ހަބަރު

ގެވެށި އަނިޔާ ލިބޭ މީހުންނަށް މާލީ އެހީ ދެނީ

Oct 3, 2019
1

ކުރިއަށް އޮތް ހަރަތު އަހަރުގެ ތެރޭގައި ގެވެށި އަނިޔާ ލިބޭ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފަށަން ސަރުކާރުގެ އެކްޝަން ޕްލޭނުގައި ހިމަނައިފި އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ލޯންޗުކުރި އެ ޕްލޭން އެކުލަވާލާފައިވަނީ ކޯލިޝަންއިން ނެރުނު ޖަޒީރާ މެނިފެސްޓޯގައި ހިމެނި ކަންކަން މި ފަސް އަހަރު ތެރޭގައި ކުރާނެ ގޮތުގެ ތަފްސީލްތައް ހިމަނައިގެންނެވެ. ޕްލޭން އެކުލަވާލުމުގައި ކަންކަމާ ގުޅޭ ތަޖުރިބާކާރުންނާއި މަދަނީ ޖަމިއްޔާތަކުގެ ހިޔާލު ހޯދި އެވެ.

ޕްލޭން އެކުލަވާލާފައިވަނީ މައިގަނޑު ފަސް ކަމެއްގެ މައްޗަށެވެ. އެއީ ނޫ އިގްތިސޯދާއި އޯގާތެރި ސަރުކާރާއި ޖަޒީރާ ދިރިއުޅުމާއި ހެޔޮ ވެރިކަމާއި ފަހުރުވެރި އާއިލާގެ މައްޗަށެވެ. ޕްލޭން މިހާރު ރައީސް އޮފީހުގެ ވެބްސައިޓުން ފެންނަން ހުންނާނެ އެވެ.

މިގޮތުން ހެޔޮ ވެރިކަމުގައި ހިމަނާފައިވާ މުހިންމު ކަންތައްތަކުގެ ތެރެއިން އެއް ކަމަކީ ގެވެށި އަނިޔާ ލިބޭ މީހުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. ޕްލޭނުގައިވާ ގޮތުން 2023 ގެ ނިޔަލަށް ގެވެށި އަނިޔާ ލިބިފައިވާ މީހުންގެ ތެރެއިން އެހީ ބޭނުންވާ މީހުންނަށް އިމަޖެންސީ ފަންޑުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މީގެއިތުރުން އަންހެނުންގެ ދައުރު އިތުރު ކުރުމަށް ވެސް ކަންކަން ހިމަނާފައިވެ އެވެ. އެގޮތުން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން 25 ޕަސެންޓް މީހުންނަކީ އަންހެނުންނަށް ހެދުމަށް ވަނީ އަމާޒު ހިފާފަ އެވެ. ބިޒްނަސް ޑިވެލޮޕްމެންޓް ސެންޓަރުންތަކުން ހިންގާ ތަމްރީނު ހަރަކާތްތަކުގައި ބައިވެރިވާ މީހުންގެ ތެރެއިން 50 ޕަސެންޓް މީހުންނަކީ ވެސް އަންހެނުންނަށް ހެދުމަށް އަމާޒު ހިފާފައިވެ އެވެ.