(1 އޮކްޓޯބަރ 2019 އާ ގުޅޭ)
ފޯނަށް ބަލަން ދާރިއަންއަށް އިދެވުނީ ކިހާ އިރަކު ކަމެއް ވެސް ނޭނގެއެވެ. ހޭޒަލް ފޮނުވި މެސެޖުގައި ޚާއްޞަ އެއްޗެއް ބުނެފައެއް ވެސް ނެތެވެ. އެހެންނަމަވެސް ތަކުރާރުކޮށް އެ މެސެޖުތައް ދާރިއަން ކިޔެވެ. އޭނާ އެ އިނީ ހޭޒަލްގެ އަޑު އަހާލަން ވަރަށް ބޮޑަށް ބޭނުންވެފައެވެ. އެހެންނަމަވެސް އިސްވެ ގުޅާނޭ ހިތްވަރެއް ނެތިފައެވެ. އަމިއްލަ ޟަމީރު ދެކޮޅު ހަދަނީ ހޭޒަލްއަކީ މީހެއްގެ އަނތްބެއްކަށް ވާތީއެވެ. ލިބެންނެތް އުފަލަކަށް އިންތިޒާރު ކުރެވެންވީ ސަބަބެއް އެއްގޮތަކަށް ވެސް ދާރިއަންއަކަށް ނުވިސްނެއެވެ. ޟަމީރު ކޮންމެ ގޮތަކަށް ވިސްނިޔަސް އޭނާގެ ހިތަށް އެކަންކަން ވިސްނައެއް ނުދެވުނެވެ.
* * * * *
ޝިޔާނާއި ލިއަމް ވާހަކައިގަ ތިއްބާ ހޭޒަލްއަށް ފޯނުކޯލެއް އައެވެ. އޭނާ އެ ކޯލަށް ޖަވާބު ދިނުމާއެކު ލިއަމްގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. އޭނާ ކާކުތޯ އަހާނުލަނީސް ހޭޒަލްއަށް ގުޅީ ނަޝާ ކަމުގައި ބުނެލިއެވެ. އަދި އޭނާ ފޯނުން ވާހަކަދެއްކުމަށް ނުކުތީ ސިޓިންރޫމުން ނުކުމެވެން ހުރި ބެލްކަންޏަށެވެ.
"ކޮބާ ތީނަ؟ ޚަބަރެއް ވެސް ނުވޭ... ލިއަމް މިސްވެފަ ހުރިވަރުން ދޯ..." ނަޝާގެ އަޑު އިވުނެވެ.
"ކިހިނެއްވީ؟..." ހޭޒަލް އަހާލިއެވެ.
"ކަމެއްނުވޭ، ޒެއްލުގެ ހާލު ބަލާލަން ގުޅާލީ، އަނެއްކާ ނުބައި ވަގުތެއްގަ މިގުޅުނީ" ނަޝާ އަހާލިއެވެ.
"ނޫން!ނޫން!... ލިއަމްގެ ރައްޓެއްސެއް އައިސްގެން އޭނާ އިނީ ބޮޑު ސްޓޯރީގަ ޖެހިފަ" ހޭޒަލް ބުންޏެވެ.
"އޭތް! ތި ރަށް ކިހިނެއްވަނީ؟ ކީއްވެތަ މިފަހަރު ފޮޓޯކޮޅެއް ޝެއާނުކޮށްލަނީ... އެހެންޏާ ޒެއްލު ތަނަކަށް ގޮސްފިއްޔާ އެތަނެއްގެ ޕްރޮމޯޝަން އަޅުވާނެ" ނަޝާގެ އަޑުގައިވީ ސަމާސާގެ އަސަރެވެ.
"ރަށް ސަޅި، ފޮޓޯ ނަގާ ކަހަލަ މޫޑެއްނެތީ..." ހޭޒަލް އާދައިގެ ގޮތަކަށް ބުނެލިއެވެ.
"މޫޑު ނެތެންވީ ކީއްވެ، ދެމީހުން ކޮޓަރިން ވެސް ނުނިކުންނަނީ ދޯ... އަހަންނަށް އެނގޭ ލިއަމް ވެސް ލައްކަ ކުޅިވަރު ހުންނާނޭކަން، އެހެންވެތާ ޒެއްލު އެ ގެންދިޔައީ" ނަޝާ ހީނގަތެވެ.
"އޭތް! ފަސް ދުވަސް ފަހުން އަހަރެން މާލެ ދަން، ދެވުނީމަ ތީނައަށް ގުޅާނަން ކޮފީއަކަށް އަރަން، ހަމަޖެހިގެން ވާހަކަދެއްކޭނީ އޭރުން" ހޭޒަލް ބުންޏެވެ.
"ލައްކަ ވާހަކަ ހުރީތަ؟" ނަޝާ އަހާލިއެވެ.
"ތިކޮޅަށް ގޮސްފަ ކިޔާދޭނަން" ހޭޒަލް ބުންޏެވެ.
"އޯކޭ... ލިއަމްއަށް ސަލާމް ބުނާތި" ހޭޒަލް މާގިނަ ވާހަކަތަކެއް ދައްކަން ބޭނުންނުވާހެން ހީވެ ނަޝާ ފޯނުކޯލު ކުރުކޮށްލީއެވެ.
