ރައީސް އަބްދުﷲ ޔާމީން

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައީ އަޑު ކަނޑުވާލަން: ޔާމީން

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ފާސް ކޮށްފައި ވަނީ ރައްޔިތުންގެ އަޑު ކަނޑުވާލުމުގެ ގޮތުން ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ދިއްފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މަޖިލީސް ޗުއްޓީގައި ވަނިކޮށް، ގާނޫނުތަކަށް އިސްލާހު ގެންނަން ފޮނުވުމުގެ ނިޔަތް ރަނގަޅު ނޫން ކަމަށެވެ.

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ ސަރުކާރާމެދު ހިތްހަމަނުޖެހޭ މީހުންގެ އަޑު ކަނޑުވާލައި، އެ ފުރުސަތު ބަންދު ކުރުން ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ ޓެރަރިޒަމް ހުއްޓުވުމުގެ ނަމުގައި އެ ގާނޫނަށް ގެނައި އިސްލާހުތަކަކީ ސަރުކާރަށް އުދަނގޫވާ ޒާތުގެ ވާހަކަތައް ހުއްޓުވުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އިސްލާމްދީނާއި، އިލްމުވެރިންނަށް ފުރައްސާރަ ކުރުން އާންމުކަމަށް ވެފައިވާ ކަމަށާއި މީހުންގެ ހައްގުތަކަށް އަރައިގަންނަމުންދާއިރު އެއިން އެއްވެސް ކަމަކަށް މި ސަރުކާރަށް ހައްލު ހޯދާދެވިފައިވެސް ނުވާ ކަމަށެވެ.

"ދީނަށް ފުރައްސާރަ ކުރުން، އިލްމުވެރިންނަށް ފުރައްސާރަ ކުރުން ފަދަ އެތައް ކަމެއް އަޅުގަނޑުމެންގެ ރާއްޖޭގައި މިއަދު އާންމުވެއްޖެ. އެކަމަކު މިކަމުގެ ހައްލު ސަރުކާރުން ހޯއްދަވައި ދެއްވާތަނެއް ނުފެނޭ. ހަމަ އެހެން މީހުންގެ ހައްގުތަކަށް އަރައިގަންނަމުންދާއިރު، އެކަމަށްވެސް ހައްލެއް ސަރުކާރުން ހޯއްދަވައި ދެއްވާ ތަނެއް ނުފެނޭ." ރައީސް ޔާމީން ވިދާޅުވިއެވެ.

އިމްރާން އިއްޔެ ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން ލިޔެފައިވާ ޚަބަރު

ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުން ދީނީ އިލްމު ފެތުރަން އެއްވެސް ހުރަހެއް ނެތް ކަމަށާއި އެ މަސައްކަތް ކޮށްގެން އެއްވެސް އިލްމުވެރިއަކަށް ނުހައްގުން ފިޔަވަޅު އެޅުމުގެ ޖާގައެއް ބިލުން ދެވިފައި ނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައިވާތީ އެކަމާ ގުޅޭގޮތުން ވެސް ރައީސް ޔާމީން މިއަދު ވާހަކަފުޅު ދެއްކެވިއެވެ.

ވިދާޅުވީ ހަމައެކަނި އަނގައިގެން ބުނެލައިގެން އެކަންކަން ގަބޫލު ކުރެވެން ނެތް ކަމަށެވެ. އަދި ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުން ތަންފީޒީ އިދާރާތަކަށް ބޮޑެތި ބާރުތަކެއް ލިބި ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެ ކަމަށް ބުނި ނަމަވެސް އިތުބާރު ނެތްކަމަށް ކުރީގެ ރައީސް ވިދާޅުވިއެވެ.

"ކިހިނެތްތޯ އިތުބާރު ކުރާނީ. މިހާތަނަށް ނުކުރާނެ ކަމަށް ވިދާޅުވި ހުރިހާކަމެއް ވަނީ ކޮށްފައި."

ޓެރަރިޒަމްގެ ގާނޫނު އިސްލާހު ގެނައުމުގެ ބިލުގައި ކުރިއަށްވުރެ ބޮޑަށް ޓެރަރިޒަމްގެ ކުށް ބަޔާންކޮށްދީފައިވާތީވެ އެ ބިލުގެން ނާޖާއިޒު ގޮތުގައި ބޭނުން ކުރުމުގެ ބަދަލުގައި އެ ކަން ހުއްޓިގެން ދާނީ ކަމަށް ސަރުކާރުން ވަނީ ކުރިން ބުނެފަ އެވެ. މީގެ ކުރިން ޓެރަރިޒަމްގެ ގާނޫނުން ސިޔާސީ ބައެއް ބޭފުޅުންނަށް ނުހައްގު ހުކުމްތަކެއް ކުރި ނަމަވެސް ދެން އެ ކަން ނުވާނެ ކަމަށް ސަރުކާރުން ބުނެއެވެ.