ވިޔަފާރި

އިންޑިއާއިން ފިޔާ ލިބުމުގައި ރާއްޖެ އަށް ދައްޗެއް ނުވާނެ: ފޮރިން މިނިސްޓްރީ

Oct 2, 2019
1

އިންޑިއާ އިން ފިޔާ އެކްސްޕޯޓް ކުރުން ހުއްޓާލިނަމަވެސް، ރާއްޖެ އަށް ބޭނުންވާ ވަރަށް ފިޔާ ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުގައި އެ ގައުމަށް ކުރާ ވިއްސާރާގައި ދަނޑުތައް ހަލާކުވަމުންދާތީ ފިޔާ އެކްސްޕޯޓް ކުރުން ވަގުތީ ގޮތުން ވަނީ ހުއްޓާލަން ނިންމާފަ އެވެ. މިއާއެކު އެ ގައުމުގެ ބާޒާރުގައި ފިޔާގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ.

ފޮރިން މިނިސްޓްރީގެ ޑިރެކްޓަރު ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު މިއަދު އަވަސް އަށް ވިދާޅުވީ އިންޑިއާ އިން ރާއްޖެ އަށް ބޭނުންވާ ވަރަށް ފިޔާ ލިބޭނެ ކަމަށާ، ރާއްޖެއަށް ފިޔާ ލިބުމުގައި ދަތިކަމެއް ނާންނާނީ ރާއްޖެއަށް އެ ބާވަތްތައް އެތެރެކުރަނީ ހާއްސަ ކޯޓާއެއްގެ ދަށުން ކަމަށްވާތީ އެވެ.

"ކުރީގެ ފޮރިން މިނިސްޓަރު [ޝުސްމާ ސުވަރާޖު] ރާއްޖެ އަށް ވަޑައިގެން ހަމަޖެއްސެވި ގޮތަށް، އެ ކޯޓާގައި ރާއްޖެ އަށް ފިޔާ ލިބޭނެ،" މިއުވާން ވިދާޅުވި އެވެ.

ރާއްޖޭގައި ފިޔާއަކީ ކެއުމުގައި ބޭނުންކުރާ މުހިންމު ބާވަތެކެވެ. ފިޔާގެ ޑިމާންޑު އެންމެ ބޮޑު ވަނީ ރޯދަ މަހު އެވެ. އާއްމު ދުވަސްތަކުގައި ފިޔާ ބަސްތާއެއް ވިއްކަނީ 200ރ. ވަރަށެވެ.

އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނަ އިން ފިޔާ އުފައްދާ އެއް ގައުމެވެ. އެ ގައުމުން މިދިޔަ އަހަރު 2.2 ބިލިއަން ކިލޯގެ ފިޔާ އެކްސްޕޯޓް ކޮށްފައިވާއިރު، މީގެ އަގު 514 މިލިއަން ޑޮލަރަށް އަރަ އެވެ.