ފޯނުކޯލު ނިންމާލާފައި އެތެރެއަށް ހޭޒަލް ވަންއިރު ލިއަމް ދައްކަނީ މާލެ ދާންވާއިރަށް ނިންމަން ހުރި ކަންތައްތަކުގެ ވާހަކައެވެ. އޭނާ މާލެދާން ފުރާނީ ހޭޒަލް މާލެދާތާ ދެތިން ދުވަސް ފަހުންކަމުގައި ބުންޏެވެ. ސްޓޭޝަންގަ އޭނާ ނިންމަންޖެހޭ ބައެއް ކަންކަން ހުރީމަކަށް ބުންޏެވެ. ޝިޔާނު ލާންޗު ހަމަޖައްސަންޖެހޭ ދުވަހަކާއި ގަޑި ކުރީބައިގަ އޭނާއަށް އަންގާލަ ދިނުމަށް ބުންޏެވެ. ޝިޔާނާއި ލިއަމް ދައްކާ ވާހަކަ ހޭޒަލް އަޑުއަހަން އިންއިރު އެއިން އެއްވެސް ކަމަކާ އޭނާ އެއްޗެކޭ ނުބުނެއެވެ. ޝިޔާނު ނުކުމެގެން ދިޔައީ ފުދޭ ވަރަކަށް ލަސްވެފައި ހުއްޓައެވެ. އާފުރެމުންދިޔަ ހޭޒަލްއަށް އޭނާ ނިދާ ގަޑި ޖެހެނީކަން އެނގުނެވެ. އެހެންވިޔަސް ބޭނުންވީ ލިއަމްއާއެކު ކޮޓަރިއަށް ވަންނާށެވެ.
"ޒެއްލި... މިއަންނަނީ ޝިޔާނާއެކު ގޭޓާ ހަމައަށް ގޮސްލާފަ" ލިއަމް ބުންޏެވެ. ހޭޒަލް ބޯޖަހާލީއެވެ.
ޝިޔާނާއެކު ލިއަމް އެޕާޓްމެންޓުން ނުކުތުމުން ހޭޒަލް އައިސް މަޑުކޮށްލީ ސިޓިންރޫމުން ނުކުމެވެން ހުރި ބެލްކަނީގެ ފާރުބުރި ކައިރީއެވެ. އެތާ ހުންނައިރު ގޯތީތެރޭގެ ބޮޑުބަޔަކާއި ވަދެނުކުމެވާ ގޭޓު ވެސް ރީތިކޮށް ފެނެއެވެ. ގޯތިތެރޭގައި ޖަހާފައި ހުރި އޮރެންޖު ކުލައިގެ ބޮކި ދަނޑިތަކުގެ އަލި ދުރަށް ފެތުރިފައި ވެއެވެ. އިރުކޮޅަކު އެތަނުގައި ހުއްޓާ ޝިޔާނާއެކު މަޑު ހިނގުމެއްގަ ލިއަމް ދާތަން ފެނުނެވެ. އެމީހުން ގޮސް ގޭޓު ކައިރީ މަޑުކޮށްލައިގެން ތިއްބެވެ. ކޮންމެވެސް ވާހަކައެއް އެމީހުން އެތަނުގައި ތިބެ ދެއްކުމަށްފަހު ޝިޔާނު މަގަށް ނުކުމެއް ފާރު ކައިރީ ބެހެއްޓި ސައިކަލަށް އަރައި ދުއްވާލިއެވެ. ލިއަމް ގޭޓު ލައްޕާލާފައި އިމާރާތާ ދިމާއަށް އަންނަމުން އިސް އުފުލައި ބަލާލިއެވެ. ހޭޒަލް ހުރިކަން އޭނާއަށް އެނގިގެން ބަލާލި ކަހަލައެވެ.
އެޕާޓްމެންޓަށް ވަދެ ދޮރު ލައްޕާ ތަޅުލުމަށްފަހު ބެލްކަންޏަށް ލިއަމް ނުކުތެވެ. ހޭޒަލްގެ ފުރަގަހުން ބައްދާލައިގެން ހުރެ އޭނާގެ ކޯތާފަތުގައި ލިއަމް ބޮސްދިނެވެ. ލޯބިވާކަން ހާމަކޮށްލިއެވެ.
"ހަނދު ވެސް ނެތް ދުވަސްކޮޅެއް ދޯ... އެހެންނޫންނަމަ ކިހާ ރޮމޭންޓިކްވާނެ" ހޭޒަލް އުޑުމައްޗަށް ބަލަން ހުރެ ބުނެލިއެވެ.
"ޒެއްލު ތިހެން ގާތުގަ ހުރީމަ ވެސް ހާދަ ރޮމޭންޓިކްއޭ" ލިއަމް ބުންޏެވެ. ލުއި ހީނލުމާއެކު ހޭޒަލް ދުރަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. ރޭގަނޑުގެ އަނދިރީގަ މާގިނަ ތަންތަނެއް ވަކިކުރާކަށް ނޭނގެއެވެ.
"ކޮންކަމަކާ ތިވިސްނަނީ" ހޭޒަލް އަނގައިން ނުބުނެ ގިނައިރުވުމުން ލިއަމް އަހާލިއެވެ.
"މިކޮޅަށް އައިސް މާބޮޑުކަމެއްނުވަނީސް އަނެއްކާ އެނބުރި ދާންޖެހުނީއޭ... ހިތަށް އަރަނީ އަހަންނާއެކު ލިއަމް ވެސް ދާނެނަމައޭ، ނޫނީ ލިއަމްއާއެކު ދާން އަހަންނަށް މަޑުކުރެވޭނެނަމައޭ" ހޭޒަލްގެ ހިތުގައިވި އެއްޗެއް އޭނާ ފޮރުވުމެއްނެތި ހާމަކޮށްލިއެވެ.
