އެމެރިކާއާ ހުރިހާ ގޮތަކުން އަރާ ހަމަކޮށް ދުނިޔޭގެ އެއްވަނަ ގައުމަށް ވާން މަސައްކަތް ކުރާ ގައުމުތަކުގެ ތެރޭގައި ޗައިނާ ހިމެނެ އެވެ. އެމެރިކަ އާއި ޗައިނާ ބައިނަލްއަގްވާމީ މައިދާނުގައި ސިފަވެފައި ވަނީ ދެ ހަތުރުންގެ ގޮތުގަ އެވެ. އިއްޔެގެ ވަގުތެއްގައި ޗައިނާއިން ވަނީ މިހާތަނަށް ހަމައެކަނި އެމެރިކާއަށް ލިބިފައިވާ ޝަރަފެއް އަތުލާނެ ކަމަށް ވެސް ބުނެފަ އެވެ.
ޗައިނާއިން އިއްޔެ ވަނީ އިންސާނުން ހަނދަށް ގެންދާނެ އުޅަނދު ދައްކާލައި އޭގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށް ބުނެފަ އެވެ. އަދި އަންނަ އަހަރު ފަހުކޮޅު އިންސާނުންނާއެކު ހަނދަށް އުޅަނދު ދަތުރު ކުރާނެ ކަމަށް ބުނެފަ އެވެ. އިންސާނުން ހަނދަށް ފޮނުވި ހަމައެކަނި ގައުމަކީ މިހާތަނަށް އެމެރިކާ އެވެ.
އިންޑިއާއިން ވެސް ދަނީ ޖައްވީ ރޭހުގައި އެމެރިކާއާ އަރާ ހަމަ ކުރުމުގެ މަސައްކަތް ކުރުމުގެ ގޮތުން ދެ ފަހަރެއްގެ މަތިން އިންސާނުނާ ނުލާ ޖައްވީ އުޅަނދު ޗަންދްރިޔާ 1 އަދި ޗަންދްރިޔާ 2 ހަނދަށް ފޮނުވާފަ އެވެ. މިއިން އެއްވެސް އުޅަނދަކަށް ހަނދަށް ޖެއްސުމުގެ ނަސީބެއް ނުލިބެ އެވެ. ދެން ވާދަ ކުރާ ޗައިނާއިން އިންސާނުންނާއެކު ޖައްވީ އުޅަނދު ހަނދަށް ފޮނުވާނެ ކަމުގެ ޔަގީން އެމެރިކާގެ ނާސާއަށް އެބަ އޮތެވެ. އެކަމަކު އެ ޔަގީންކަން އިންޑިއާގެ ޗަންދްރިޔާ 2 ފޮނުވާލި އިރަކު ނާސާއަކަށް ނެތެވެ.
ޗައިނާ އެކަޑަމީ އޮފް ސްޕޭސް ޓެކްނިލޮޖީ (ސީއޭއެސްޓީ) ނުވަތަ ކާސްޓުން އިއްޔެ ދައްކާލި އުޅަނދަކީ ހަނދަށްވުރެ ދުރަށް ދަތުރު ކުރުމުގެ ގާބިލްކަން ލިބިގެންވާ އުޅަނދެކެވެ. ކާސްޓުން ބަނުމުގެ މަސައްކަތް މިހާރު ކުރަމުންދާ އުޅަނދުގެ އެހީގައި އަލަށް ހޯދިފައިވާ ޕްލެނެޓުތަކަށް ވެސް ދަތުރު ކުރެވޭނެ އެވެ. އަލަށް ހޯދުނު ޕްލްނެޓުތަކަށް ނަން ދީފައި ވިޔަސް ޕްލެނެޓުތަކާބެހޭ ގޮތުން މައުލޫމާތެއް ހޯދާކަށް އެއްވެސް ބަޔަކު އަދިއެއް ނޫޅެ އެވެ.
އަންނަ އަހަރު އިންސާނުން ހަނދަށް ގެންދާ އުޅަނދުގައި ދެ ބައެއް ހުރެ އެވެ. އެއް ބަޔަކީ އުޅަނދުގެ އިންޖީނަށް ބޭނުންވާ ހަކަތަ ފޯރުކޮށް ދިނުމުގެ ގޮތުން ތައްޔާރުކުރި ބައެކެވެ. އަނެއް ބަޔަކީ އުޅަނދުގައި ދަތުރުކުރާ އިންސާނުންނަށް ހާއްސަ ކޮށްގެންނާއި ދިރާސާތައް ކުރިއަށް ގެންދަން ތައްޔާރުކުރި ބައެކެވެ. އެ ބައިގައި ޖައްވުގެ ދިރާސާތައް ކުރަން ބޭނުންވާ ހުރިހާ ސާމާނުތަކެއް ހުންނާނެ ކަމަށް ކާސްޓުން ބުނެފައި ވެއެވެ.
މި އުޅަނދު ބަނދެ ނިމޭއިރު ހުންނާނީ ގުޅިފައިވާ ދެ ސްޕޭސް ރޮކެޓްގެ ސިފައިގަ އެވެ. މި އުޅަނދަށް އެއްފަހަރާ 20 ޓަނުގެ މުދާ އުފުލޭނެ އެވެ.
ކާސްޓުން މި އުޅަނދު ތައްޔާރު ކުރާނީ އެއް ފަރަހަށް ވުރެ ގިނަ ފަހަރު ބޭނުން ކުރެވޭ ގޮތަށެވެ. ބޭނުމަކީ ޖައްވީ މިޝަންތަކުގައި މި އުޅަނދު ބޭނުންކޮށް މިޝަންތަކަށް ހޭދަ ކުރަން ޖެހޭ ފައިސާގެ ހޭދަ ކުޑަ ކުރުމެވެ. ނަމަވެސް މި އުޅަނދު ބަންނަނީ ކޮންކަހަލަ މެޓީރިއަލަކުން ކަމެއް ކާސްޓުން ނުބުނެ އެވެ. މި އުޅަނދަށް ނަމެއް ދޭނީ އުޅަނދު ބަދެ ނިމުމުންނެވެ. މީގެ ކުރިން މި އުޅަނދު މައުލޫމާތު ޗައިނާއިން އޮތީ ސިއްރުކޮށްފަ އެވެ.
ސުވާލަކީ ޖައްވީ ރޭހުގައި ޗައިނާ ކުރި އަރައިގެން ދިޔުމުގެ ފުރުސަތު އެމެރިކާ ދީފާނެ ހެއްޔެވެ؟
މި އުޅަނދު ބަންނަމުންދާ ކަމުގެ މައުލޫމާތު ނާސާއަށް ލިބުމާއެކު 2021 ވަނަ އަހަރު މާސްއަށް އިންސާނުން ފޮނުވުމަށް ހާއްސަ ކޮށްގެން ނާސާއިން ވެސް ދަނީ ޖައްވީ އުޅަނދެއް ބަންނަމުންނެވެ. އެހެންކަމުން ޗައިނާއިން އިންސާނުން ހަނދަށް ފޮނުވިޔަސް އެމެރިކާ ވައްޓާލެވިދާނެ ކަމަށް އަދިއެއް ނުބެލެވެ އެވެ. އެކަމަކު ހުރިހާ ރޭހެއްގައި އެމެރިކާ ފުލުގައި ވިއްދައިގެން އޮވެވޭނެ ހަމައެކަމި ގައުމަކީ ޗައިނާ އެވެ.