބޭއްވި ގައުމީ ޓީމުގެ ފަރިތަކުންތަކުގަ އާއި ގުއާމަށް ދިއުމަށް ވިސާ ޖެހުމަށް ގައުމީ ޓީމު ފުރި ދުވަހު އެ ދެ ކުޅުންތެރިން ޓީމާއެކު ދަތުރު ކޮށްފައި ނުވެ އެވެ. އޭރު އެފްއޭއެމުން ބުނީ އަމިއްލަ ސަބަބެއް ދިމާވެގެން ދެވެން ނެތް ކަމަށް އެ ކުޅުންތެރިން އަންގާފައިވާ ކަމަށެވެ.
ނަމަވެސް އެ ދުވަސްވަރު، ބ. އޭދަފުށީގައި ބޭއްވި ފުޓްބޯޅަ މުބާރާތެއްގައި ސެންޓޭ ވަނީ ކުޅެފަ އެވެ. ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ ކޮޅަށް ލަނޑު ޖެހި ސެންޓޭއަކީ ޓީމުގެ ސީނިއާ ކުޅުންތެރިޔެއް ވެސްމެ އެވެ. ޖުލައި މަހު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ޓީމުގެ ކެޕްޓަކަން ކުރީވެސް ސެންޓޭ އެވެ. ގުއާމް އާއި ޗައިނާ އާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އަލުން ލީގް ފެށިފަހުންވެސް އެ ދެ ކުޅުންތެރިން ވަނީ އީގަލްސްގައި މޮޅު ކުޅުމެއް ދައްކާފަ އެވެ
ޗައިނާ މެޗަށް ތައްޔާރު ވުމަށް ހޮޓެލް ޖެންގައި ކޭމްޕް ކުރި ސްކޮޑަށް ބަދަލެއް ނުގެނެސް ޓީމު ވަނީ ފުރާފަ އެވެ. އޭގެ ފަހުން މެޗެއް ނުކުޅޭ ކުޅުންތެރިން ސްކޮޑްގައި ހިމެނިނަމަވެސް ޓީމު ފުރައިގެން ދިޔައީ ހަމަ އެ ކުޅުންތެރިން ގޮވައިގެންނެވެ. މޮޅަށް ކުޅުނު ނަމަވެސް ސެންޓޭ އާއި ރިޒޭއަށް ފުރުސަތު ދީފައެއް ނުވެ އެވެ.
އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، ސެންޓޭ އާއި ރިޒޭއަށް އެޅި ޖޫރިމަނާގެ ފިޔަވަޅާއެކު އޭރު ހިނގާދިޔަ މައްސަލަ ނިމިފައިވާ ކަމަށެވެ. އަދި ސެންޓޭ އާއި ރިޒޭ ޓީމަށް ނެގުމާމެދު އަދި ނުނެގުމާމެދުވެސް އެފްއޭއެމުން ވަކި ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ. ޓްރޭނިން ކޭމްޕަށް ގެންދާ ސްކޮޑުގައި ސެންޓޭ އާއި ރިޒޭގެ ނަން ކޯޗް ހިމަނާފައި ނުވާ ކަމަށް ޖަވާޒު ފާހަގަ ކުރި އެވެ.
ނޭޕާލްގައި ނިމިގެން ދިޔަ 19 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ތިން ވަނަ ހޯދި ރާއްޖޭގެ ޒުވާން ޓީމުގެ ބައެއް ކުޅުންތެރިން ސީނިއާ ގައުމީ ޓީމުގެ ސްކޮޑުގައި ހިމަނާނެ ކަމަށް ގައުމީީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް މިއަދު ބުންޏެވެ. އޭނާ ބުނީ އަރަބި އެމިރޭޓްސްއަށް ޓީމު ދާ ފަހުން 19 އަހަރުން ދަށުގެ ޓީމުން ސީނިއާ ޓީމަށް ނަގާ ކުޅުންތެރިން ހިމަނާނެ ކަމަށެވެ. އަދި އެއީ ކޮން ކުޅުންތެރިންނެއް ކަން ނިންމާނި އެ ކުޅުންތެރިން ކުޅޭ މެޗުތަކައް ބަލުމުގެ އިތުރަށް، 19 އަހަރުން ދަށުގެ ޓީމުގެ ކޯޗް ޝާޒްލީ މުހައްމަދު އާވެސް ވާހަކަ ދެއްކުމަށް ފަހުގައި ކަމަށެވެ. ޒުވާން ޓީމުގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓް) އަކީ މިހާރު ވެސް ސޏިއާ ޓީމުގެ ސްކޮޑްުގައި ހިމެނޭ ކުޅުންތެރިޔެކެވެ.
ޒުވާން ގައުމީ ޓީމުން މިހާރު ވާދަ ކުރަމުން ދަނީ އަންނަ އަހަރު ބާއްވާ އޭޝިއާގެ 19 އަހަރުން ދަށުގެ ކޮލިފިކޭޝަންގަ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި މިއަދު ވާދަ ކުރާނީ ކޮލިފިކޭޝަން ހޯސްޓް ކުރާ ތަޖިކިސްތާން އާ ދެކޮޅަށެވެ. ރާއްޖެ ކުޅޭ ފަހު މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު އެވެ.