"އަހަރެންގެ ލޯބި ލޯބި ޒެއްލު... ތީ އަހަރެންގެ ހުރިހާ ވެސް މީހަކީ، އަހަންނަށް ވެސް ފަސޭހައެއްނޫން ޒެއްލުއާ ދުރުގަ ހުންނާކަށް، މިހާރު ޒެއްލު ހުރީމަ އަހަރެން ސްޓޭޝަން މިދަނީ ވަރަށް ކުޑަ ވަގުތުކޮޅެއްގަ ދޯ... ކުރަންހުރި މަސައްކަތް ނިމުނަސް ނުނިމުނަސް އަވަހަށް ޒެއްލުގެ ގާތަށް އެބައަންނަން... ޒެއްލު ބުނަމެންނު ކުރާކަމެއް ކުރަންވާނީ އެކަމާވެގެން ނިކަން ފަރުވާތެރިކޮށޭ، މިހެން އުޅެމުން ކިހިނެއް އަހަރެން އެ ހުރިހާކަމެއް ނިންމާނީ، ބޭބީ!... ތީ ނުލާހިކު އަންޑަސްޓޭންޑިންގް ކުއްޖެއް... ދެން ވީހާ ދުވަހެއް ނުވާނެ ދޯ... ޒެއްލު ދިޔައީމަ އަހަންނަށް މަސައްކަތަށް ކޮންސެންޓްރޭޓް ކުރެވޭނީ، މިތާ ޒެއްލު އެކަނި ބަހައްޓާފަ އަހަރެން ގޮސް ސްޓޭޝަންގެ ހުރިހާ ވަގުތަކު އުޅެން ކަމަކު ނުދާނެ" ލިއަމް މަސައްކަތް ކުރީ ހޭޒަލްއަށް ވިސްނައިދޭށެވެ.
"މާލެއެކޭ ކޮންތަފާތެއް ހުރީ، މާލޭގަ ވެސް ލިއަމް އަބަދު އުޅެނީ އޮފީހުގައެއްނު، އަހަރެން އެކަނި ދޯ ހުންނަނީ ގޭގަ، ލިއަމް އަންނަންދެން އަހަރެން ވެއިޓްކުރަމެންނު" ހޭޒަލް ބުންޏެވެ.
"ގޭގަ ޒެއްލު ފޫސެއްނުވާނެކަން އެނގޭ... އެކަމަކު މީ... މީ ޒެއްލުއަށް މުޅިން އާ ތަނެއް ދޯ" ލިއަމް ބުންޏެވެ.
"ފޯނު އޮންނާނެއެއްނު... ކަމެއް ދިމާވެއްޖެއްޔާ ކޮންމެ އިރަކު ވެސް ގުޅޭނެ..." ހޭޒަލް ބުންޏެވެ.
"އެކަމަކު އަހަންނަކަށް ވޯކެއްނުކުރެވޭނެ... އަވަހަށް މާލެ ދެވޭނީ ވެސް އޭރުން، އެކޮޅުން ގުޅަންވާއިރަށް އަހަރެން ހުރިހާކަމެއް ފައިނަލްކޮށްފަ ހުރިއްޔާ ފަހަރެއްގަ ތަންކޮޅެއް އަވަހަށް ވެސް ދެވޭގޮތެއް ހަމަޖެހިދާނެ، ޒެއްލު ބޭނުމެއްނޫންތަ އަހަރެން އަވަހަށް މާލެ ދާން" ލިއަމް ބުންޏެވެ. ހޭޒަލްއަށް ހަތިޔާރުބަހައްޓާ އަމާންދޭން މަޖުބޫރުވިއެވެ. ގިނަ ދުވަހު އެ ރަށުގައި ލިއަމް ހުންނާކަށް ހޭޒަލް ބޭނުމެއްނޫނެވެ.
"ބޭބީ!... މޫޑީ ނުވެބަލަ... އަހަރެން ދެރަވޭ ޒެއްލު ވޮރީވަންޏާ" ހޭޒަލްގެ ގައިގާ އިހުނަށްވުރެ ބާރަށް ބައްދާލަމުން ލިއަމް ބުންޏެވެ.
"ހިނގާ އެތެރެއަށް" ލިއަމްގެ އަތުގެތެރެއިން ނުކުމެ ހޭޒަލް ބެލްކަނީގެ ދޮރުން ސިޓިންރޫމަށް ވަނެވެ. އޭނާގެ ފަހަތުން ލިއަމް އައި ދޮރުފަތް ދަމާލައި ތަޅުލިއެވެ. އަދި ހަލުވިކޮށް އައިސް ހޭޒަލްގެ އަތުގައި ހިފައި ގާތަށް ދަމާލިއެވެ.
"އަހަންނަށް އެނގޭ ޒެއްލުގެ މޫޑު ރަނގަޅުވާނީ ކިހިނެއް ހެދީމަކަން" ހޭޒަލްގެ އުނަގަނޑުގައި ލިއަމް ދެއަތުން ހިފާލިއެވެ. އަދި ލާނެތް ހިންޏެއް އައިސްފަ ހުރެ ހޭޒަލްއަށް ބަލަންފެށިއެވެ. ހޭޒަލް ބަލާލުމުން ލިއަމް ދޫނެރިލިއެވެ. ލިއަމްގެ އެ ހަރަކާތްތައް ހޭޒަލްއަށް ފަހުމްވުމާއެކު އޭނާއަށް ވެސް ހިނިތުންވެވިއްޖެއެވެ. ލިއަމްގެ މޭގައި އަތްއަޅައި ކޮށްޕާލުމާއެކު ދުވެފައި ހޭޒަލް ގޮސް ކޮޓަރިއަށް ވަނެވެ.
