ހޮލީވުޑް

ސްޓްރޭންޖާ ތިންގްސްގެ ހަތަރު ވަނަ ބަޔަކަށް ތައްޔާރުތަ؟

ސީރީސް، ސްޓްރޭންޖާ ތިންގްސްގެ ހަތަރު ވަނަ ބައެއް ފަށަން އުޅޭ ކަމަށް އިއުލާން ކުރުމާއެކު އުފެދެނީ ހުސް ސުވާލެވެ. ޖަވާބު ބޭނުންވާ އެތައް ސުވާލެކެވެ.

ހަތަރު ވަނަ ސީޒަން ގައި އިލަވަން އާއި މައިކް އަލުން ގުޅޭނެ ހެއްޔެވެ؟ ބިލީ ހަމަ އަސްލުވެސް މަރުވީ ހެއްޔެވެ؟ ހޮޕާ އަށް ވީ ކިހިނެތް ހެއްޔެވެ؟ ރަޝިއަން ޕްރިޒަންގެ ކަންތައްގަނޑަކީ ކޮބައިހެއްޔެވެ؟

މި ހުރިހާ ސުވާލާއި މި ސީރީޒްގެ ސަޕޯޓަރުންގެ އިތުރު ސުވާލުތަކުގެ ޖަވާބުތަައްވެސް ރިލީޒް ކުރާ އާ ސީޒަން ގައި ޖަވާބު ލިބޭނެ ކަމަށް އުއްމީދު ކުރެވެ އެވެ.

އެމެރިކާގެ ވެބް ސިރީޒް ސްޓްރޭންޖާ ތިންގްސް އެންމެ ފުރަތަމަ އެއާ ކުރީ 2016 ވަނަ އަހަރު އެވެ. މި ސީރީޒް ދިވެހިންގެ ތެރޭގައި މަގުބޫލު ވެގެން ދިޔައީ ނެޓްފްލިކްސް ގައި ރަސްމީކޮށް އެޅުވުމުންނެވެ. ޑަފާ ބްރަދާސްގެ މި ސައިންސް ފިކްޝަން ހޮރޯ ސީރީޒް އަށް ކުޑަ ދުވަސްކޮޅެއް ތެރޭ ލިބުނު މަގުބޫލު ކަމާއެކު އައުޓް ސްޓޭންޑިންގް ޑްރާމާ ގެ ގޮތުގައި 30 އެމީ ނޮމިނޭޝަން ލިބުން އިރު ހަ ކެޓަގަރީ އަކުން ކާމިޔާބު ވެސް ކުރި އެވެ.

ޓްރެއިލާ

އިންޑިއާނާ ޓައުންގައި އުޅޭ ހަތަރު އެކުވެރި ކުޑަ ފިރިހެން ކުދިންގެ ތެރެއިން އެކަކު ކުއްލި އަކަށް ނޭނގި ގެއްލުމުން ދެން ކުރިމަތިވާ ތަފާތު ހާދިސާ ތަކެއްގެ ގޮތުގައި މި ސީރީޒް ފެށި އިރު ތިން ވަނަ ސީޒަން ނިންމާލީ އިތުރު ކެރެކްޓާތަކާއެކު އެވެ.

އާ ސީޒަން ފަށަން އުޅޭ ކަމަށް މި ހަފްތާގައި ނެރުނު ކުރު ވީޑިއޯ ކޮޅާއެކު ލިޔެފައި ވަނީ އަހަރުމެން މި ތިބީ ހޯކިންސް އަކު ނޫން ކަމަށެވެ.

ސީޒަން ހަތަރެއް ރިލީޒް ކުރާ ތާރީހެއް އަދި އިއުލާން ނުކުރާއިރު އަންނަ އަހަރު ރިލީޒް ކުރާނެ ކަމަށް ގިނަ ސައިޓުތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ.