ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރާ އެއް ރަށް ކަމަށްވާ އއ. ތޮއްޑޫގައި އުފައްދާ ދަނޑުވެރިކަމުގެ ސާމާނު އެސްޓީއޯ އިން ރިސޯޓުތަކަށް ވިއްކައިދޭން ނިންމައި، ދަނޑުވެރިކަން ކުރިއަރުވަން ހާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.
ކްރޮސްރޯޑް މޯލްޑިވްސް- އެނބޫދޫ ފަޅުގައި މިހާރު ކުރިއަށް ގެންދާ "މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސު" ގައި އެސްޓީއޯ އިން ވަނީ އެ ކުންފުނިން ދިވެހި ދަނޑުވެރިކަަން ކުރިއަރުވަން ހާއްސަކޮށް އެ ކުންފުނީގެ މަޝްރޫއުގެ މައުލޫމާތު ދީފަ އެވެ. މި މަޝްރޫއު ފެށުމުގެ ގޮތުން ފުރަތަމަ ފުރަތަމަ ވިއްކުމުގައި އެހީތެރިވެދޭނީ އއ. ތޮއްޑޫގައި އުފެއްދާ ބާވަތްތަކެވެ.
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ އެ ކުންފުންޏަކީ މީގެ 54 އަހަރު ކުރިން ރާއްޖޭގައި ކާނާގެ ރައްކާތެރިކަން ދެމެހެއްޓުމަށް ސަރުކާރުން އުފެއްދި ކުންފުންޏެއް ކަމަށެވެ. އެ ކުންފުނިން މިހާރު ރާއްޖެއަށް ތެޔޮ އެތެރެ ކުރަމުން ދާއިރު، އެ ކުންފުނީގެ ޑިޕާޓްމަންޓެއްގެ ގޮތުގައި އުފެއްދި މިހާރު ކުންފުންޏެއްގެ ގޮތުގައި އޮފް މިފްކޯ އިން މަސްވެރިކަމަށް ބޮޑު އެހީތެރިކަމެއް ދެމުން ގެންދާ ކަމަށެވެ.
އެމްޑީ ވިދާޅުވި ގޮތުގައި އެ ކުންފުނިން އަލަށް ފަށަން ތައްޔާރުވާ މަސައްކަތްތަކީ ދަނޑުވެރިކަމަށް އެހީތެރިވެ ދިނުން ކަމަށެވެ. މި މަސައްކަތުގެ ދަށުން ދަނޑުވެރިކަމުގެ ސާމާނު އެ ކުންފުނިން ރާއްޖޭގެ އެކި ހިސާބުތަކުގައި ހަދާ ތަންތަނަށް ގެނެސް ދިނުމުން ރިސޯޓުތަކަށް މާކެޓުކޮށްދޭން ނިންމާފައިވާ ކަމަށެވެ.
"އެސްޓީއޯއާ ހަމަ އަށް ގެނެސް ދިނުމުން އުފެއްދުންތައް ޕެކްކޮށް ރިސޯޓުތަކާ ހަމައަށް ގެނެސްދޭނެ. މީގައި އެސްޓީއޯ އިން ޔަގީންކަން ދޭނަން އޭގެ ކޮލިޓީ އަށް،" އަމްރު ވިދާޅުވި އެވެ.
ކްރޮސްރޯޑުގައި މިހާރު ކުރިއަށް ގެންދާ ޓޫރިޒަމް ކޮންފަރެންސުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އިސް ގިނަ ފަރާތްތަކެއް ބައިވެރިވެއެވެ. މިގޮތުން ބައެއް ރިސޯޓުތަކުގެ އޮފިޝަލުން ވަނީ އެސްޓީއޯގެ މި މަސައްކަތަށް މަރުހަބާ ކިޔައި އެކަން ކޮށްދިނުމުގައި އެހީތެރިވެދޭނެ ކަމަށް ބުނެފަ އެވެ.