* * * * *
ޖެހިގެން އައި ދުވަހު ހެނދުނު ދިހައެއް ޖެހި ތަނާހެން ލިއަމްއަށް ފަރުހާދު ގުޅިއެވެ. ހޭޒަލް ފުރަނީ ކޮންއިރަކުންތޯ އޭނާ އެއްސެވެ. އޭނާ ދެން ދިނީ ދަޢުވަތެކެވެ. އެމީހުންގެ ގުރޫޕުގެ ފަރާތުން މެންދުރަށް ބޮޑު ކެއުމެއް ބާއްވައި އެ ކެއުމުގައި ހޭޒަލް ގޮވައިގެން ލިއަމް ބައިވެރިވުމަށެވެ. އެ ދަޢުވަތު ލިއަމް ޤަބޫލުކުރިއެވެ. ޝިޔާނު ވެސް އެ ގުރޫޕުގައި ހިމެނޭތީ އޭނާއާއެކު ލިއަމް ދާނަން ކަމަށް ބުންޏެވެ.
"ދުވަސްވީ މީހުން އެމީހުންގެ ތެރޭގަ ތިބޭނީ... ޒެއްލު!... އެމީހުން ފަހަރެއްގަ ނިކަން ފާޑުފާޑުގެ ވާހަކަދައްކަފާނެ، އެއިން ކަމަކަށް އަޅާނުލައްޗޭ، މި ރަށުގަ ފާހަގަކޮށްލެވޭ މީހުން އެތަނުގަ ގިނަވާނީ، އެހެންވިޔަސް ރައްޓެހިން ގޮތުގަ އުޅޭތީ އެމީހުންގެ ވާހަކަދެއްކުން ތަފާތުވާނެ" ތައްޔާރުވާން ހުރި ހޭޒަލްއަށް ބަލަން އިނދެ ލިއަމް ބުންޏެވެ.
"އަނގަ ހުތުރުވާނޭ ދޯ ތިބުނީ... ބާޒާރުމަތީ ބަހުރުވައިން ވާހަކަނުދެއްކިއްޔާ ނުވޭތަ؟" ހޭޒަލް ބުނެލިއެވެ. އެއާއެކު ލިއަމް ޖަހާލީ ހިނިގަނޑެކެވެ.
"ބޭބީ އެއީ މަޖަލޭ... އެމީހުން އެހެން ވާހަކަދައްކާތީއޭ އަހަންނަށް ވެސް އެކަހަލަ އެއްޗެހި ބުނެލެވެނީ، ޒެއްލުއާ އެގޮތަކަށް ވާހަކައެއްނުދައްކާނެކަން އެނގެއެއްނު، ތީ މަގޭ ލޯބިގަނޑެއްނު" ހިނިއައިސްފައި އިނދެ ލިއަމް ބުންޏެވެ.
"އޯކޭ... އޯކޭ..." ހޭޒަލް ބުނެލިއެވެ.
ހުދުކުލައިގެ ލޭސް ބްލައުޒުކޮޅާއެކު ސްކިނީ ޑެނިމް ޖީންސުގައި ހުރި ހޭޒަލްގެ އިސްތަށިގަނޑު އޮތީ ދޫކޮށް ގަތާލާފައެވެ. ލިއަމް ވެސް ހުރީ ޑެނިމް ސޯޓަކާއެކު މަޑުކުރީމް ކުލައެއްގެ ޓީޝާޓެއް ލާފައެވެ. އަޅާފައި ހުރި އަވި އައިނުން ދެ މީހުންގެ ލޯ ވެސް ވަނީ ފޮރުވާލެވިފައެވެ. އިމާރާތުގެ ދޮރުމަތީ މަޑުކޮށްލައިގެން ތިއްބަ ޝިޔާނު ސައިކަލުގަ އައިސް ގޭޓު ކައިރިއަށް މަޑުކޮށްލިއެވެ. ރަސްމީ ހެދުމުގައި ހޭޒަލްއަށް އޭނާ ފެނުނު މީ ފުރަތަމަ ފަހަރެވެ. ފަނޑު ރޮނގެއް ދަމާފައި ހުރި އަތްދިގު ހުދު ގަމީހާއި އަޅި ކުލައިގެ ފަޓުލޫނުގައި ކަޅު ބޫޓެއްގަ ޝިޔާނު ފެންނައިރު އޭނާގެ ގައިގަ ތަނެއްގެ ވެރިއެއްގެ ސިފަ ޖަހައެވެ. އިސްތަށިގަނޑު ވެސް ހުރީ ރަސްމީ ސިފައެއް ފާޅުވާ ފަދަ ގޮތަކަށް އޮމާންކުރެވިފައެވެ. އޭނާގެ ކަރުގައި އޮތް ޓައީ ނަގާ ޖީބަށް ލިއެވެ. ލިއަމް ސައިކަލު ނަގައިގެން ގޭޓުން މަގަށް ނުކުތުމުން ހޭޒަލް ގޭޓު ލައްޕާލިއެވެ. އަދި އައިސް ލިއަމްގެ ފަހަތަށް އެރިއެވެ.
