ލައިފްސްޓައިލް

ގެވެށިއަނިޔާގައި މަރުވި 440 އަންހެނުންގެ މެމޯރިއަލް!

ގެވެށިއަނިޔާއަކީ މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑުވެފައިވާ މައްސަލަ އެކެވެ. ފިރިމީހާގެ އަނިޔާއިން ގެއްލިގެންދާ ފުރާނަތައް ގިނަވެފައިވާއިރު ތުރުކީގެ އާޓިސްޓަކު އޭނާގެ ހުނަރު ބޭނުން ކޮށްގެން މި މައްސަލަ ގޯސްވެފައިވާ މިންވަރު ބަޔާން ކޮށްދިނުމުގެ ގޮތުން ތައްޔާރު ކޮށްފައިވާ މެމޯރިއަލް އަކުން ގިނަ ބަޔަކަށް ވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފަ އެވެ.

އާޓިސްޓް އަދި ގްރެފިކް ޑިޒައިނާ ވާހިތު ތޫނާގެ ތަނަވަސް ޚިޔާލުން މި މެމޯރިއަލް ތައްޔާރު ކޮށްފައި ވަނީ ޖެހިޖެހިގެން ހުރި ވަރަށް އުސް ދެ ބިލްޑިންގެއްގައި އަންހެނުންގެ ފައިވާން ޖޯޑުތަކެއް އެލުވައިގެންނެވެ. މިއން ކޮންމެ ފައިވާން ޖޯޑަކީ ގެވެށި އަނިޔާގައި މަރުވި އަންހެނެއްގެ ހަނދާނެވެ. އެގޮތުން 440 ފައިވާން ޖޯޑު އެލުވާފައި ވެއެވެ. މިއީ ފިރިމީހާ އަނިޔާ ކުރުމުގެ ސަބަބުން 2018 ވަނަ އެކަނި ތުރުކީގައި މަރުވި މީހުންގެ އަދަދެވެ.

އަނބިމީހާއަށް ފިރިމީހާގެ ފަރާތުން ބޮޑެތި އަނިޔާތައް ލިބުމަކީ ތުރުކީގައި މިހާރު ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. ނަމަވެސް ހިތާމައަކީ އާންމުން މިކަމާ މާ ބޮޑަށް އަޅާނުލާ ހަނު ހިމޭނުން ތިބޭތީ އެވެ.

އިސްތަންބޫލްގެ ކަބަޓަސް އަދި ބެޔޮގްލޫ ޑިސްޓްރިކްޓްގައި ހުރި ދެ ބިލްޑިންގް އެއްގައި މި ފައިވާންތައް އެލުވާފައި ހުރުން ވެގެން ގޮސްފައިވަނީ ގިނަ ބަޔަކު މި މައްސަލައަށް ލޯ ހުޅުވެން މެދުވެރިވީ ކަމަކަށެވެ. މިކަމަށް މި ދެ ބިލްޑިންގް ޚިޔާރުކުރީ އެ ހިސާބަކީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު އެއްވާ ހިސާބަކަށް ވާތީ ކަމަށް އާޓިސްޓް ބުންޏެވެ.

"މިހިސާބު ހުރަސް ކޮށްފައި ދާ ކޮންމެ މީހަކަށް ވެސް މި މަސައްކަތް ފެނުން އަހަރެމެން ބޭނުންވަނީ. އެހެންވެ ބަންދު ތަނެއްގައި މައުރަޒެއް ގޮތަށް މިކަން ކުރަން ބޭނުން ނުވީ،" ވާހިތު ބުންޏެވެ.

ކަޅު ބޫޓުތައް އެލުވުމުގައި ވެސް ވަރަށް ފުން މާނަތަކެއް އެކުލެވިގެން ވެއެވެ. ތުރުކީގައި ގެވެށި އަނިޔާގައި މަރުވާ މީހުންގެ ގޭގެ ބޭރު ފާރުގައި އެ މަރުވި މީހާ އެރި ބޫޓެއް އެލުވުމަކީ އާދަކާދައިގެ ގޮތުން މިހާރުވެސް ކޮންމެވެސް ވަރަކަށް އެ ގައުމުގެ މީހުން ކޮށްއުޅޭ ކަމެކެވެ. ވާހިދު ކަޅު ބޫޓު ޚިޔާރުކުރީ އަންހެނުންގެ މިނިވަންކަމާއި ބާރުގެ ސިމްބަލް އެއްގެ ގޮތުންނެވެ. ހިތާމައަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވެ މި ހުރިހާ މީހުން ވަނީ ދިރިއުޅުމުން މަހްރޫމް ވެފަ އެވެ.
މި ބޫޓުތަކުގެ ޑިސްޕްލޭ ހަ މަސް ވަންދެން މިގޮތަށް ބަހައްޓަން ވަނީ ހަމަޖެހިފަ އެވެ.

މި ޚަބަރު ސޯޝަލް މީޑިއާގައި ވައިރަލްވެ ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން މި ޑިސްޕްލޭ އަށް ވަނީ ލިބިފަ އެވެ. އަދި މި ނާޒުކު މައްސަލައަށް މީހުންގެ ސަމާލުކަން ހޯދަން ވާހިތު ކުރި މި މަސައްކަތް ގިނަ ބަޔަކު ވަނީ ޝުކުރުވެރިކަމާއެކު ބަލައިގެން އޭނާއަށް ތައުރީފާއި ޝުކުރު އަދާކޮށްފަ އެވެ.

"އެމީހުންގެ ފިރިންގެ އަނިޔާވެރިކަމުން 440 މީހުން މަރުވިއްޔޭ؟ މިއީ ހަގީގަތުގައި ވެސް ހިތް ހަލާކުވާ ކަހަލަ ވާހަކައެއް. ތުރުކީގައި އާއްމުވެފައިވާ ގެވެށި އަނިޔާގެ މައްސަލައާ ދެކޮޅަށް މީހަކު އެމީހުން ހޭލުންތެރިކަމުގެ މަސައްކަތެއް ކޮށް ގިނަ ބަޔަކަށް މި މެސެޖު ރައްދުކޮށްދިނީތީ އުފާކުރަން،" ސޯޝަލް މީޑިއާގައި މި ޚަބަރަށް ކޮމެންޓްކުރި އެކަކު ބުނެފައި ވެއެވެ.