ރާއްޖޭގެ ފުޓްބޯޅައިގެ ޔޫތު ސިސްޓަމް ބިނާ ކުރަން ސެލްޓަ ޑެ ވީގޯގެ ފިލޯސަފީ އާއި ވެލިއުސްއަކީ ރާއްޖެއާ ވަރަށް ގުޅޭނެ ސިސްޓަމެއް ކަމަށް އެ ކުލަބުގެ ރައީސް ކާލޯސް މޮއުރީނިއޯ ވިދާޅުވެއްޖެ އެވެ.
ސެލްޓަގެ ޕާޓްނަރެއްގެ ގޮތުގައި ރާއްޖޭގެ ޓުއަރިޒަމް ބުރޭންޑް "ވިޒްޓް މޯލްޑިވްސް" ހެދުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށް އިއްޔަ ސްޕެއިންގެ އުތުރު ހުޅަނގުގެ ސިޓީ ވީގޯގެ ހުންނަ ސެލްޓަގޯ ހެޑްކުއާޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މޮއުރީނިއޯ ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ ޔޫތު ޑިވްލަޕްމެންޓް ބިނާ ކުރަން އެ ކުލަބުން އެހީވާނެ ކަމަށެވެ.
"އަހަރެެމެންގެ އެއްބާރުލުން ދިވެހިރާއްޖެއަށް ލިބިގެން ދާނީ ހަމައެކަނި ޓުއަރިޒަމްގެ ލެވަލަކުންނެއް ނޫން،" ދިވެހިންނަށް ދޭން އޮތް މެސެޖަކީ ކޮބައިތޯ ރާއްޖޭގެ މީޑިއާ އިން ސުވާލު ކުރުމުން މޮއުރީނިއޯ ވިދާޅުވި އެވެ. "ސްޕެއިންގެ އެންމެ މަތީ ޑިވިޝަން ކުލަބަކާއެކު ރާއްޖެއިން މަސައްކަތް ކުރަން ފެށުމަކީ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ސަމާލުކަމެއް، ކަލޭމެންނަށްވެސް އެނގޭނެ ފަދައިން ސްޕެއިން އަކީ ވަރަށް ފުޓްބޯޅައަށް ފޯރި ހުންނަ ގައުމެއް، އަދި ރާއްޖޭގެ ޔޫތު ސިސްޓަމް ބިނާ ކުރުމަށް ސެލްޓަވީގޯއިން ބޭނުން ކުރާނީ ކާމިޔާބު ހޯދިފައިވާކަން ސާބިތު ވެފައިވާ މެތޮޑްތަކާއި ވެލިއުސް."
ތިން އަހަރު ދުވަހުގެ މުއްދަތައް ހަދާ މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ސެލްޓަވީގޯ އާއެކު ހެދި އެއްބަސްވުމަކީ ރާއްޖޭގެ ކުރިމަގުގެ ޖީލް ބިނާ ކުރަން ފެށިގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
"އަހަރެމެންނަކީ ވަރަށް ކުޑަ ގައުމެއް، އެހެންނަމަވެސް އަހަރެމެންނަކީ ވަރަށް ބޮޑެތި ކަންތައްތައް ހާސިލު ކުރުމަށް އުންމީދު ކޮށްގެންތިބި ބައެއް، އަލީ ވަހީދު ވިދާޅުވި އެވެ. "އަހަރެމެން އުންމީދު ކުރަނީ ސެލްޓަ އާ އެކު ކުރެވޭ މަސައްކަތުން އަހަރެމެންނަށް ބޮޑެތި ކަންކަން ހާސިލު ކުރެވޭނެ ކަމަށް."
މިނިސްޓަރު ވިދާލުވީ ސެލްޓަ ވީގޯގެ އުސޫލުތަކަކީ ބަލައިގަންނަ އުސޫލުތަކެއް ކަމަށާއި ވީގޯގައި އިއްޔަ ހެދުނު އެއްބަސްވުމުގެ ފައިދާ ރާއްޖޭގެ ކުރިމަގުގެ ޖީލްތަކަށް ކުރާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ ފައިދާ ލިބިގެން ދާނީ ހަމައެކަނި ފުޓްބޯޅައަށް އެކަނި ނޫން ކަމަށާއި އެހެން ކުޅިވަރުތަކަށްވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، ސެލްޓަވީގޯ އާއެކު ކުރާ މަސައްކަތުގެ ދަށުން ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ސެލްޓަވީގޯގެ އެކެޑެމީއަށް ފޮނުވައިގެން ޓްރޭނިން ހެދުމުގެ ފުރުސަތާއި ދިވެހި ކޯޗުންނާއި ސްޕޯޓްސް މެޑިކަލްދާއިރާގެ މީހުން ތަމްރީން ކުރުމަށް ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.
"އަޅުގަނޑުމެން ފަށާފައި ވާ މަސައްކަތް ޓްވޯޑްސް ފިއުޗާގެ ބެނާގެ ދަށުން މިކުރާ މަސައްކަތުގައި އަޅުގަނޑުމެން ޑިވްލަޕްމެންޓަށް މަސައްކަތްތަކެއް ކުރާއިރުގައި ސެލްޓަވީގޯ އާއެއްކޮށް އަޅުގަނޑުމެންނަށް ޑިވްލަޕްމެންޓަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ،" ބައްސާމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޔޫތު ސިސްޓަމް ނުވަތަ ތުއްތުއިރު ކުދިން މިކޯޅަށް ފޮނުވާ ތަޖުރިބާތަކެއް ހޯދުމާއި އަޅުގަނޑުމެންގެ ކޯޗުން މިކޮޅަށް އައިސް ތަޖުރިބާ ހޯދުމާ އަޅުގަނޑުމެންގެ މެޑިކަލް ބޭފުޅުން މިކޮޅަށް އައިސް ތަޖުރިބާ ހޯދުމުގައި އެހީތެރިކަން ލިބިގެންދާނެ، މިއީ ޖުމުލަކޮށް މުޅި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި އެޅިގެންދާ ބޮޑު ފިޔަވަޅެއް"