ހަބަރު

ޓޯކްއެމްގެ "ވުމަން" މެގެޒިން ނެރެފި

ހުނަރުވެރި މަސައްކަތްތައް ކުރާ އަންހެނުންގެ އެކިއެކި ވާހަކަތައް ހިމެނޭ ގޮތަށް ޓޯކް#އެމް އިން "ވުމަން" ގެ ނަމުގައި ނެރޭ މެގެޒިން މިއަދު ލޯންޗުކޮށްފި އެވެ.

ރަސްފަންނު ޕެވީލިއަންގައި ބޭއްވި ރަސްމިއްޔާތެއްގައި ޓޯކް#އެމްގެ ވުމަން މެގެޒިން ލޯންޗު ކޮށްދެއްވީ އެ މެގެޒިންގެ ޗީފް އެޑިޓާ މަރިޔަމް ވަހީދާ އާއި ވެމްކޯގެ އަންހެން މުވައްޒަފެއް ކަމަށްވާ ނުޒުހަތު މުހައްމަދެވެ. މި ރަސްމިއްޔާތުގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒުނާ އަހުމަދަށް ވަނީ އެ މެގެޒިން އަރުވާފަ އެވެ.

ވުމަންގެ ފުރަތަމަ މެގެޒިންގައި ހަތަރު ކަނބަލެއްގެ ވާހަކަ ގެނެސްދީފައި ވެއެވެ. އޭގެ ތެރޭގައި ދުވުންތެރިޔާ ތޫމާ އާއި، ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ އަފާ އާއި، ބަޔޮލޮޖިސްޓް ހަފުނާ އަދި ސަގާފީ މަސައްކަތްތެރިއެއް ކަމަށްވާ ފާއިޒާގެ ވާހަކަ ހިމެނެ އެވެ.

މި މެގެޒިން ޓީމުގައި ހިމެނެނީ ޗީފް އެޑިޓާ މަރިޔަމް ވަހީދާއާއި، އެސިސްޓެންޓް އެޑިޓާ ޑރ. މަރިޔަމް ވަސީމާ އާއި، މާކެޓިން އެގްޒެކެޓިވް އައިޝަތު މާއިޝާ އިސްމާއީލާއި، ލިޔުންތެރިޔާ މަރިޔަމް ތަސައްނަމް ވަހީދު އާއި، ލިޔުންތެރިޔާ ހައްވާ ޝަހީނާ މުހައްމަދު އާއި، ގްރެފިކް ޑިޒައިނާ ހައްވާ ޝިތުނާގެ އިތުރުން ފޮޓޯގްރާާފަރު އަދި ވީޑިއޯގްރާފަރު އަލީ ފާރިޝް އެވެ.

ޗީފް އެޑިޓާ މަރިޔަމް ވަހީދާ ވިދާޅުވީ ރާއްޖޭގައި ހުނަރުވެރި ގިނަ ކަނބަލުންގެ މަސައްކަތްތަކުގެ ވާހަކަތައް ގެނެސް ނުދެވި އެބަހުރި ކަމަށާއި ވުމަން މެގެޒިން މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަނބަލުންގެ ވާހަކަތައް ގެނެސްދޭނެ ކަމަށެވެ.

"ޓޯކް#އެމް" އަކީ މުޖުތަމައުގައި ވާހަކަ ދެއްކުމުގެ ހުނަރު ދިރުވުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އެ ގޮތުން ސަރުކާރުގެ މުއައްސަސާތަކުގެ ބޭފުޅުންނާއި އެކިއެކި ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ވާހަކަ ދެއްކުމުގެ ތަމްރީންތައް ހިންގާއިރު، ކިޔަވާ ކުދިންނަށް ވެސް އެފަދަ ކަންކަމަށް ހިތްވަރު ދިނުމަށް މަސައްކަތް ކުރެ އެވެ.