ވިޔަފާރި

މި އަހަރުގެ މިހާތަނަށް 19 ރިސޯޓެއް ހުޅުވައިފި

މި އަހަރުގެ މިހާތަނަށް 19 ރިސޯޓެއް ރާއްޖޭގައި ހުޅުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ކްރޮސްރޯޑް މޯލްޑިވްސް- އެނބޫދޫ ފަޅުގައި ކުރިއަށްދާ، ޓޫރިޒަމް ކޮންފަރެންސުގައި މިނިސްޓަރު އަލީ ވިދާޅުވި ގޮތުގައި މިހާތަނަށް 19 ރިސޯޓެއް ހުޅުވާފައިވާ ކަމަށާ، އަދި މި އަހަރު ހުޅުވާ 20 ވަނަ ރިސޯޓު ހުޅުވިގެންދާނީ އައްޑޫ ސިޓީގައި ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތްދޭ 869 ތަނެއް އެބަހުއްޓެވެ. މީގެތެރޭގައި 154 ރިސޯޓާއި 12 ހޮޓަލާއި 549 ގެސްޓްހައުސް އަދި 103 ސަފާރީ ހިމެނެ އެވެ. އަދި މި ތަންތަނުގައި ހުރި ޖުމްލަ އެނދުގެ އަދަދު ވަނީ 47,824 އަށް އަރާފަ އެވެ.

މި އަހަރު ގިނަ ރިސޯޓުތަކެއް ހުޅުވަމުންދާއިރު، މި ރަށްތަކަކީ މިދިޔަ ސަރުކާރުގައި ޓޫރިޒަމަށް ދޫކުރި ރަށްރަށެވެ. މި މުއްދަތުގައި ޓޫރިޒަމަށް 30 ފަޅެއްވެސް ދޫކޮށްފައިވެ އެވެ.