"ދަރި ސްކޫލަށް ލާފަ މިކޮޅަށް ބަހައްޓަން ހުރީ، އެކަމަކު ކުއްލިއަކަށް ގެއަށް ވަދެލަން ޖެހުނީމަ ލަސްވީ" ޝިޔާނު ބުންޏެވެ.
"އިޓްސް އޯކޭ... އެހާ އަދި ލަހެއްނުވެއެއްނު، އެހެންނޫނަސް ޒެއްލުއަށް ކާންދޭން ފަރުހާދު އުޅޭއިރު އޭނާ ގެންދަން ހުރީ އަހަރެން ދޯ، އަހަރެމެން ނުދަނީސް ނުއެއް ފެށޭނެއެއްނު" ލިއަމް ބުނެލިއެވެ.
އަތިރިމަތީ ޖަހާފައި ހުރި ހޮޅުއަށިތައް ފެންނަން ހުއްޓެވެ. މެންދުރު ގަޑިތަކުން އެކެއް ޖަހައިފިއެވެ. ކަންމައްޗަކަށްވާހެން ހުރި ތަނަކަށް ޝިޔާނާއެކު ލިއަމް މަޑުކުރިއެވެ. އެތަން ބޭރުން ފެންނައިރު ހޭޒަލްއަށް ހީވީ ސައި ހޮޓަލެއް ހެންނެވެ. އެހެން ހޭޒަލް އަހާލުމުން ޝިޔާނު ބުނީ އެއީ ފަރުހާދުގެ ކޮންމެވެސް މީހެއްގެ ތަނެއް ކަމުގައެވެ. އެތަނުގެ އޭސީ ކޮށްފައިވާ ބައެއް ހުންނާނޭކަމާއި ކަމެއް ބޭއްވިޔަސް ބާއްވާނީ އެބައިގަކަން ޝިޔާނު ބުންޏެވެ. ޝިޔާނު ކުރިއަށް ހުރެ އެތަނަށް ވަނެވެ.
ދިގު މޭޒުގެ ދޮށުގައި އޭރު ވެސް ބާރަވަރަކަށް މީހުން ތިއްބެވެ. ހުސް ފިރިހެނުންނެވެ. ލިއަމް ފެނުމުން އެމީހުންގެ ހަރަކާތްތައް ހުރި ގޮތުންނާއި ގޮވާލި ގޮތުން އެއީ ކޮންބައެއްކަން އޭނާއަށް އެނގޭކަން ޔަގީނެވެ. ފަރުހާދު ނިކަން ހިނިއައިސްފަ މޭޒު ދޮށުން ތެދުވިއެވެ. ހޭޒަލްއަށް ގޮވާލައި އޭނާ އިން ހިސާބު ކުރިމަތިން ހުސް ގޮނޑި ދައްކާލިއެވެ. އެންމެންގެ ނަޒަރުތައް ހޭޒަލްއަށް ހުއްޓިފައި ހުރިކަން އޭނާއަށް އިޙްސާސް ކުރެވުނެވެ. އެ ހުރިހާ ފިރިހެނުންގެ ބެލުންތަކުން ހޭޒަލްއަށް އުނދަގޫވިއެވެ. ޝިޔާނާއި ޖެހިގެން ލިއަމް އިށީނުމުން އޭނާގެ ގާތުގައި ހޭޒަލް އިށީނެވެ. މޭޒުމައްޗަށް ނަޒަރު ހިންގާލިއިރު ކެއުމަށްޓަކައި ސުފުރާ ހުރީ ތައްޔާރުކޮށް ނިމިފައެވެ.
"މީ ލިއަމްގެ މަންޖެއަކީ" އެމީހުންގެ ތެރެއިން މީހަކު ބުންޏެވެ.
"ވަގު ގޮލައެކޭމީ... އަހަރެމެންނަށް ފޮރުވައިގެން އެ އުޅެނީ" އެހެން މީހަކު ބުނެލިއެވެ.
"މިހެންވެގެން ދޯ މީނަ ނުފެންނަނީ..." ފަރުހާދުގެ ގާތުގައި އިން އިސްކޮޅުން ދިގު މީހަކު ބުނެލިއެވެ.
"ކާމިޔާބު ފިރިހެނެއްމީ..." ދުރުގައި އިން ފިރިހެނަކު މިހެން ބުނެ ބާރު ހިނިގަނޑެއް ޖަހާލިއެވެ.
