ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ފަލަސްތީނަށް ވަޑައިގަތުމުގެ ދައުވަތު ރައީސަށް ދެއްވައިފި

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ޚާއްސަ ސިޓީފުޅެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް އަރުވައިފި އެވެ.

ފަލަސްތީނުގެ ރައީސްގެ ޚާއްސަ ސިޓީފުޅެއް ރައީސް ސޯލިހުގެ އަތްޕުޅަށް އެރުވީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ރައީސް އައްބާސްގެ ޚާއްސަ މަންދޫބު އަދި ޕްރެޒިޑެންޓް އެޑްވައިޒަރު ފޯ ރިލިޖަސް އެފެއާޒް އެންޑް އިސްލާމިކް ރިލޭޝަންސް، ސްޕްރީމް ޖަޖް އޮފް ޝަރީއާ ކޯޓްސް، ޑރ. މަހުމޫދު އަލް ހައްބާޝްއެވެ.

ޑރ. މަހުމޫދު ވަނީ ރައީސް ސޯލިހުގެ އަރިހަށް މިއަދު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ޑރ. މަހުމޫދު އަލް ހައްބާޝް ދެއްކެވި ވާހަކަފުޅުގައި ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ އދ ގެ އާންމު މަޖިލީހުގައި ކުރެއްވި ތަގްރީރުގައި، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އުދުވާނުތައް ކުށްވެރިކުރެއްވުމާއި ފަލަސްތީނުގެ ވަކި ދައުލަތެއް ގާއިމުކުރުމުގެ ވިސްނުމަށް ތާއީދުކުރައްވާ ވާހަކަފުޅު ދައްކަވާފައި ވާތީ އެކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

އަދި ފަލަސްތީނުގެ ދައުލަތެއް ގާއިމު ކުރުމުގެ ވިސްނުމަކީ ބަދަލުނުވާނެ ވިސްނުމެއްކަމަށާއި އިސްރާއީލާއެކު އޮންނަ ގުޅުން ރަނގަޅުވުން ވެސް ބިނާވެފައި ވަނީ މި އަސާސްގެ މައްޗަށްކަމަށް ޑރ. މަހުމޫދު ވިދާޅުވިއެވެ. ފަލަސްތީނުގެ މަންދޫބު ވަނީ ހިފާފައިވާ ފަލަސްތީނުގެ ބިންތަކުގައި ގެދޮރު ބިނާކުރުމަށް އިސްރާއީލުން މިހާރު ހިންގަމުންގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއެކުކަމާއި ބައިނަލްއަގުވާމީ މައިދާނުގައިވެސް ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރައްވާނެކަމުގެ ޔަގީންކަން ފަލަސްތީނުގެ މަންދޫބަށް ވަނީ ދެއްވާފައެވެ.