ރާއްޖެ ކުޅިވަރު

ބަކާ މިއަންމާގެ ކްލަބަކަށް ސޮއިކޮށްފި

ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) މިއަންމާގެ ޕްރިމިއާ ލީގްގެ ކްލަބެއް ކަމަށްވާ ކަންބަވްޒާ ފުޓްބޯލް ކްލަބް (ކޭބީޒެޑް) އަށް މިއަދު ސޮއިކޮށްފި އެވެ.

ބަކާ "އަވަސް" އަށް ބުނީ އޭނާ ކޭބީޒެޑް އަށް ސޮއިކުރީ އެއް އަހަރު ދުވަހަށް ކަމަށެވެ.

"ބޭރުގެ ކްލަބަކަށް ކުޅުމަކީ އަބަދުވެސް ބޭނުންވާ ކަމެއް. މިކަމުގެ ސަބަބުން އިތުރު ހުނަރާއި ފުރުސަތުތަކެއް ލިބިގެން ދާނެ ކަމަށް ގަބޫލުކުރަނީ،" ބަކާ ބުންޏެވެ.

މިހާރު މިއަންމާގައި ހުރި ބަކާ ސޮއިކުރި ކްލަބުން 2013 ވަނަ އަހަރު ވަނީ މިއަންމާ ފެޑެރޭޝަން ކަޕް 2013 ވަނަ އަހަރު ކާމިޔާބުކޮށްފަ އެވެ. އަދި އެއީ 2012 ވަނަ އަހަރުގެ މިއަންމާ ނެޝަނަލް ލީގުގެ ރަނައަޕެވެ.

އައިއެފްސީން ކެރިއަރު ފެށި ބަކާ ފާއިތުވި ދެ ސީޒަންގައި ކުޅުނީ މާޒިޔާއަށެވެ. "ހަވީރު"ގެ މޮޅު ކުޅުންތެރިޔާގެ މަގާމު 2010 ވަނަ އަހަރު ހޯދި ބަކާ ގެންދަން މާޒިޔާ އާއި ނިއު އިން ވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ވަނީ އެނގިފަ އެވެ. ބަކާ ވަނީ މީގެ ކުރިން ވީބީ އައްޑޫ އެފްސީ، ނިއު ރޭޑިއަންޓް، ވެލެންސިޔާ، ވިކްޓަރީ އަދި އީގަލްސް އަށް ވެސް ކުޅެފަ އެވެ.

ބަކާ ބޭރުގެ ކްލަބަކަށް ސޮއިކޮށްފައި ވާއިރު ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް މިހާރު ކުޅެމުން ދަނީ މެލޭޝިއާގެ ކްލަބެއް ކަމަށްވާ ޕީޑީއާރްއެމް އަށެވެ.