މޭޒުދޮށުގައި ތިބި މީހުން ހޭޒަލްއަށް ނޭނގޭނެތީ އެއީ ކޮންބައެއްކަން ޝިޔާނު ކިޔާދިނެވެ. އެކަކީ ރަށުގައި ގޭހާއި ތެލުގެ ވިޔަފާރީގެ ބޮޑު މީހާ އަސްލަމެވެ. އެންމެން ވެސް ކިޔަނީ އަސްލަމްބެއެވެ. ފަރުހާދާ އެންމެ ގާތުގައި އިނީ އޭނާއެވެ. ރަށު އޮފީހާއި ކޯޓުގެ އިސް ވެރިއަކު ވެސް އެތަނުގައި އިނެވެ. ރަށުގަ އެންމެ ގިނަ މީހުން ދަތުރުކުރާ އެންމެ ގިނަ އޮޑި ގެންގުޅޭ މީހާ ވެސް އެ ސުފުރާ ދޮށުގައި އިނެވެ. އެންމެ ދުވަސްވީ މީހާއަށް އިޝާރާތްކޮށް އޭނާއަކީ ނޫސްވެރިކަމުގެ މަސައްކަތް ރަށުގައި ފުރަތަމަ ކުރަންފެށި މީހާކަން ޝިޔާނު ބުނެދިނެވެ. ވަކި މީހަކަށް ދޫކުރާނޭ މީހަކު އެތަނުގައި ނެތެވެ. އެ އެންމެން ވަށްބަހުން ދުރުދުރުން ލިއަމްއާ އެކި ގޮތްގޮތަށް ދިމާކޮށް ހެދިއެވެ. ބައެއްފަހަރަށް ބުނެލާ އެއްޗެހި ފަރުހަދު މަނާ ކުރެއެވެ. ހޭޒަލް އިނީތީ ބަލައިލައިގެން ވާހަކަދެއްކުމަށް އޭނާ ބުންޏެވެ. އެމީހުން ސަކަރާތުން ބޮޑުބައެއް އަދި ނުފެންނަކަން ހޭޒަލްއަށް ނަގައިގަނެވުނީ އެހެންވެއެވެ. އޭނާ ނެތްނަމަ ކޮންމެފަދަ ވާހަކައެއް ވެސް އެމީހުންގެ ތެރޭ ދެކެވިދާނެކަން އެނގުނެވެ. އެތަނުގައި ގިނައީ މީހުންނާ އިނދެގެން އުޅޭ މީހުންނަށް ވިޔަސް އެމީހުންގެ ތެރޭގައި އަންހެނުންނާ އަޅުވާ ދިމާކޮށް ހެދިއެވެ. އެކަމުގެ ތެދުދޮގު އެނގޭނީ ހެއްދެވި ފަރާތަށެވެ. ހޭޒަލްއަށް އެ ވާހަކަތަކުން އެއްވެސް ކަމެއް ނޭނގުނެވެ.
ކައި ނިންމާފައި ނުކުމެ ފަރުހާދާއި އަސްލަމާއެކު އައުމަށް އެދުމުން ހޭޒަލް ގޮވައިގެން ލިއަމް ދިޔައީ އެމީހުންނާއެކުއެވެ. ޝިޔާނު އެނބުރި އޮފީހަށް ދާންޖެހޭތީ އޭނާ ފަހުން ގުޅާނަން ކަމަށް ބުނެ ވަކިވީއެވެ. އަސްލަމްގެ ގެއަށް ހޭޒަލް ގެންގޮސް އޭނާގެ އަންހެނުންނާއި ޢާއިލާ ކުދީންނާ ބައްދަލުކޮށްދިނެވެ. އަދި މާލެ ދިއުމުގެ ކުރީން ހަދިޔާ ތައްޔާރުކޮށްދޭނަން ކަމުގައި ބުންޏެވެ. ފުރުމުގެ ކުރީން އެއްދުވަހު އެގެއަށް ކާން އަންނަންވާނޭކަމަށް އަސްލަމް ބުންޏެވެ. އޭނާގެ އަންހެނުން ދޮންމަދު ކޮތަޅެއް ވެސް ހޭޒަލްއަށް ދިނެވެ. ހޭޒަލްއަށް ތަފާތު އިޙްސާސެއް ކުރެވުނެވެ. އެ ރަށުގައި ލިއަމްގެ ރަޙުމަތްތެރިން އެބަތިއްބެވެ. ވީއިރު ހޭޒަލް އައީސުރެން އެ މީސް މީހުންނާ ބައްދަލުކޮށްދިނުމުގެ ބަދަލުގައި އަލްމާމެންގެއަށް ހޭޒަލް ގޮވައިގެން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދިޔަ ދިއުން ހޭޒަލްއަކަށް ނުވިސްނެއެވެ. އެ ގެއަށް ނުގޮސް ޝިޔާނު ނޫނަސް ލިއަމް ބައްދަލުކުރާނޭ މީހުން މަދެއްނޫންކަން މިހާރު ހޭޒަލްއަށް އެނގެއެވެ. ހަޤީޤަތް ނޭނގުނަސް އަލްމާދެކެ ހޭޒަލްވަނީ ވަރަށް ބޮޑަށް ފޫހިވެފައެވެ. ކޮންމެ ތަނެއްގައި ވެސް އުޅުންނެތް މީހުން ތިބޭނޭކަން އެނގެއެވެ. އޭގެ ތެރޭގައި އަލްމާ ހިމެނޭނެކަން ހޭޒަލްއަށް ޔަގީނެވެ.
* * * * *
ހޭޒަލް ފުރަން ކައިރިވެފައި އޮތުމުން ލިއަމް ވެސް ގަސްދުކުރީ އޭނާ ޠަބީޢަތަށް ބަދަލުއަތުވެދާނެ އެއްވެސް ކަމެއް ނުކުރުމަށެވެ. އަނބިމީހާ އުފަލުގައި ރުހިގެން ހުރެ އެނބުރި މާލެ ދިއުމަށް ލިއަމް ބޭނުންވެއެވެ. އެހެންވެ ޝިޔާނާއެކު ޔުސްރާއާއި އަލްމާއާ ބައްދަލުކުރާކަށް ނުދެއެވެ. އެހެންވިޔަސް ޝިޔާނާއެކު ހޭޒަލް ގޮވައިގެން ލިއަމް ރަށުތެރެއަށް ނުކުމެއެވެ. ތިންމީހުން އެކުގައި ކޮފީއެއް ބޯލަން ދިއުމާއި ބޭރުން ކެއުމުގެ ކަންކަން އޮވެއެވެ. ލިއަމް ވެސް ޝިޔާނު ގާތު ހޭޒަލް ފުރަން ކައިރިވާތީ އޭނާއާއެކު ވަގުތު ހޭދަކުރަން ބޭނުންވާކަން އޮތީ ބުނެފައެވެ. ހޭޒަލްއަކީ ލިއަމްއަށް ކިހާ މުހިންމު މީހެއްކަން ޝިޔާނަށް އެނގެއެވެ. އޭނާ އެވަރުދަނެއެވެ. އެ ދެމަފިރިން އެކުގައި އުޅޭނޭ ވަގުތު އޭނާ ދެއެވެ.
