އަކެޝޭ ކްމާރު

14 ފިލްމް ފްލޮޕްވުމުން ކެރިއަރު ނިމުނީ ކަމަށް ގަބޫލުކުރިން: އަކްޝޭ

އަކްޝޭ ކުމާރަކީ މިހާރު ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އެކްޓަރެވެ. މިހާރު އޭނާ ކުޅެން ޚިޔާރު ކުރާ ފިލްމުތައް ތަފާތުވެފައި މޮޅުކަމުން ކޮންމެ ފިލްމަކަށް ވެސް ބޮޑު ކާމިޔާބެއް ދަނީ ލިބެމުންނެވެ.

ނަމަވެސް އަކްޝޭގެ ކެރިއަރުގައި ވެސް ވަރަށް ބަނަ ދުވަސްތަކެއް އޭނަ ވަނީ ދެކެފަ އެވެ. ދިއްލީގައި އޮތް އިވެންޓެއްގައި ވާހަކަ ދައްކަމުން އަކްޝޭ ބުނި ގޮތުގައި އޭނާ ކުޅުނު 14 ފިލްމެއް ފްލޮޕްވެ ފިލްމީ ކެރިއަރު ނިމުނީ ކަމަށް ގަބޫލު ކުރެވުނު ދުވަސްވަރެއް ވެސް ދިޔަ އެވެ.

"އަހަރެން ދެރަވެ މާޔޫސްވި. އަހަރެންނަށް އެ މާޔޫސް ކަމުން ސަލާމަތް ވެވުނީ އަހަރެން ހޯދާފައިވާ މާޝަލް އާޓްސް ތަމްރީނުތަކުގެ ސަބަބުން. އެ ތަމްރީނުތަކުން އަހަންނަށް ރަނގަޅު އަޚްލާގު ދަސްކޮށްދީފައިވާތީ. އެހެންވެ 14 ފްލޮޕްގެ ތަޖުރިބާގެ ބޭނުން ހިފައި މިއަދު ކާމިޔާބު ފިލްމުތަކެއް އުފެއްދުމުގެ ފުރުސަތު އަހަންނަށް ލިބުނީ،" އަކްޝޭ ބުންޏެވެ.

މިހާރު އަކްޝޭ ތައްޔާރުވަމުން ދަނީ ސާޖިދު ނަދިއަދްވާލާ ޕްރޮޑިއުސްކުރާ "ހައުސްފުލް 4" ރިލީޒް ކުރާށެވެ. މި މަހުގެ ފަހު ހަފުތާގައި ރިލީޒް ކުރާ މި ފިލްމުގައި އަކްޝޭގެ އިތުރުން ކްރީތީ ސަނަން، ކްރީތީ ކަރްބަންދާ، ބޮބީ ޑެއޯލް، ރާނާ ދަގުބަތީ، ރިތޭޝް ދޭޝްމުކް، ޗަންކީ ޕާންޑޭ، ޕޫޖާ ހެގްޅޭ ފަދަ ތަރިން ބައިވެރިވެ އެވެ.

މިފިލްމުގެ ޓްރެއިލާ ލޯންޗުކުރި ދުވަހު ވާހަކަ ދައްކަމުން ޖޯކަކަށް ހަދާފައި އަކްޝޭ ބުނެފައިވަނީ ސީރިއަސް ފިލްމުތައް ކުޅެގެން މި ހުރިހާ ދުވަހު އޭނާ ހޯދި އިއްޒަތާއި ގަދަރު "ހައުސްފުލް 4" އިން ނެތިގެން ދާނެ ކަމަށް ދެކޭ ކަމަށެވެ. ސަބަބަކީ "ހައުސްފުލް" ފްރެންޗައިސްގެ ކޮންމެ ފިލްމަކީ ވެސް ހެއްވާ މަޖާ ފިލްމަށް ވެފައި މި ފިލްމުގައި އޭނާއަށް ވެސް އުޅެން ޖެހެނީ ޖޯކަރެއް ހެން ކަމަށް ވާތީ އެވެ. އަދި މީހުން ހެއްވުމަކީ ކުރަން އެންމެ އުނދަގޫ އެކްޓިން ކަމަށް އަކްޝޭ ގަބޫލު ކުރެ އެވެ.

ކުރިޔަށް ވެސް އަކްޝޭގެ ރަނގަޅު ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ރޯހިތު ޝެޓީ ޑައިރެކްޓްކުރާ ކެޓްރީނާ ކައިފް ބަތަލާގެ ބައި ކުޅޭ "ސޫރިޔަވަންޝީ އާއި ކަރީނާ ކަޕޫރާއެކު ކުޅޭ "ލަކްޝްމީ ބޮމްބް" ހިމެނެ އެވެ.