ކުޅިވަރު

އައިހަމް، އާއިޝް ސެލްޓަވީގޯއަށް، އީތަން އަބޫދާބީއަށް

މިއަދު ބޭއްވި ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޗެމްޕިއަން ކަން ހޯދި ގާޒީ ސްކޫލް ޓީމުގެ ދެ ކުދިން ކަމަށްވާ، އައިހަމް އިބްރާހިމް އާއި ހުސައިން އާއިޝްއަށް ސްޕެނިޝް ލީގްގެ ސެލްޓަ ޑެ ވީގޯގެ އެކެޑެމީގައި ޓްރެނިން ހެދމުގެ ފުރުސަތު ދީފި އެވެ.

އިންޓަނޭޝަނަލް ޓުއަރިޒަމް ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑްރީމް ޓީމުގައި ހިމެނުނު ތިން ކުދިންގެ ތެރެއިން އައިހަމް އާއި އާއިޝްއަށް ސެލްޓަވީގޯއިން ފުރުސަތު ލިބުނު އިރު، ފިއެސްޓާގައި ވާދަ ކުރި އެންމެ ހަގު ދަރިވަރު ކަމަށްވާ އީތަން އިބްރާހިމް ޒަކީއަށް ފުރުސަތު ދީފައި ވަނީ، އަރަބި އެމިރޭޓްސްގެ ހުންނަރ ސްޕެއިންގެ ކުރީގެ ޑިފެންޑަރު މިޝޭލް ސަލްގާޑޯ ހިންގާ އެކެޑެމީގައި އެއް މަސްދުވަސް ވަންދެން ޓްރެއިނިން ހެދުމުގެ ފުރުސަތެވެ.

މުބާރާތުގެ ޑްރީމް ޓީމު އެކުލަވާލާފައި ވަނީ ސަލްގާޑޯ އާއި ސެލްޓަ ވީގީގެ އެކެޑެމީގެ އޮފިޝަލުންނެވެ. އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އީތަންއަކީ ވަރަށް ހުނަރުވެރި ކުއްޖެއްގެ ގޮތުގައި ސަލްގާޑޯ ސިފަ ކުރި އެވެ. އީތަން ވަނީ މިއަހަރު ސްޕެއިންގެ ބާސެލޯނާގެ އެއް ވަނަ އެކެޑެމީ ލަމާސިއާގައިވެސް ޓްރޭނިން މެޗުތަކެއް ކުޅެފަ އެވެ.

އަންނަ އަހަރު ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ ދުބާއީގައި ބާއްވާ 14 އަހަރުން ދަށުގެ އިންޓަ ކޮންޓިނެންޓަލް މުބާރާތުގައި ރާއްޖޭގެ ގައުމީ ޓީމުގެ ގޮތުގައި ވާދަ ކުރާނީ އެ ޓީމެވެ. އެ މުބާރާތުގައި ޔޫރަޕްގެ އެންމެ ވަރުގަދަ ތިން ކުލަބު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި ޔުވެންޓަސްގެ 14 އަހަރުން ދަށުގެ ޓީމު ވާދަ ކުރާނެ އެވެ.

މިއަދު ހެނދުނު ފެށި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކުޅުނު ފައިނަލު މެޗަށް ފަހު ވާހަކަ ދައްކަމުން، ސެލްގާޑޮ ބުނީ ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށް އޭނާ އެހީވެދޭނެ ކަމަށެވެ.

އަންނަ އަހަރުގެ ފުޓްބޯޅަ ފިއެސްޓާ މިއަށްވުރެ ފުޅާކޮށް ބޭއްވުމަށް އޭނާ ވަނީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އަރިހުން އެދިފައިވާނެ ކަމަށެވެ.

ސަލްގާޑޯ ބުނީ މިއަދު ބޭއްވި ފިއެސްޓާއިން ވެސް ރާއްޖޭގެ ބެލެނިވެރިން ފުޓްބޯޅައަށް ސަޕޯޓް ކުރާ މިންވަރު އޭނާއަށް ފެނިގެން ގޮސްފައިވާ ކަމަށެވެ.

"އަހަރެން ފާހަގަ ކޮށްލަން މިތާނގައި މިތިބަ އަންހެނުން އެމީހުންގެ ފަރާތުން ފެނުނީ އާދަޔާ ހިލާފު ސަޕޯޓެއް،" ސަލްގާޑޯ ބުންޏެވެ. "އެމީހުން މުޅި ދުވަސް މިތަނުގައި ހޭދަކޮށް މި ކުދިންނަށްޓަކައި ދިން ސަޕޯޓަކީ އެކުދިން އަބަދުވެސް ހަނދާން ހުންނާނެ ކަމެއް،"