"ލޯބީ!... ހިޔާ އެޅުނީމަ ގާޑަންތެރޭ އެހުރި ގޮނޑިތަކުގަ ސަޅި ފޮޓޯއެއް ނަގަން ހިނގާބަލަ... އަދޮ ފޯ ފިފްޓީން އެވީ، ހީވަނީ ފައިވްތާޓީކަން ހާއިރަށް އެއްކޮށް ހިޔާ އޮންނާހެން" ފޯނު ހިފައިގެން ސޯފާގަ ބަންޑުން އޮވެ ހޭޒަލް ބުންޏެވެ. އޭނާ ފޯނުގެ ގެލެރީގަ ހުރި ލިއަމްއާއެކު ނަގާފައިވާ ފޮޓޯތައް ބަލަނީއެވެ. ލިއަމް އިނީ ވަކިން ހުރި ގޮނޑީގެ ތެރެއަށް ވެއްޓިގަނެގެންނެވެ. އަތްގަނޑާ ދިމާއިން ދެފައި އެލުވާލައިގެން އަނެއްފަރާތު އަތްގަނޑާ ދިމާގަ ބުރަކަށި ޖައްސާލައިގެން ހޭޒަލް ފެންނާނޭހެންނެވެ.
"ހަމަ ނަގަންވީ، ޒެއްލުއާއެކު ލޯބި ފޮޓޯއެއް މިކޮޅުގަ އަދި ނުނެގޭ، އެނގޭތަ!...އެނިވާސަރީ ފޮޓޯތައް ލިބިފަ ހުރީ، އެކަމަކު އަހަންނަށް މާލެ ދެވުނީމަ ނަގާނީ..." ލިއަމް ބުންޏެވެ.
"އެ ފޮޓޯތައް ވަރަށް ބަލާލާހިތްވޭ، ލިއަމް!... ހާދަ އަވަހޭ މި ވީކް ދިޔަލެއް... ނޫންތަ!... ޓޫ ޑޭޒް ދެން އޮތީ..." ފުރަން ޖެހޭތީ އެ ޚިޔާލު އާވުމުން ހޭޒަލް ކުސްތަޅާލިއެވެ. ލިއަމް ގޮނޑިން ތެދުވެގެން އައިސް ހޭޒަލްގެ ހީލި ހުންނަ ހިސާބުގައި ގިލިގިލި ކޮއްޓާލިއެވެ. ކޫސަނި ޚިޔާލުތަކުން ހޭޒަލް ދުރުކޮށްލުމުގެ ގަސްދުގައެވެ. ދެމީހުން ސޯފާގަ ސަކަރާތުގައި ތިއްބަ އެޕާޓްމެންޓު ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ.
"ކާކު؟..." ހައިރާންކަމާއެކު ހޭޒަލް އަހާލީ ލިއަމް ގާތުއެވެ. އޭނާ ދެ ކޮނޑު އަރާލީ ނޭނގެއޭ ބުނާ ފަދައިންނެވެ.
"ޝިޔާނުތަ؟" ހޭޒަލް އަހާލިއެވެ.
"އޭނާ ގުޅާފަ އަންނާނީ" ހޭޒަލްގެ ގައިމަތިން ސޯފާއިން ލިއަމް ފޭބިއެވެ. އޭނާ ދޮރުހުޅުވަން އުޅުމުން ހޭޒަލް ވެސް ސޯފާއިން ފައިބައިގެން ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ލައިގެން ހުރި އަތްކެނޑި ކްރޮޕް ޓީޝާޓުކޮޅާއި ކުރު ސޯޓުބުރީގައި މީހަކަށް ފެނިދާނެތީއެވެ. ހޭޒަލް ކޮޓަރިއަށް ވަދެ އެއްފަރާތުގައި ހުރި ގޮނޑީގަ އަޅުވާފައި އޮތް ގަމީސް ނަގާ ގަޔަށް ހެޔޮވަރުކޮށްލީ ގޮށްއެޅުވުމެއްނެތިއެވެ. ބައެއްގެ އަޑު އިވުމުން ހަލުވިކޮށް ހޭޒަލް އައިސް ކޮޓަރީގެ ދޮރުހުޅުވާލިއެވެ. ސިޓިންރޫމުގައި ތިބީ ޔުސްރާއާއި އަލްމާއެވެ. ހޭޒަލްގެ ނަޒަރު ދަތުރުކޮށްލީ ވަގުތުން ލިއަމްއަށެވެ. އޭނާގެ މޫނުން ވެސް ފެންނަނީ ހައިރާންކަމެވެ. އޭނާ އަވަހަށް އައިސް ހޭޒަލްގެ ގައިގާ ހިފަހައްޓާލައި ގާތްކޮށްލައިފިއެވެ.
"ދޭ ޓީޝާޓެއްލާން" ހަމައެކަނި ސޯޓުބުރިއެއްގަ ލިއަމް ހުރުމުން ހޭޒަލް މަޑުމަޑުން ބުނެލިއެވެ.
"ޒެއްލު... ކީއްވެތަ ނާންނަނީ..." ޔުސްރާ ސޯފާގައި އިށީނެވެ. އަލްމާގެ ނަޒަރު ލިއަމްއިން ނެއްޓި ހޭޒަލްއަށް ހުއްޓުނެވެ.
"ބަލާބަލަ ލާފަ ހުރި އެއްޗެހި... ދެމީހުން ކަމެއްގަ އުޅެނިކޮށް ދޯ މިއާދެވުނީ" އަލްމާ ބުންޏެވެ.
"އާން! ވަރަށް ބިޒީކޮށް އުޅެނިކޮށް ތިއައީ... ދެން ބަޔަކު އައީމަ ޖެހޭނީ މެދުކަނޑާލަންތާ" ހޭޒަލް ލާނެތް ހިންޏެއް އައިސްފަ ހުރެ ބުންޏެވެ.
"ލިއަމް ކީއްވެތަ ޓީޝާޓު ތިލީ... އެ ނުލާ ހުރިއިރު މާރީއްޗޭ... ދޯ ޔުސްރާ" ލިއަމް ކޮޓަރިން ނުކުތުމުން އަލްމާ ބުންޏެވެ. ލިއަމް އައިސް ހޭޒަލްގެ ގާތުގައި ހުއްޓިލިއެވެ.
"ކޮބާ ޝިޔާނު؟" ލިއަމް އަހާލިއެވެ.
"އޭނާ އަބަދު ފަހަތުލައިގެންތަ އުޅެންވާނީ" އަލްމާ ރައްދު ދިނެވެ.
"އަދި ނާދޭ... މީނަ ޒެއްލު ގާތަށް އަންނަން ކިޔާވަރުން މިއައީ" ޔުސްރާ ބުންޏެވެ.
"މިތިބަ ދެ މީހުން... ދުރުގަ ވެސް ނުތިބެޔޭ... އަބަދު ތަތްވެފަ..." ލިއަމްއާއި ހޭޒަލްއަށް ބަލާލާފަ އަލްމާ ބުންޏެވެ.
"ކޮބާ މައްސަލައަކީ... ހިލޭ ފިރިހެނެއްގަ ގައިގަ ތަތްވެގެން ނޫޅެމެންނު... ދޯ ލިއަމް" ހޭޒަލް ބުންޏެވެ. އަލްމާ ފެނުނީސުރެއް ހޭޒަލްގެ ޠަބީޢަތް ގޯސްވެއްޖެއެވެ.
"ޔުސް... އުޅޭ މި ދެ މީހުންނަށް ލަގާއެއް ދޭން" އަލްމާ ހީނގަންނަމުން ބުންޏެވެ.
"ކޮންކަހަލަ..." ޔުސްރާ ބުނެލިއެވެ.
"ދެ މީހުން ދުރުގަ ތިބޭކަހަލަ" އަލްމާ އަދިވެސް ހެނީއެވެ.
"ޖޫސް ބޯނަންތަ؟ އެބައަންނަން ތި މީހުންނަށް އެއްޗެއް ހިފައިގެން... އަހަރެން އުޅޭތަނަށް އައީމަ އެއްޗެއް ނުދީ ފޮނުވާލަކަށް ނުވާނެއެއްނު" ހޭޒަލް ބުންޏެވެ. އަދި ލިއަމްއަށް ބަލާލާފައި ހޭޒަލްއާއެކު އައުމަށް ބޮލުން އިޝާރާތްކޮށްލިއެވެ. ދެމީހުން ހިނގައިގަންނަން އުޅެނިކޮށް ކުއްލިއަކަށް އެ ދެމެދަށް އަލްމާ އައިސް ވަދެއްޖެއެވެ. ހޭޒަލް ދުރުކޮށްލުމާއެކު ލިއަމްގެ އަތުގައި ހިފާ ދަމައިގަންނަމުން އޭނާގެ ބުރަކަށީގައި އަޅާ ކޮށްޕަމުން ގެންގޮސް ކޮޓަރިއަށް ވަނެވެ. ލިބުނު ސިހުމުގައި ހޭޒަލްއަށް ކުއްލި ހަރަކާތެއް ގެންނަން ނޭނގިފައި ހުރެވުނެވެ.
"ދެން ދެމީހުން ތަތްވެގެން ތިބެބަލަ" އަލްމާގެ އަޑާއެކު ކޮޓަރީގެ ދޮރު ލެއްޕި ތަޅުލެވުނު އަޑު އިވުނެވެ.
ހޭޒަލްއަށް ބަލާލެވުނީ ސޯފާގަ އިން ޔުސްރާއަށެވެ. އޭނާ ވެސް އިންތަނުން ތެދުވެ ހުރީ ފާޑަކަށް ހިނިއައިސްފައެވެ. ހީވަނީ އަލްމާ އެކުރީ މާ މަޖާ ކަމެއްހެންނެވެ. ހޭޒަލްގެ ގަބުކަން ފިލައި ވަގުތުން އައިސް ކޮޓަރީ ދޮރު ކައިރީ ހުއްޓުނެވެ.
"މި ދޮރު ހުޅުވާ..." ތަޅުގައި ހިފާލުމާއެކު ހޭޒަލް ބުންޏެވެ.
(ނުނިމޭ)